ސްޕެއިނުން އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓުކުރުން ހުއްޓާލައިފި

ސްޕެއިންގެ ހާރިޖީ ވަޒީރު ހޯސޭ މެނުއެލް އަލްބަރޭސް. ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

ސްޕެއިނުން އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓްކުރުން ހުއްޓައިލައިފިއެވެ.

އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ސްޕެއިންގެ ޚާރިޖީ ވަޒީރު ހޯސޭ މެނުއެލް އަލްބަރޭސް ހާމަކުރެއްވި ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތްވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށުމާއެކު ސްޕެއިނުން ވަނީ އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓުކުރުން ހުއްޓައިލައިފައެވެ.

އޮކްޓޫބަރު މަހު ފެށި ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފުވެރި އަދި ދާއިމީ ހައްލެއް ހޯދުމުގެ މުހިންމުކަން ވިސްނުނު ކަމަށް އަލްބަރޭސް ވިދާޅުވިއެވެ. އޮކްޓޫބަރުގެ ފަހުން އިސްރާއީލުން ގެންދަނީ ޣައްޒާގެ ސްކޫލްތަކަށާއި، ހަސްފަތާލުތަކަށާއި އެ ނޫން ވެސް ތަންތަނަށް ބޮން އަޅަމުން ކަމަށް ފާހަގަކުރައްވައި އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ)ގެ އަމުރަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް އަލްބްރޭސް ވަނީ ގޮވައިލައްވައިފައެވެ.

ފަލަސްތީނު ސަރަހައްދުގައި ހިނގާ އަނިޔާވެރިކަން އިތުރުވާތަން ދެކެން ސްޕެއިނުން ބޭނުން ނުވާ ކަމަށް ވެސް އަލްބަރޭސް އިތުރަށް ވިދާޅުވިއެވެ. އަދި، 27،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައިވާއިރު މިހާރުން މިހާރަށް ހަނގުރާމަ ހުއްޓައިލުމަށް ވެސް ސްޕެއިނުން ވަނީ ގޮވައިލައިފައެވެ.

ޣައްޒާގައި އިސްރާއީލުން ހިންގާ ހަނގުރާމަ ހުއްޓައިލުމަށް އެއްބަސްވުމަކަށް އައުމަށް ގަތަރުން ކުރާ މަސައްކަތްތައް ފާހަގަކުރައްވައި އަލްބަރޭސް ވަނީ ގަތަރަށް ތައުރީފުކުރައްވައިފައެވެ. އިސްރާއީލެކޭ އެއްފަދައިން ފަލަސްތީނަށް ވެސް މިނިވަން ދައުލަތެއް ގާއިމުކުރެވެންޖެހޭނެ ކަމަށް ވެސް އަލްބަރޭސް ވިދާޅުވިއެވެ.

ސްޕެއިންގެ މި ނިންމުމަކީ އިސްރާއީލަށް ހަތިޔާރު ވިއްކުމާއި އެކްސްޕޯޓްކުރުން ހަނިކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ތެރެއިން އެންމެ ފަހުން އެޅި އަދި އެންމެ މުހިންމު ފިޔަވަޅެވެ.

ސްޕެއިންގެ އިތުރުން ބެލްޖިއަމްގެ ސަރުކާރުން ވެސް ވަނީ އިސްރާއީލަށް ވަޒަނާއި ހާއްސަކޮށް ބަޑި އެކްސްޕޯޓް ކުރުމުގެ ލައިސަންސް ސަސްޕެންޑްކޮށްފައެވެ.

comment ކޮމެންޓް