މިއަދަކީ، ދިވެހިން މިދެކޭ ޒަމާނީ ޑިމޮކްރަސީގެ އައު ޙަޔާތުގެ ދުވަހެވެ. އެ ޙަޔާތެއްގެ ފުރަތަމަ ބިނާގެ ބިންގައު 1 ޖަނަވަރީ 1953 ގައި އަޅުއްވައި ދެއްވި ފަރާތަކީ، މުޙަންމަދު އަމީނެވެ. އެބިނާގެ ބިންގައު ދެވަނަ ފަހަރަށް 11 ނޮވެމްބަރު 1968ގައި އަޅުއްވައި ދެއްވީ، އޭރު އޮތް ރަސްކަމުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރެވެ.
ކޮންމެއަކަސް ދިވެހި ޖުމްހޫރިއްޔަތުގެ ފުރަތަމަ ބިނާގެ ބިންގައު އެޅިގެންދިޔައީ، އޭގެ އަހަރު ތަކެއްގެ ކުރީން ދިވެހިރާއްޖޭގެ ރަސްކަމަށް އިސްކުރުމަށް އިންތިޚާބު ކުރެވިފައިވާ ސުމުއްވުލް އަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު، 1952ވަނަ އަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހު، ކޮޅުނބުގައި އަވަހާރަވުމުން، އެ ދަނޑިވަޅުގައި ދިވެހި ދައުލަތުގެ ކަންކަން ބަލަހައްޓަވަމުން ގެންދެވި އެންމެ އިސް ވެރިޔާ، މުޙަންމަދު އަމީންގެ މަސައްކަތުންނެވެ.
މިދެންނެވި ދުވަސް އައިސް ދިވެހީންގެ ކުރިމައްޗަށް ހުއްޓުނުއިރު، ހުސްވެގެންދިޔަ އެ މުހިންމު މަޤާމު ފުރުއްވޭނޭ ހަމައެކަނި ޤާބިލް ބޭފުޅަކީ މުހަންމަދު އަމީނެވެ. އެއީ އެންމެން ޤަބޫލުކޮށްގެން ތިބި ޙަޤީގަތެކެވެ. ވަރަށް ގިނަބަޔަކު އެދެމުންދިޔަ ކަމެކެވެ. ދެކެމުން އައި ހުވަފެނެއްވެސް މެއެވެ.
މުޙަންމަދު އަމީނަކީ، ދިވެހިންގެ ވެރިކަމުގެ ނިޒާމު ޖުމްހޫރީ ނިޒާމަކަށް އެންމެ ފުރަތަމަ ބަދަލު ކޮށްލެއްވި ލީޑަރެވެ. އަމީންދީދީގެ މި ވިސްނުމަށް އެޒަމާނުގެ ޖީލުގެ ވިސްނުން ބައްޓަންކުރެއްވި އާރުކާޓީއަކީ އަމީނެވެ.
ޒަމާންވީ ރަސްކަމުގެ ސަޤާފަތާ އާދަކާދަތައް ނޫން އެހެން ނިޒާމެއް ދެކެފައި ނެތް، އަދި ރަސްކަމުގެ ސަޤާފަތު އެބައެއްގެ ރޫޙުގައި އިންތިހާއަށް އަށަގެންފައި އޮތް ޖީލެއްގެ ވިސްނުން، އެހެން ގޮތަކަށް ބަދަލު ކޮށްލުމަކީ، އާދައިގެ މަސައްކަތެއް ނޫނެވެ. އެއީ ފަހަރެއްގައިވެސް "ފެން ބޮއިފައި ވައިލައްވާލުން" ހާ ފަސޭހަ ކަމެއް ނޫނެވެ.
ޖުމްހޫރީ ނިޒާމަކީ ކޮބައިކަން އެހާ ރަނގަޅަށް ނޭނގިތިބި ބައެއްގެ ޤަދީމީވިސްނުން ބަދަލު ކޮށްލެއްވުމުގައި، އަމީން އަދާކުރެއްވި އެންމެ ބޮޑު ދައުރަކީ، ދިވެހިންނަށް ޤަބޫލުކުރެވޭ ފެންވަރަށް މި ނިޒާމުގެ ފައިދާ ވިދާޅުވެ ދެއްވުމެވެ. އެކަމަށް " ލޮބީ" ކުރެއްވުމެވެ.
އެދުވަސްވަރުގެ "ކަންކަންހިނގާ ގޮތް" ނޯޓުކޮށްފައިވާ މި ފޮތުގައި ބަޔާންކޮށްފައިވާ ޢިބާރާތް ތިރީގައި އަޅުގަނޑު މި ނަކަލު ކޮށްލަނީ، މިދެންނެވި ވާހަކައަށް އިތުރު ހެއްކެއްގެ ގޮތުގައެވެ.
"11 އެޕްރީލް 1952، މި ދުވަހުގެ ހެނދުނުން ފެށިގެން މުޅި އެދުވަހާއި ވިދިގެން އައި ރެޔާއި، ދެން ވިދިގެން އައި ދުވަސް ސުމުއްވުލްއަމީރު މުޙަންމަދު އަމީން ހޭދަކުރެއްވީ، މި މުހިންމު މައްސަލައިގެ ތެރޭގައެވެ. ނުރަސްމީ ގޮތެއްގައި އަތިރީގެއަށް އެކި ޖަމާޢަތުގެ މެންބަރުން ގެންދަވައިގެން ޚިޔާލު ހޯއްދަވައި ހެއްދެވިއެވެ".
އަމީންދީދީ ވާހަކަ ދެއްކެވި ބޭފުޅުންގެ ތެރޭގައި ވަޒީރުންގެ މަޖިލީހުގެ ކުރިއަށް ތިއްބެވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންނާއި ރަށްރަށުން މާލެއަށް ވަޑައިގެން ތިއްބެވި ޢިއްޒަތްތެރިންނާއި މާލޭގެ ކުލަބުތަކާއި ޖަމްޢިއްޔާތަކާއި، މާލޭގެ ހަތަރު އަވަށުގެ އިސް މީހުންވެސް ހިމެނުނެވެ.
މިދެންނެވި މަޝްވަރާތަކުން އަމީންދީދީއަށް ޔަޤީންވި އެއްކަމަކީ، އެމަނިކުފާނުގެ ވެރިކަމަކަށް ރައްޔިތުން އެދިއެދި ތިބިކަމެވެ. އަދި ރައްޔިތުންގެ ފިކުރުހުރީ، ރާއްޖޭގެ ރަސްކަމަށް އަމީންދީދީ، އިންތިޚާބު ކުރުމެވެ. ނަމަވެސް، އަމީންގެ ވިސްނުންފުޅަކީ، ރާއްޖޭގެ ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުކޮށް، ރައްޔިތުން އެ އެދޭ ވެރިއަކު، ވެރިކަމުގެ އައު ނިޒާމުގެ ތެރެއިން ރައްޔިތުންގެ ޚިދުމަތަށް ވަޑައިގަތުމުގެ ފުރުސަތު އެމަނިކުފާނަށް ފަހިވުމެވެ.
އަމީން ވިސްނައިދެއްވީ، ވެރިކަމުގެ އައު ނިޒާމަކަށް ވާންވީ "ޖުމްހޫރީ ނިޒާމު" ކަމެވެ. އެ ނިޒާމުގައި ރައްޔިތުންގެ ވެރިއަކަށް ހުންނާނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅެއްކަމެވެ. ވެރިކަން މިފަދަ ނިޒާމަކަށް ބަދަލުވުމުން އޮތް ފައިދާއަކީ، ތަޚުތުގައި އިންނަވާ ރަސްކަލަކަށްވުރެ، ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް، ޤައުމީ ތަރައްޤީއަށް ޢަމަލީގޮތުން މަސައްކަތް ކުރަން ޙަރަކާތްތެރި ވެވޭނޭ ރައީސަކު އެ ނިޒާމުން ރައްޔިތުންނަށް ލިބިގެން ދިއުމެވެ. އަދި އެމީހަކީ އަމީން ކަމަށް ވެއްޖެނަމަ، އެއި އަމީނަށް ވެސް ވެރިކަން ހިންގަން އޮތް އެންމެ ފަސޭހަ ގޮތެވެ. ހަމައެއާއެކު ވިދާޅުވެދެއްވަމުން ގެންދެވީ، އެމަނިކުފާނު ރަސްކަލަކަށް ވެވަޑައިގަންނަވަން ބޭނުންފުޅު ނުވާކަމެވެ.
މިދެންނެވި ވިސްނުމަށް ރައްޔިތުންގެ ޚިޔާލު އެއްގޮތް ކުރެއްވުމުގެ މަސައްކަތް އަމީން ފެއްޓެވީ، ރާއްޖޭގެ ވެރިކަން ހަމަޖައްސާނޭ އުސޫލަކާމެދު، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް، ކުރިމަތިވެގެން އަންނާތީ އެ ވޯޓަކީ، އެމަނިކުފާނުގެ ވިސްނުންފުޅަށް ފަހި ވޯޓަކަށް ވެގެންދާނީ، އައު ނިޒާމުގެ ފައިދާއާއި ބޭނުންތެރިކަން، މި ވޯޓުދޭންތިބި ރައްޔިތުންނަށް ވިސްނިގެން ކަމަށް ފެނިވަޑައިގެންނެވެ.
