އަތޮޅު ތެރޭ ޓީމުތަކުގެ ކީޕަރުންނަށް ފުރުސަތު އެބައޮތް: އަސްލަމް

ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރ އަސްލަމް އަބްދުއްރަހީމް، ކީޕަރުންނަށް ތަމްރީނުދެނީ-- ސަން ފޮޓޯ: ފަޔާޒް މޫސާ

ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލު ކީޕަރުންގެ ތެރޭގައި ހިމެނުމުގެ ފުރުސަތު އަތޮޅު ތެރޭ ޓީމުތަކުގެ ކީޕަރުންނަށްް ނުގެއްލޭ ކަމަށާއި އެ ފުރުސަތު ދެވެން އޮތީ އެ މީހުންނަށް ރަނގަޅަށް ޓެއިނިން ދެވުމުން ކަމަށް ކަމަށް ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރު އަސްލަމް އަބްދުލް ރަހީމް ބުނެފި އެވެ.

އޭޝިއަން ކަޕްގައި އަންނަ އަންގާރަ ދުވަހު ފަލަސްތީންއާ ދެކޮޅަށް އެ ގައުމުގައި ކުޅޭ މެޗަށް އެކުލަވާލި ގައުމީ ސްކޮޑުން، މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި ކުޅުނު އެއްވެސް ކީޕަރަކަށް ފުރުސަތު ދީފައި ނުވެ އެވެ.

އެފްއޭއެމް ހައުސްގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އަސްލަމް ބުނީ ގައުމީ ޓީމަށް ކީޕަރުން ނެގުމުގައި ބަލަނީ ފުރަތަމަ ޑިވިޝަނުގައި ހުރިހާ މެޗެއްގައި ކުޅުމުގެ ފުރުސަތު ލިބުމެއް ނޫން ކަމަށާއި ކުޅުންތެރިޔާގެ ކޮލިޓީއަށް ކަމަށެވެ.

"އަހަރެން ކޮށްލަން ބޭނުންވާ ސުވާލަކީ އަތޮޅުތަކުން އައި ޓީމުތަކުގެ ތެރެއިން އައިސް އުޅޭ ޓީމުތަކުން ގޯލްކީޕަރު ޓްރެއިނިން އަށް ކިހާ ވަރަކަށްތޯ ސަމާލުކަންދެނީ. އެމީހުންގެ ޓެކްނިކްސް ރަނގަޅު ކުރަން ކިހާ ވަރަކަށްތޯ މަސައްކަތް ކުރަނީ. އެ މީހުންގެ ކޮލިޓީ ގެނެވޭނީ އެ ވަރަށް މަސައްކަތް ކުރެވިގެން." އަސްލަމް ބުންޏެވެ.

ދިވެހި ޕްރިމިއާ ލީގުގެ ހުރިހާ މެޗުތަކެއް ކަހަލަ ގޮތަކަށް ކުޅެމުން އަންނަ އއ. މާޅޮސްގެ ގޯލްކީޕަރު އިބްރާހިމް ޒަމީރު (އިބޭ) އާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަސްލަމް ބުނީ އޭނާ އަށް ގައުމީ ޓީމަށް އެރުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަމަށް ރަނގަޅު ގޯލް ކީޕަރު ޓްރެއިނަރެއްގެ އެހީގައި ޓްރެއިން ވާން ޖެހޭ ކަމަށެވެ.

ށ. މިލަންދޫ އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު އިމްރާން (ކުޑައިންމަ) ގައުމީ ޓީމަށް ކުޅުން ހުއްޓާލާއިވާއިރު، ފަލަސްތީނާ ދެކޮޅަށް ކުޅޭ މެޗުގައި ޓީމުގެ 11 އިން ފުރުސަތު ދޭނެ ކަމަށް ބެލެވެނީ ނިއު ރޭޑިއަންޓްގެ ކީޕަރު މުހައްމަދު ފައިސަލްއަށެވެ. ދެން ގޯލްކީޕަރެއްގެ ގޮތުގައި، ހިމަނާފައި ވަނީ ނިއުގެ ތިން ވަނަ ކީޕަރު، އަބްދުﷲ ޒިޔަޒަން އާއި މާޒިޔާގެ ޒުވާން ކީޕަރު ހުސައިން ޝަރީފެވެ.

comment ކޮމެންޓް