ކެތަލޯނިއާގެ ކުރީގެ މިނިސްޓަރުން ހައްޔަރު ކުރުމާ ގުޅިގެން އެ ސްޓޭޓުގައި މުޒާހަރާކޮށްފި

ހައްޔަރުކޮށްފައިވާ ކެތަލޯނިއާގެ މިނިސްޓަރުން މިނިވަން ކުރުމަށް ގޮވާލައި އެސްޓޭޓުގެ ގިނަ އަދަދެއްގެ މީހުން ވަނީ މުޒާހަރާކޮށްފަ -- ފޮޓޯ: ސްކައިނިއުސް

މެޑްރިޑް (ނޮވެމްބަރު 3): ކެތަލޯނިއާއިން މިނިވަންކަން އިއުލާން ކުރުމާ ގުޅިގެން އެ ސްޓޭޓުގެ މިނިސްޓަރު ކަމުން ދުރުކުރި އަށް އޮފިޝަލުން ހައްޔަރު ކުރުމާ ދެކޮޅަށް ކެތަލޯނިއާގައި ގިނަ އަދަދެއްގެ މީހުން މުޒާހަރާކޮށްފި އެވެ.

އެ އޮފިޝަލުން އިއްޔެ ސްޕެއިންގެ ހައިކޯޓަށް ހާޒިރުކޮށްފައި ވަނީ ބަޣާވާތް ކުރުމާއި، ބަޣާވާތަށް ހިތްވަރު ދިނުމާއި، ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ތުހުމަތުގަ އެވެ. އަދި އެ މީހުން ހައްޔަރު ކުރީ ގައުމު ދޫކޮށް ވަޑައިގެންފާނެތީ ނުވަތަ ހެކި ނައްތާލަން މަސައްކަތްކޮށްފާނެތީ ކަމަށް ކޯޓުން ބުންޏެވެ.

މީގެ އިތުރުން ސްޕެއިންގެ ޕްރޮސިކިއުޓަރުން ވަނީ އިއްޔެ ކޯޓަށް ހާޒިރު ނުވި ކެތަލޯނިއާގެ ކުރީގެ މިނިސްޓަރުންނާއި، އެ ސްޓޭޓުގެ ކުރީގެ ރައީސް ކާލްސް ޕުޖިޑެމޮން ހައްޔަރު ކުރުމަށް ބައިނަލްއަގުވާމީ އަމުރެއް ނެރުމަށް އެދިފަ އެވެ. ބެލްޖިއަމްގައި ހުންނެވި ޕުޖިޑެމޮން ވަނީ އިންސާފުވެރި ޝަރީއަތެއް ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ނުލިބޭ ނަމަ އަނބުރާ ގައުމަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ސްޕެއިންގެ ހައި ކޯޓަށް ކެތަލޯނިއާގެ ކުރީގެ ބައެއް މިނިސްޓަރުން ހާޒިރު ވަނީ. އެކޯޓުން ވަނީ ކުރީގެ އަށް މިނިސްޓަރުން ހައްޔަރުކޮށްފަ -- ފޮޓޯ: ރޮއިޓާސް

ސްޕެއިންގެ ހައި ކޯޓުގެ އެނިންމުމާ ގުޅިގެން ކެތަލޯނިއާގެ އެތައް ހާސް މީހުން ވަނީ އިއްޔެ މުޒާހަރާކޮށްފަ އެވެ. އެގޮތުން ބާސެލޯނާގައި ހުންނަ އެސްޓޭޓުގެ ގާނޫނު ހަދާ މަޖިލިސް ކައިރީގައި 20،000ށް ވުރެ ގިނަ މީހުން މުޒާހަރާކޮށްފައިވާ އިރު، އެސްޓޭޓުގެ އެހެން ސިޓީތަކުގައި ގާތްގަނޑަކަށް 8،000 މީހުން މުޒާހަރާކޮށްފައިވެ އެވެ.

ސްޕެއިންއިން ވަކިވެ މިނިވަން ދައުލަތެއް ބިނާ ކުރުމާ ބެހޭ ގޮތުން ކެތަލޯނިއާގައި މި މަހުގެ އެއް ވަނަ ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓަށް ފަހު މިދިޔަ ހަފްތާގައި އެސްޓޭޓުން ވަނީ މިނިވަންކަން އިއުލާންކޮށްފަ އެވެ. އޭގެ ސަބަބުން ސްޕެއިން ސަރުކާރުން ވަނީ އެސްޓޭޓުގެ މައްޗަށް ސީދާ ވެރިކަން ހިންގަން ނިންމައި، ކެތަލޯނިއާގެ ސަރުކާރު ބަދަލުކުރުމަށް އާ އިންތިހާބެއް ބޭއްވުމަށް ނިންމައިފަ އެވެ. (ބީބީސީ)

comment ކޮމެންޓް