އިސްރާއީލުގެ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން ސްޕެއިންގައި މުޒާހަރާކޮށްފިއެވެ.
މުޒާހަރާގެ ބައިވެރިން ވަނީ އިސްރާއީލުން ކުރަމުންދާ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓައިލުމަށް ގޮވައިލައިފައެވެ.
ސްޕެއިންގެ ބައެއް މަދަނީ ޖަމުއިއްޔާތަކުން އިންތިޒާމުކޮށްގެން ބޭއްވި މުޒާހަރާއަށް ބައެއް ސިޔާސީ ޕާޓީތަކުން ވެސް ވަނީ ތާއީދުކޮށްފައެވެ.
ވެރިރަށް މެޑްރިޑްގައި ގިނަ ބަޔަކު ބައިވެރިވި އެ މުޒާހަރާގައި ބައިވެރިން ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކުށްވެރިކޮށް މިހާރުން މިހާރަށް ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލައި ލިޔެފައިވާ ޝިއާރުތައް ދައްކަލައިފައެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން ސްޕެއިންއިން އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓައިލައިފައިވާ ކަމަށް ސްޕެއިންގެ ޚާރިޖީ ވަޒީރު ހޯސޭ މެނުއެލް ދައްކަވައިފައިވާ ވާހަކަފުޅަކީ ދޮގެއް ކަމަށްބުނެ މެނުއެލްއާ ދެކޮޅަށް ވެސް މުޒާހާރާގެ ބައިވެރިން ވަނީ އަޑު އުފުލައިފައެވެ.
މެޑްރިޑްގެ އިތުރުން ބާސެލޯނާ، ކޮރޫނާ، މަލާގާ، އަދި ޓެނެރިފް ފަދަ 100 އަށް ވުރެ ގިނަ ސިޓީގައި މުޒާހާރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.