ސީރިއާއިން ޕެރިސް އެއްބަސްވުމުގައި ސޮއި ކުރަނީ

ސީރިއާއިން ވަނީ ޕެރިސް އެއްބަސްވުމުގައި ސޮއި ކުރަން ނިންމާފަ -- ފޮޓޯ: ގެޓީ

ދިމިޝްގު (ނޮވެމްބަރު 8): ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ޕެރިސް އެއްބަސްވުމުގައި ސީރިއާއިން ވަރަށް އަވަހަށް ސޮއި ކުރާނެ ކަމަށް އެގައުމުގެ އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފި އެވެ.

ސީރިއާގެ ތިމާވެއްޓާ ބެހޭ މިނިސްޓަރުގެ ނައިބު، ވަދާ ކަތުމާވީ ވިދާޅުވި ގޮތުގައި އެގައުމުން އޮތީ ޕެރިސް އެއްބަސްވުން ތަސްދީގު ކުރަން ތައްޔާރަށެވެ. އަދި އެއެއްބަސްވުން ތަންފީޒު ކުރުމުގައި އެގައުމުން ބޭރުގެ އެހީއަށް އެދޭނެ ކަމަށް ކަތުމާވީ ވިދާޅުވި އެވެ.

ކަތުމާވީ އެފަދައިން ވިދާޅުވީ ޖަރުމަނުގައި މިހާރު ކުރިއަށްދާ، 196 ގައުމުން ބައިވެރިވާ އދ.ގެ މޫސުމާ ބެހޭ ކޮންފަރެންސުގައި ވާހަކަ ދައްކަވަމުންނެވެ.

ސީރިއާގެ އެނިންމުމާ އެކު، ޕެރިސް އެއްބަސްވުމުގައި ބައިވެރި ނުވާ ހަމައެކަނި ގައުމަކަށް ވާނީ އެމެރިކާ އެވެ.

މީގެ ކުރިން 2015 ވަނަ އަހަރު ގިނަ ގައުމުތަކުން ޕެރިސް އެއްބަސްވުމުގައި ސޮއި ކުރި އިރު އެ އެއްބަސްވުމުގައި ބައިވެރި ނުވާ ހަމައެކަނި ގައުމަކީ ސީރިއާ އާއި ނިކަރާގުއާ އެވެ. ނަމަވެސް މިދިޔަ މަހު ނިކަރާގުއާއިން ވަނީ ޕެރިސް އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.

އދ.ގެ އޮފިޝަލުން ބުނާ ގޮތުގައި 2015 ވަނަ އަހަރު ސީރިއާއަށް ޕެރިސް އެއްބަސްވުމުގައި ސޮއި ނުކުރެވުނީ އޭރު އެގައުމުގެ ދާހިލީ ހަނގުރާމަ ހޫނުވެފައި ވުމުގެ ސަބަބުންނާއި އޭގެ ސަބަބުން ގިނަ ގައުމުތަކުން ސީރިއާ އެކަހެރިކޮށް، އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވުމުންނެވެ.

މިދިޔަ ޖޫން މަހު އެމެރިކާއިން ވަނީ ޕެރިސް އެއްބަސްވުމުން ވަކިވާން ނިންމާފައިވާކަން އިއުލާންކޮށްފައެވެ. ނަމަވެސް އެއެއްބަސްވުމުގެ ގަވާއިދުތަކުގައިވާ ގޮތުން އެމެރިކާއަށް އެ އެއްބަސްވުމުން ވަކިވެވޭނީ 2020ގައެވެ.

ޕެރިސް އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ، ޖައްވަށް ބޭރުކުރާ ވިހަގޭސް ނުވަތަ ގްރީންހައުސް ގޭސް (ޖީއެޗްޖީ)ގެ މިންވަރު މަދުކޮށް ދުނިޔޭގެ މޫސުމަށް ނުރައްކާތެރި ބަދަލެއް ނާންނަ މިންވަރަކަށް ބެހެއްޓުމެވެ. (ބީބީސީ)

comment ކޮމެންޓް