ސައޫދީއަށް އެރި މިސައިލް ޙަމަލާއާ ގުޅިގެން އީރާނަށް ފިޔަވަޅު އެޅުމަށް އެމެރިކާ މަސައްކަތް ކުރަނީ

ނިޔުޔޯކް (ނޮވެމްބަރު 8): ޔަމަންގެ ހޫޘިންނާއި ސައޫދީ އަރަބިޔާއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގާ ހޫޘީން ފޮނުވާލި ދުރުރާސްތާގެ ބަލިސްޓިކް މިސައިލެއް ސައޫދީ ވެރިރަށް ރިޔާޒްގެ އެކަހެރި ހިސާބަކަށް އެރި މައްސަލާގައި އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް އެމެރިކާއިން ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލައިފިއެވެ.

އދ.ގައި ހުންނަވާ އެމެރިކާގެ ސަފީރާ ނިއްކީ ހެއިލީ ވިދާޅުވީ ހޫޘީންގެ ބާރު ގަދަވަމުންދަނީ އީރާން ފޯރުކޮށްދޭ ހަތިޔާރުގެ ސަބަބުން ކަމަށާ ހޫޘީންނަށް ހަތިޔާރު ފޯރުކޮށްދިނުމާ ދެކޮޅަށް އދ. ން ފާސްކޮށްފައިވާ ގަރާރުތަކާ އީރާން ޚިލާފުވެފައިވާ ކަމުގައެވެ. ނަމަވެސް އީރާނުން ހޫޘީންނަށް ހަތިޔާރު ފޯރުކޮށްދިންކަން ނުވަތަ ނޫންކަން ނިއްކީ ހެއިލީއަށް ސާބިތުކޮށް ދެވިފައެއް ނުވެއެވެ.

އީރާނުންވަނީ މިކަން ދޮގުކޮށްފައެވެ. އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ވިދާޅުވީ، ސައޫދީން ޔަމަނަށް ހަމަލާދީ ޔަމަންގެ ރައްޔިތުން މަރާނަމަ ޔަމަނުންވެސް ރައްދު ހަމަލާ ދޭނެކަމުގައެވެ. ހަނގުރާމައަށް ވަންނަންޖެހެނީ ރައްދު ހަމަލާވެސް އަންނާނެ ކަމަށް ބަލައިގެން ކަމަށާ ރައްދު ހަމަލާ އައުމުން އެކަމުގެ ޒިންމާ އެހެން ފަރާތްތަކުގެ ބޮލުގައި އެޅުވުމަކީ ފިނޑި އަމަލެއް ކަމުގައެވެ.

ސައޫދީ ޚާރިޖީ ވަޒީރު އާދިލް އަލްޖުބައިރު އާއި ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ވެސް ވަނީ ހޫޘީން ފޮނުވާލި ދުރުރާސްތާގެ ބަލިސްޓިކް މިސައިލަކީ އީރާނުގެ އުފެއްދުމެއް ކަމަށް ސިފަކުރައްވައި އެމިސައިލްގެ ޒިންމާ އީރާނުން އުފުލަންޖެހޭނެކަމަށް ވިދާޅުވެފައެވެ. އަދި އެއީ އީރާނުން ސައޫދީ އާ ދެކޮޅަށް ހިންގި އުދުވާނެއް ކަމަށާ އީރާނަށް ރައްދު ދިނުމުގެ ހައްގު ސައޫދީއަށް އޮންނާނެ ކަމަށްވެސް ސައޫދީ ޚާރިޖީ ވަޒީރު އާދިލް އަލްޖުބައިރު އާއި ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ވިދާޅުވިއެވެ.

ހޫޘީން ފޮނުވާލި މިސައިލް، ވައިގެ ތެރެއިން ގޮއްވާލިކަމަށް ސައޫދީ އަސްކަރީ ބަޔާނެއްގައި ބުނިނަމަވެސް އެމިސައިލް ރިޔާޒްގައިވާ ކިންގް ޚާލިދް އިންޓަނޭޝަނަލް އެއާޕޯޓާ ކައިރީ ހިސާބަކަށް ވެއްޓިފައިވާ ކަމަށް މަންޒަރު ދުށްމީހުން ބުނާ ކަމުގެ ވަރަށް އިތުބާރު ހުރި މައުލޫމާތުތަކެއް ވަނީ މީޑިޔާއިން ހާމަވެފައެވެ.

ޔަމަންގެ ހޫޘީން ވަނީ ސައޫދީ އާއި ޔޫއޭއީން ޔަމަނަށް ދެމުން ގެންދާ ހަމަލާތަކުގެ ރައްދުގައި ސައޫދީ އާއި ޔޫއޭއީގެ ކަނޑާއި ވައިގެ ބަނދަރުތަކާއި އިގްތިސާދީ ސަރަހައްދުތަކާއި އަސްކަރީ ތަންތަނަށް ބަލިސްޓިކް މިސައިލުން ހަމަލާ ދޭނެކަމުގެ އައު އިންޒާރެއް ދީފައެވެ.

އަނެއްކޮޅުން ސައޫދީ އަސްކަރީ ފައިޓަރ ޖެޓްތަކުން ޔަމަންގެ ވެރިރަށް ސަންއާ އަށާއި ހައްޖާ ޕްރޮވިންސްގެ އަފްލަހު ސަރަހައްދަށް އިއްޔެ ދިން އައު ހަމަލާތަކުގައި އާންމުންގެ ބާވީސް މީހުން މަރުވެފައިވާ ކަމަށް ޔަމަނުން ބުނެއެވެ.

ސައޫދީ އަސްކަރީ ބޯޓުތަކުން ތޭރަ ހަމަލާއެއް ދީފައިވާއިރު އެހަމަލާތަކުގައި ޖުމްލަ ބާވީސް މީހުން މަރުވިކަމަށާ މަރުވި މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ ހުރިހާ މެންބަރުން ހިމެނޭކަމަށް ޔަމަންގެ ސިއްހަތާބެހޭ ދާއިރާއިން ބުނެފައިވެއެވެ.

ސައޫދީންގެ ހަމަލާތަކުގައި އިމާރާތްތައް ބިމާ ހަމަވި ކަމަށާ މަރުވި މީހުންވެސް ތިބީ އަނދައި ދެއްޔަށް ވެފައި ކަމަށް ޔަމަންގެ ހައްޖާ ޕްރޮވިންސްގެ މަސްއޫލުވެރިއެއް ކަމަށްވާ އިސްމާއީލް ޒާފިރު ވިދާޅުވިއެވެ.

ޔަމަންގެ އިދިކޮޅު ހޫޘީންނަށް ހަތިޔާރު ފޯރުކޮށްދޭ ކަމުގެ ތުހުމަތު އީރާނުގެ މައްޗަށް އެމެރިކާއާއި ސައޫދީން ކުރާއިރު ސޫރިޔާ ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށް ހަތިޔާރާއި ތަމްރީން ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި އެމެރިކާއާއި ސައޫދީ ހިމެނެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް