ދެވަންސޫރަ އަކީ ކޮންމެ ރައްޔިތަކުވެސް ބަލާލަން ރަނގަޅުވާނެ ފިލްމެއް: ޔޫއްޕެ

ފިލްމު ދެވަންސޫރަގެ ޕޯސްޓަރު

ރާއްޖޭގެ ފިލްމީ ދާއިރާގައި މިހާރު ހުރި އެންމެ ތަޖުރިބާކާރު އެކްޓަރު ޔޫސުފް ޝަފީއު ޔޫއްޕެ އަކީ މިހާރު ކެމެރާގެ ފުރަގަހުންވެސް ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަ ފަންނާނެކެވެ.

ޔޫއްޕެގެ ޕްރޮޑަކްޝަނާއި ޑައިރެކްޝަންގެ މަސައްކަތްތައް ސްކްރީނުން ފެންނަމުން އަންނައިރު މިހާރު އެންމެ އިންތިޒާރު ކުރެވެނީ ޔޫއްޕެ ލިޔެ ޑައިރެކްޓްކުރާ ފިލްމް "ދެވަންސޫރަ" އަށެވެ. ސަސްޕެންސް ތުރިލާ ޖޯންރާގެ މި ފިލްމަކީ ބޮޑު ކާސްޓަކާ އެކު ފެންނާނެ ތަފާތު ފިލްމެކެވެ.

ދެވަންސޫރަގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލާލުމަށް ސަން އިން ގުޅާލުމުން ޔޫއްޕެ ބުނީ ފިލްމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. "ޑަބިންގެ މަސައްކަތް މިހާރު ފަށަންވީ" މިއަހަރުގެ ޑިސެމްބަރު މަހު ސްކްރީނަށް ގެނައުމަށް މަސައްކަތް ކުރި ފިލްމު އަންނަ އަހަރަށް ފަސްކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް ޔޫއްޕެ ދިނެވެ.

"ޑިސެމްބަރު މަހު ރިލީޒްކުރަން މަސައްކަތް ކުރީ. މިއަހަރު ނެރޭ އެންމެ ވަރުގަދަ ފިލްމެއްގެ ގޮތުގައި މި ފިލްމު ނެރެން ވަރަށް މަސައްކަތް ކުރިން، އެކަމަކު ޑިސެމްބަރު މަހު ބޭނުންވާ ޑޭޓް ނުލިބޭތިއްޔާ އެހެން ބައެއް ސަބަބުތަކާ ހުރެ ބޮޑަށް ބެލެވެނީ އަންނަ އަހަރު ފެށޭ ހިސާބަށް ފިލްމު ނެރެވޭނެ ކަމަށް،" އޭނާ ބުންޏެވެ.

ދެވަންސޫރަ މި ފިލްމުގެ ލީޑް އަންހެން ތަރިއެއްގެ ގޮތުގައި ފެނިގެންދާނީ މި ދާއިރާއަށް އަލަށް ތައާރަފްވާ މަރިޔަމް ޝިފާ އެވެ. ފިލްމުގައި އާ ތަރިއެއް ބޭނުންކުރީ ދާއިރާއަށް އާ ކުއްޖެއް ނެރުމުގެ ބޭނުމުގައި ކަމަށް ޔޫއްޕެ ބުންޏެވެ. ޝިފާގެ މަސައްކަތަށް ތައުރީފް ކުރަމުން ޔޫއްޕެ ބުނީ ޝިފާއަކީ ދާއިރާ އިން ކުރިއަށްދެވޭނެ، ހުނަރު ހުރި ކުއްޖެއް ކަމަށެވެ. "ރަނގަޅު ގޮތުގަ މި ދާއިރާ އިން ކުރިއަށް ދާން މަސައްކަތް ކުރާނަމަ މުސްތަގުބަލެއް އޮތް ކުއްޖެއް އެއީ،"

ދެވަންސޫރަގެ ލީޑް ފިރިހެން ތަރިންގެ ގޮތުގައި އިބްރާހިމް ޖިހާދު (ޖިމީ) އަދި މުހައްމަދު ފައިސަލް ފެނިގެންދާ އިރު ސަޕޯޓިން ތަރިންގެ ގޮތުގައި އަލީ އާޒިމް (ދޮން އައްޔަ)، އަހުމަދު އީސަ (އާނަންދު) އަދި ޖާދުﷲ ފަދަ ތަރިން ފެނިގެންދާނެ އެވެ. އަންހެން ކާސްޓުންގެ ތެރޭ މިހާރު ފިލްމީ ދާއިރާގައި ހުރި އެންމެ ކާމިޔާބު އެއް ތަރި ފާތިމަތު އާޒިފާ (އަޒޫ) އާއި ޝަކީލާ ފެނިގެންދާނެ އެވެ.

ޔޫއްޕެ ބުނީ ދެވަންސޫރަ އަކީ ސްކްރީނުން ފެންނަ އެހެން ފިލްމުތަކާ ވަރަށް ތަފާތު ފިލްމަކަށް ވާނެ ކަމަށެވެ. މުޖްތަމައަށް މުހިންމު މެސެޖެއް ދޫކޮށްލާނެ މި ފިލްމު ބިނާކޮށްފައި ވަނީ މިހާރު މުޖްތަމައުގައި ހިނގާ ކަންބޮޑުވާވަރުގެ މައްސަލަތަކެއްގެ މައްޗަށް ކަމަށް ޔޫއްޕެ ބުންޏެވެ. "މިއީ ހަމަ ކޮންމެ ރައްޔިތަކުވެސް ބަލާލަން ރަނގަޅު ފިލްމެއް،"

ދެވަންސޫރަ އަކީ ޔޫއްޕެ ޕްރޮޑަކްޝަން، ސްޓޫޑިއޯ ގްރީން، އެޕެކްސް ޕިކްޗާސް، ބްލެކް މީޑިއާ އިންކް، ޝައި ޕްރޮޑަކްޝަން، އެންވިޝަން އެންޓަޓެއިންމަންޓް އަދި މައި ޑްރީމް އެންޓަޓެއިންމަންޓް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

ފިލްމުގައި ފެނިގެންދާނީ މަރެއްގެ ހަގީގަތް ހޯދުމަށް އަންހެނަކު ކުރާ މަސައްކަތެވެ. ފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްފައި ވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގަ އެވެ.

comment ކޮމެންޓް