އޭރު އޮތީ މި މައްސަލައާމެދު ވިސްނަވައި ފެނިވަޑައިގެންނެވި ގޮތެއް ހުށަހެޅުއްވުމަށް ރައްޔިތުންގެ މަޖީހުގެ ޚާއްސަ ކޮމިޓީއެއް 1952 އެޕްރީލް 12 ވަނަ ދުވަހު އެކުލެވި، އަދި ކޮމިޓީއަށް ފެނުނު ގޮތް މަޖިލީހަށް ހުށަހަޅައި، އެ ހުށަހެޅުން މަޖިލީހުގެ އިއްތިފާޤުން ފާސްވެފައެވެ.
މިދެންނެވި ހުށަހެޅުމަކީ، ރާއްޖޭގެ ވެރިކަން ހިންގުމުގެ އުސޫލަށް ބަދަލެއް ގެންނަން ޖެހިއްޖެ ކަމާއި އެބަދަލު ގެނައުމަށްޓަކައި މާލޭގެ ރައްޔިތުންނާއި އެވަގުތު މާލޭގައި ތިބި ރާއްޖޭގެ ރައްޔިތުންގެ މެދުގައި، މިކަމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފާސްވި ހުށަހެޅުމެވެ. ރައްޔިތުން ވޯޓުލާންޖެހެނީ ރަސްކަމެއްތޯ ނުވަތަ ޖުމްހޫރިއްޔަތެއްތޯ ވޯޓުން ނިންމުމަށެވެ.
މިދެންނެވި ވޯޓުނަގަން ރައްޔިތުންގެ މަޖިލީހުން ނިންމަވައިފިކަން އެވަގުތު މާލޭގައި ތިބި ރާއްޖެތެރޭގެ ރައްޔިތުންނަށް އެންގުމަށް 14 އެޕްރީލް 1952ގައި ނާދީއްތަމައްދުނަށް، ރައްޔިތުން އެއްކުރައްވައި އެކަން ސަރުކާރުން އެންގެވިއެވެ.
މި ބައްދަލުވުމުގައިވެސް މުހަންމަދު އަމީންގެ އިތުރުން އިބްރާހިމް ފާމުލަދޭރި ކިލެގެފާނު، ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. ދެބޭފުޅުންގެ ވާހަކަފުޅުތަކުން ދޭހަވި ސާފު މެސެޖަކީ، ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަތަކަށް ފިރާލަން ޒަރޫރަތްތެރިކަން ނިޔާކޮށްފި ކަމެވެ!
ފެނިގެން އަދި އެނގިގެން މިދަނީ ކޮން ކަމެއްތޯއެވެ؟ ފެންނަމުންދިޔަ ސާފު މަންޒަރަކީ، ޒަމާންވީ ރަސްކަމުގެ ނިޒާމު ޖުމްހޫރިއްޔަތަކަށް ބަދަލުވާން ވެއްޖެ ކަމެވެ. އެކަމަށް އަމީންދީދީ އެދިވަޑައިގެން ހުންނެވިކަމެވެ. އަދި ރައްޔިތުންވެސް އަމީންދީދީގެ ވެރިކަމަކަށް އެދިގެން ތިބި ކަމެވެ.
ދެން އޮތީ ވެރިކަމުގެ ނިޒާމެވެ. އެއީ ކޮން އެއްޗެއްތޯ ސުވާލު އުފެދިފައި ތިބި މީހުންނަށް، ނިޒާމުގެ ފައިދާ އަމީންދީދީ ލޮބީ ކޮށްދެއްވިއެވެ. ދެން އޮތީ ވޯޓެވެ. އެއީ އޭގެ 2 ދުވަސް ފަހުން އަންނާން އޮތް 16 އެޕްރީލެވެ.
އެޕްރީލް މަހުގެ 1 ވަނަ ދުވަހަށް ނުވީތީ "އެޕްރިލް ފޫލް" ކިޔާނެ ޖާގައެއް ނެތެވެ. އެދުވަހުގެ މެންދުރުކުރީން ވޯޓުލުން ނިމިއްޖެއެވެ. ހެންވޭރު ބޯޅަ ދަނޑުގައި، ވޯޓުގެ ނަތީޖާ ފާޅުވެގެން ދިޔައިރު، ޖުމްހޫރީ ނިޒާމަކަށް ވޯޓުގެ 99 އިންސައްތަ ލިބި ފާސްވެގެން ހިނގައްޖެއެވެ. މިކަމުން ހާމަވެގެން ދިޔައީ ކަންކަމުގައި ލޮބީ ކުރުމުގެ ބޭނުންތެރި ކަމެވެ.
