ވެސްޓް ހާމް ޔުނައިޓެޑުގެ ކޯޗަކަށް މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަންގެ ކުރީގެ ކޯޗު ޑޭވިޑް މޮއިސް ހަމަޖައްސައިފި އެވެ.
ޓީމުގެ ފޯމު ވެއްޓި ރެލިގޭޝަނާއި ކުރިމަތިލާން ޖެހުމުން ކުލަބުގެ ބޯޑުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ވެސްޓް ހާމްގެ ކޯޗު ކަމުގައި ހުރި ސްލެވަން ބިލިކްގެ މަގާމުން ދުރުކުރުމަށް ވަނީ ނިންމައިފަ އެވެ.
ވެސްޓް ހާމްގެ ކޯޗު ކަމަށް މޮއިސްް ހަމަޖެއްސިކަން އެކުލަބުން ކަށަވަރު ކޮށްދީފައިވާ އިރު، މަގާމާ ހަވާލުވުމަށް ފަހު އޭނާގެ އިރުޝާދުގެ ދަށުން އެންމެ ފުރަތަމަ ނޮވެމްބަރު 19ގައި ނިކުންނާނީ ވެޓްފޯޑާ ދެކޮޅަށެވެ.
ނަމަވެސް މޮއިސް ވެސްޓް ހާމްގެ ކޯޗަކަށް ހަމަޖެއްސުމުން އެ ކުލަބުގެ ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ފާއިތުވެ ދިޔަ ހަތަރު އަހަރުގައި މޮޔެސް ވަނީ އޭނާ ހަވާލުވި ހުރިހާ ކުލަބަކުން ފެއިލް ވެފަ އެވެ.
މެންޗެސްޓާ ޔުނައިޓެޑުން ވަކިކުރުމަށް ފަހު ސްޕެއިންގެ ރެއާލް ސޮސީޑާޑާ ހަވާލުވުމަށް ފަހު އެ ކުލަބުން ވެސް ވަނީ މޮއިސް ވަކިކޮށްފަ އެވެ. އެއަށް ފަހު މިދިޔަ ސީޒަނުގައި ސަންޑަލޭންޑުގެ މެނޭޖަރުކަމާއި ހަވާލުވުމަށް ފަހު ސަންޑަލޭންޑު ވަނީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓު ވެފަ އެވެ. މޮއިސް ވަނީ ރެލިގޭޓު ވުމުން އިސްތިއުފާ ދީފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ވެސްޓް ހާމް ކުޅުނު މެޗުގައި ލިވަޕޫލް އަތުން 4-1 ލަނޑުގެ ނަތީޖާއަކުން ބަލިވެ، ވެސްޓް ހާމް ވަނީ ލީގު ތާވަލުގެ 18 ވަނައަށް ވެއްޓިފަ އެވެ. ލީގުގައި ވެސްޓް ހާމް ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވެފައި ވަނީ އެންމެ ދެ މެޗުންނެވެ.