ޓިކްޓޮކް ވިއްކާލުމުގެ އެއްވެސް ޕްލޭނެއް އަހަރެމެންގެ ނެތް: ބައިޓްޑާންސް

ޒުވާނުންނާއި ވިޔަފާރިވެރިންގެ މެދުގައި އެންމެ މަޤުބޫލު އެއް އެޕް --

އެމެރިކާގެ ކުންފުުންޏަކަށް ޓިކްޓޮކް ވިއްކާލަން މަޖުބޫރު ކުރެވޭ ޤާނޫނެއް އެމެރިކާގައި ތަސްދީޤު ކުރުމާއި ގުޅިގެން އެކަމަށް ރައްދުދީ ޓިކްޓޮކް ވިއްކާލުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް ޓިކްޓޮކްގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސުން ބުނެފިއެވެ.

ޓިކްޓޮކުން މިހެން ބުނިކަމުގައިވީ ނަމަވެސް އެމެރިކާގެ ކުންފުންޏަކަށް ޓިކްޓިކް ވިއްކައިލުމާ ގުޅޭ ގޮތުން އެ ކުންފުނިން މިހާރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އަނެއްކޮޅުން ޓިކްޓޮކް ވިއްކައިނުލާނެކަމަށް ބައިޓްޑާންސުން ބުނާއިރު، އެމެރިކާގައި ބައިޓްޑާންސް އޮޕަރޭޓްކުރާނީ ކޮން އުޞޫލަކުން ކަމެއް ވެސް އެ ކުންފުނިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާގެ ރައިސް ޖޯބައިޑެން ތަސްދީޤުކުރެއްވި ގާނޫނުގެ ސަބަބުން މިއަދުން ފެށިގެން ނުވަ މަސްދުވަހުގެ މުއްދަތަށްފަހު އެމެރިކާގައި ޓިކްޓޮކް ބޭނުންކުރެވޭނީ އެ ޤާނޫނުގައި ބުނާ ގޮތަށް ޓިކްޓޮކުން އަމަލު ކުރުމުންނެވެ. އެއީ އެމެރިކާއަށް ނިސްބަތްވާ ކުންފުންޏަކަށް ޓިކްޓޮކް ވިއްކާލުމެވެ.

ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ނިންމައި، އެމެރިކާގައި ޓިކްޓޮކް މަނާކުރަން ކޮންގްރެސް އަށް މިދިޔަ އަހަރު ރިޕަބްލިކަން ޕާޓީގެ މެންބަރުންތަކެއް އިސްކޮށް ތިއްބަވައިގެން ހުށަހެޅުއްވި ބިލް ފާސްކުރީ މި މަހުގެ 21 ގައެވެ. އަދި އެ ބިލް ރައީސް ޖޯ ބައިޑެން ތަސްދީގު ކުރެއްވީ މިދިޔަ ބުދަ ދުވަހުއެވެެ.

އެކަމާ ގުޅިގެން އެ ދުވަހު ބައިޓްޑާންސުން ބުނެފައި ވަނީ އެ މައްސަލައިގައި ކޯޓަށް ދާނެ ކަމަށެވެ.

ޒުވާނުންނާއި ވިޔަފާރިވެރިންގެ މެދުގައި އެންމެ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ޓިކްޓޮކް އެމެރިކާގައި ބޭނުންކުރާ މީހުންގެ އަދަދު 170 މިލިއަނަށް ވުރެ ގިނައެވެ.

އެމެރިކާ އިން ޓިކްޓޮކް މަނާކުރަން މަސައްކަތް ކުރަމުން ދަނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ ފަހު އަހަރުން ފެށިގެންނެވެ.

އެމެރިކާ އިން އަބަދު ވެސް ތުހުމަތުކުރާ ގޮތުގައި ޓިކްޓޮކަކީ ޗައިނާގެ ސަރުކާރަށް ވާގިދޭ އަދި އެ ގައުމުގެ އަސްކަރިއްޔާ އަށް ޖާސޫސްކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ އެޕެކެވެ. އެގޮތުން އެ އެޕް ބޭނުންކުރާ އެމެރިކާ މީހުންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް ރިބަޕްލިކަން ޕާޓީ އަށް ނިސްބަތްވާ ކޮންގްރެސްގެ މެމްބަރުން ތުހުމަތު ކުރައްވައެވެ.

comment ކޮމެންޓް