އެމްއޭސީއެލްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެނީ

އެމްއެލްސީއެލްގެ މުވައްޒަފުން މިރޭ ބޭއްވި އެ ކުންފުނީގެ "އެމްޑީ އެވޯޑު" ފަހްލާގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވެއްޖެ އެވެ.

އެމްއޭސީއެލްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ދެއްވާ "އެމްޑީ އެވޯޑު" ދިނުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އާދިލް މިރޭ ވިދާޅުވީ، ބޯހިޔާވަހިކަމަކީ އެންމެ ބޭނުންވާ އެއް ކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އެހެން ކަމުން އެމްއޭސީއެލްގެ މުވައްޒަފުންނަށް ވެސް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އާދިލް ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ، އެމްއެސީއެލްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުންފުނީގެ ބޯޑުން ހުއްދަ ލިބިފައިވާއިރު ސަރުކާރާއެކު ވެސް އެކަމުގެ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު އެކަމަށް އަމަލީ ސިފަ ޖެހެމުން އަންނަ ކަމަށް ވެސް އާދިލް ވިދާޅުވިއެވެ.

"ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެތައް މިލިއަން ރުފިޔާއެއް ހަރަދު ވާނެ. އަދި ކުންފުނީގެ ބޮޑެތި ޕްރޮޖެކްޓްތަކެއް ހިނގަމުންދާއިރު ވެސް އެފަދަ ބޮޑުކަމެއް ސަރުކާރާއި ކުންފުނީގެ ބޯޑުން ނިންމެވީތީ ރައީސް އަށާއި ބޯޑަށް ޝުކުރު ދަންނަވަން" އާދިލް ވިދާޅުވިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އެމްއޭސީއެލްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ނިންމަޖެހޭ ނިންމުންތައް ނިންމަމުންދާއިރު، ކުންފުނިން ބަލަނިީ މުވައްޒަފުންނަށް ވީހާވެސް ލުއިވާނެ ގޮތަކަށް އެކަން ކުރިއަށް ގެންދިއުމަށް ކަމަށް އާދިލް ވިދާޅުވިއެވެ.

"މުވައްޒަފުންނަށް ކުންފުނިން ކޮށްދޭ ކޮންމެ ކަމަކީ އެ މުވައްޒަފަކަށް ކުރެވޭ ނުވަތަ އެ ބަރު އުފުލޭ ވަރަށް އަގަނޑުމެން ރާވާ ހިންގާ ކަންތައް. އެހެންވީމަ އޭގަ ވެސް ހަމަ މުވައްޒަފުންނަށް ލުއި ފަސޭހަ ވާނެ ގޮތަކަށް އަޅުގަނޑުމެން ރާވަމުންދާނީ،" އާދިލް ވިދާޅުވި އެވެ.

އެމްއޭސިއެލްގައި 2،700 މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު ބޯހިޔާވަހިކަމުގެ އެ ޕްރޮޖެކްޓްގެ ދަށުން ގިނަ މުވައްޒަފުންތަކަކަށް ފައިދާ އާއި މާންފާ ކުރާނެކަމަށް އާދިލް ވިދާޅުވިއެވެ. އަދި އެ ޕްރޮޖެކްޓާ ބެހޭ އިތުރު މައުލޫމާތުތައް މި އަހަރު ނިމުމުގެ ކުރިން އިއުލާނު ކުރާނެކަމަށްވެސް އާދިލް ވިދާޅުވިއެވެ.

comment ކޮމެންޓް