އެމެރިކާގެ ނިއުޔޯކު ސިޓީއަށް ކުޅުނު ފަހު މެޗަށްފަހު، އިޓަލީގެ ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރޭ ޕިރްލޯ ރިޓަޔާ ކޮށްފި އެވެ.
ފުޓްބޯޅައިގެ ތާރީހުގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ޕިރްލޯ ރިޓަޔާ ކުރިކަން އޭނާ އިއުލާން ކޮށްފައި ވަނީ، އޭނާގެ ރަސްމީ ޓުވިޓާ އެކައުންޓް މެދުވެރިކޮށް ދިން އަސަރުގަދަ މެސެޖަކުންނެވެ.
އެ މެސެޖުގައި ޕިރްލޯ ވަނީ އޭނާ ކުޅުނު ހުރިހާ ކްލަބަކާއި ކުޅުންތެރިން އަދި އޭނާގެ ހުރިހާ ސަޕޯޓަރުންނަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ. އަދި ދުވަހަކުވެސް އެ އުފާވެރި ހަނދާންތައް މަތިން ހަނދާން ނައްތާނުލާނެ ކަމަށް ވެސް އެ މެސެޖުގައި އޭނާ ބުނެފައިވެ އެވެ.
"މި ސިޓީން އަހަރެންނަށް އެއްބާރުލުން ދިން ހުރިހާ ފަރާތްތަކަށް އަހަރެން ޝުކުރު އަދާކުރަން. ސަޕޯޓަރުން، ކޯޗިން ސްޓާފުން، ކްލަބުގެ ފަހަތުގައި މަސައްކަތްކުރާ ފަރާތްތައް އަދި އަހަރެންގެ ޓީމުގެ ކުޅުންތެރިންނަށް ޝުކުރު އަދާކުރަން. ހަމައެކަނި މި ކްލަބުގައި ހޭދަކުރި ދުވަސްތަކަކަށް ނޫން ނިމުން މިއައީ. ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި އަހަރެން ކުރި ދަތުރަށް ވެސް މި ނިމުން އައީ،" އޭނާގެ މެސެޖުގައި ބުނެފައިވެ އެވެ.
އޭސީ މިލާނާއި ޔުވެންޓަސް އަދި އިޓަލީ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ޕިރްލޯ ވަނީ ދެ ފަހަރު އިޓަލީ ލީގު ކާމިޔާބުކޮށް ދެ ފަހަރު ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ. އޭގެ އިތުރުން އޭނާ ވަނީ 2006 ވަނަ އަހަރު އިޓަލީއާ އެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.