ސްވިޑަން ކޮލިފައިވެ އިޓަލީއާ ނުލައި މިފަހަރުގެ ވޯލްޑް ކަޕް ބާއްވަން ޖެހިއްޖެ

އިޓަލީގެ ކޯޗް ޖިއަމްޕިއޭރޯ ވެންޗޫރާ އާއި ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފައި -- ފޮޓޯ: ބީބީސީ

ދުނިޔޭގެ ފުޓްބޯޅައިގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ، ފުޓްބޯޅައިގެ ގަދަފަދަ ބާރުކަމަށްވާ އިޓަލީއަށް ރަޝިއާގައި 2018 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ ފުރުސަތު ގެއްލިއްޖެއެވެ.

މިލާންގެ ސެންސީރޯގައި ރޭ ކުޅުނު ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ދެވަނަ ލެގުގެ މެޗުގައި ސްވިޑަންއާ ވާދަކޮށް ލަނޑެއް ނުޖެހި ދެޓީމު އެއްވަރުވުމުން، އެގްރިގޭޓް ނަތީޖާއިން މޮޅުވެ ސްވިޑެން ވަނީ 2006 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ސްވިޑަން އެންމެ ފަހުން ވޯލްޑް ކަޕްގައި ކުޅުނީ އިޓަލީން އެންމެ ފަހުން ވޯލްޑް ކަޕް ކާމިޔާބުކުރި ފަހަރެވެ. ހަމަ އެއާއެކު އިޓަލީއަށް މިވަނީ ބައި ގަރުނަށް ފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ފުރުސަތު ގެއްލިފައެވެ.

އެގްރިގޭޓް ނަތީޖާއިން 1-0 އިން ސްވިޑެން އަތުން ބަލިވެ އިޓަލީއަށް ވަނީ 60 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ފުރުސަތު ގެއްލިފައި -- ޔާހޫ ފޮޓޯ: ގެޓީ

މީގެ ކުރީން ސްޓޮކްހޯމްގައި މި ދެޓީމު ވާދަކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ، 1-0 އިން ސްވިޑަން މޮޅުވެގެންނެވެ. މި ނަތީޖާއާއެކު، އިޓަލީއަށް މިވަނީ، 1958 ވަނަ އަހަރަށް ފަހު ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުން ދެވަނަ ފަހަރަށް ޖާގަ ގެއްލިފައެވެ. އިޓަލީ ނުލައި ވޯލްޑް ކަޕް ކުޅެފައި ވަނީ، 1930 ވަނަ އަހަރު ބޭއްވި އެންމެ ފުރަތަމަ ވޯލްޑް ކަޕްގައެވެ.

މެޗުގެ ކުރީންވެސް އަދި ފަހުންވެސް އިޓަލީގެ ކޯޗު ޖިއަމްޕިއޭރޯ ވެންޗޫރާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ވަނީ، ކޮލިފައި ނުވުމުގެ ޒިންމާ ހަމައެކަނި ކޯޗުގެ ބޮލަށް ކަނޑާލަން ނުޖެހޭކަމަށް ބުނެފައެވެ.

ސެން ސިރޯގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް، އިޓަލީން ވަނީ ސްވިޑެންގެ ގޯލަށް އަމާޒުކޮށް 20 ހަމަލާ ފޮނުވާލައިފައެވެ. މެޗުގެ 76 އިންސައްތަ ކޮންޓްރޯލް ކުރީވެސް އިޓަލީކަން ފާހަގަކުރެވެއެވެ.

މެޗުގައި އިޓަލީއަށް ލަނޑުޖަހަން ލިބުނު އެންމެ ރަނގަޅު ފުރުސަތަކަށް ފާހަގަވީ، މެޗު ނިމެން ކައިރިވެފައި ވަނިކޮށް، ސްޓެފަން އަލް ޝަރާވީ ސްވިޑަން ގޯލަށް ފޮނުވާލި ބާރު ހަމަލާއެވެ. އެހެން ނަމަވެސް އެހަމަލާގެ ވެސް ހުރަހަކަށްވީ، އިޓަލީގެ ގިނަ ހަމަލާތަކެއް ރޭ ދިފާއުކުރި ސްވިޑެންގެ ގޯލް ކީޕަރު ރޮބިން އޮލްސެންއެވެ. މީގެ އިތުރުން މިޑްފީލްޑަރު ޖޯޖީނިއޯ އާއި ފްލޮރެންޒީ ފޮނުވާލި ނުރައްކާތެރި ހަމަލާތަކުގެ ހުރަހަކަށްވެސް ވެގެން ދިޔައީ ގޯލް ކީޕަރު އޮލްސެންއެވެ.

އިޓަލީ ކަޓުވާލުމަށް ފަހު 2018ގެ ވޯލްޑް ކަޕް ޖާގައެއް ކަށަވަރުކޮށް ސްވިޑަން ކުޅުންތެރީން އުފާފާޅުކުރަނީ -- ފޮޓޯ: ބީބީސީ

ސްވިޑެންގެ ޑިފެންސް ލައިނުން މެދު ނުކެނޑި އިޓަލީގެ ހަމަލާތައް ދިފާއުކުރަމުން ދިޔައިރު، މުޅި މެޗުގައި ގާތްގަނޑަކަށް ގޯލަށް ނުރައްކާކުރެވޭފަދަ 56 ހަމަލާ ސްވިޑެންގެ ޑިފެންޑަރުން ސާފުކޮށްލާފައި ވެއެވެ.

މެޗު ނިމުމާއެކު ސްވިޑެން ކުޅުންތެރީން، ދަނޑުމަތީގައި އުފަލުން ދުވަމުން ދިޔައިރު، އިޓަލީގެ ގިނަ ކުޅުންތެރީން ތިބީ ދަނޑުމަތީގައި އޮށޯވެ ރޯށެވެ.

އިޓަލީގެ ހައިރާންކުރުވަނިވި ވަދާއާއެކ،ު އެޓީމާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ތިން ކުޅުންތެރީން ކަމަށްވާ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން، ޑިފެންޑަރު އެންޑްރޭ ބަރްޒަގްލީ އަދި މިޑްފީލްޑަރު ޑެނިއެލޭ ރޮސީ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފައެވެ.

comment ކޮމެންޓް