ސްޕެއިން ޓީމުގެ އާ ޖޯޒީ ވެސް ސިޔާސީ ކޮށްލީ؟

ވޯލްޑް ކަޕުގައި ސްޕެއިން ޓީމުން ބޭނުން ކުރަން ނިންމާފައިވާ ޖޯޒީ--

އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕުގައި ސްޕެއިން ޓީމުން ބޭނުން ކުރަން ނިންމާފައިވާ ޖޯޒީގެ ޑީޒައިން އާއި އެ ގައުމުން 1930ގެ އަހަރުތަކުގައި ބޭނުން ކުރި ރިޕަބްލިކަން ދިދަ އާ ވައްތަރު ކަމަށް އަޑު ފެތުރެން ފަށައިފި އެވެ.

މި ޖޯޒީގައި އެކުލެވޭ ކުލަތަކަކީ ރަތް، ރީނދޫ އަދި ނޫ ކުލަ އެވެ. ނަމަވެސް ބައެއް މީހުން ބުނާ ގޮތުގައި ދުރުން ބަލާއިރު މި ނޫ ކުލަ ފެންނަނީ 1931- 1939 އަށް ރިބަޕްލިކަން އިން ބޭނުން ކުރި ދިދައިގައިވާ ދަނބު ކުލައިގެ ގޮތުގައި ކަމަށެވެ. މި ދިދަ އަދި ވެސް ސްޕެއިންގެ ރަސްކަމާ ދެކޮޅު ފަރާތްތަކުން ދަނީ ބޭނުން ކުރަމުންނެވެ.

ޖޯޒީ އުފެއްދި މަޝްހޫރު އެޑިޑާސް ކުންފުނިން ބުނީ ޖޯޒީ އުފެއްދުމުގައި އެއްވެސް ސިޔާސީ މަގްސަދެއް ގެންގުޅެފައި ނުވާނެ ކަމަށާއި ޑިޒައިން އަކީ ސްޕެއިންގެ ފުޓުބޯޅަ އެސޯސިއޭޝަނުން އެއްބަސްވި ޑިޒައިން ކަމަށެވެ.

"މިހާރު ޖޯޒީގައިވާ އެ ޑިޒައިން އިން ދައްކުވައިދެނީ އަހަރެމެންގެ ގައުމީ ޓީމުގެ ހިތްވަރާއި ހުނަރު. ރަތް، ރީނދޫ އަދު ނޫ ކުލައިގެ ޑައިމަންޑުތައް ތަމްސީލު ކޮށްދެނީ ޓީމުގެ އެންމެ މުހިންމު ކޮލެޓީތައް. އެއީ ސްޕީޑް، ހަތަކަ އަދި ކުޅުމުގެ ސްޓައިލެވެ." އެޑިޑާސް އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ސްޕެއިން އެފްއޭގެ އޮފިޝަލުން ވެސް ވަނީ ސްޕެއިން ޓީމުގެ ޖޯޒީ އާ ރިބަލްލިކަން ދިދައާ އެއްވެސް ގުޅުމެއް ނުވާ ކަމަށް ބުނެފަ އެވެ.

ސްޕެއިން މިވަގުތު އޮތީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގަ އެވެ. އެގޮތުން ސްޕެއިންގެ ސަރަހައްދެއް ކަމަށްވާ ކެތަލޯނިއާ އިން މިނިވަންވުމަށް މަސައްކަތްކޮށް މިނިވަންކަން ވެސް ވަނީ އިއުލާނު ކޮށްފަ އެވެ.

comment ކޮމެންޓް