ފުރަތަމަ ޖުމްހޫރީއްޔާ 7 މަހުގެ "ބޭބީ"އަކަށް ވެ، އޭގެ އެންމެ ޅަފަތުގައި ނިމި، އަނެއްކާވެސް ރަސްކަމެއް ފެށުނެވެ. އެއަށްފަހު، އެ ރަސްކަން އުވި، މުޅިރާއްޖެ ޝާމިލްވާ ވޯޓަކުން ޖުމްހޫރީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު އަނެއްކައިވެސް ބަދަލުވެގެން ދިޔައެވެ. މިފަހަރުގެ އާރުކާޓީއަކީ، އޭރުގެ ވަޒީރުލް ޢައުޟަމް އިބްރާހިމް ނާޞިރެވެ. އެ ތާރީޚަކަށް ވެފައިވަނީ 1968 ގެ ނޮވެމްބަރު 11 އެވެ. އެހެން ކަމުން މަރުޙޫމް އިބްރާހިމް ނާސިރަކީ، ދެވަނަ ޖުމްހޫރިއްޔާގެ އާރުކާޓީއެވެ. މިހާރު ދިރިދިރިއޮތް ޖުމްހޫރީ ނިޒާމު ތަޢާރުފް ކޮށްދެއްވި ޝަޚްސިއްޔަތަކީ އެއީއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރީދުވަސް ރާއްޖޭގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އެއީ 1968 ވަނަ އަހަރު ދެވަނަ ޖުމްހޫރިއްޔާ އިޢުލާން ވެގެންދިޔަ މުނާސަބީ ދުވަހެވެ.
މިހާތަނުން ހަނދާނަށް އަންނަނީ ފުރަތަމަ ޖުމްހޫރިއްޔާ އުފަންވެގެން އައިސް، ޖުމްހޫރީ ނިޒާމު ހިނގަމުން ދިޔައިރުވެސް، ޒަމާންވީ ރަސްކަމުގެ "ބޮޑުގަނޑުވަރު" ފެންނާން ހުރިކަމާއި، ނަމަވެސް ދެވަނަ ޖުމްހޫރިއްޔަތާއެކު އެ ގަނޑުވަރު ބިމާ ހަމަވެ، "ސަލްޓަން ޕާރކު"ގެ ނަމުން މަޝްހޫރު ޕާކަކަށް ބަދަލުވެގެން ދިޔަކަމެވެ.
ސުވާލަކީ، އެ ގަނޑުވަރުގެ ވަށާފާރާ، ދޮރުކޮޅުތަކާ، އަށިތަކާ، އެތެރޭގައިހުރި ގެކޮޅުތަކާ، ނާބުސްޚާންފަދަ، ތަންތަން ބިމާ ހަމަވެގެން އެދިޔައީ، ދާއިމީ ޖުމްހޫރީ ނިޒާމަކަށް ޖާގަ ހަދައިދެމުންނޭތޯއެވެ؟ މިއީ އަޅުގަނޑު އަމިއްލަ ޟަމީރާ ކުރާ ސުވާލެކެވެ.
ކޮންމެއަކަސް، ޖުމްހޫރީ ނިޒާމު 1953 ން ވިދާލި ވިދާލުމާ، 1968 ގައި ދެވަނަ ފަހަރަށް އުފަންވި އުފަންވުމާއެކު، މި ހޭދަކުރި ދިގު މާޒީގައި، ދިވެހިން މިވަނީ، މި ނިޒާމުގެ ވެރިކަން ޒަމާނީ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމަކަށް ބަދަލު ކޮށްފައެވެ.
ޑިމޮކްރެޓިކް އުސޫލުން ކަންހިނގާމަގު ލިޔެ ބަޔާންވެފައި އޮތް ޤާނޫނު އަސާސީއެއް ލިބިގަންނަމުންނެވެ. އެއީ އެ ނިޒާމުން އުފަންކުރި މުއައްސަސާތަކުގެ މިނިވަންކަމާ މުސްތަޤިއްލުކަމުގެ ސިފަތަކަށް ބަލާއިރު، މިއަދު ރިޔާސީ ނިޒާމުގެ ވެރިކަން އޮތް އެންމެ ޑިމޮކްރެޓިކް ގައުމުތަކުގައިވެސް ހުރި މިނިވަން މުސްތަޤިއްލު ސިފަތަކާއެކު ލިބިފައިވި ޤާނޫނު އަސާސީއެކެވެ.
މި ޙަޤީގަތްތަކަށް ބުރަވަމުން ދެންނެވެން އޮތީ، އަމީންދީދީ އާއި ނާސިރު އެޅުއްވި ޖުމްހޫރީ ޢިމާރާތުގެ ބިންގައު، ޒަމާނީ ޑިމޮކްރަސީގެ އައުޢިމާރާތަކަށް ދިވެހިން މިއަދު ބަދަލުކޮށް، އެ ޢިމާރާތުގައި އައު ޙަޔާތެއް ފަށައިގެންފި ކަމެވެ. ދެން އޮތީ ކުރިއަށް ދިއުމެވެ.