"ފިލައިގެން އުޅޭ ބާޣީ ލުތުފީއާ ލަންކާއިން ދިމާވި، ސަރުކާރަށް އެންގިން"

ޔޫސުފް ރަފީއު (ޔޫސޭ) ސަންއަށް އިންޓަވިއު ދެނީ: ލަންކާއިން ލުތުފީއާ ދިމާވި ގޮތް އޭނާ ކިޔައިދިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ 29 އަހަރު ކުރިން ނޮވެމްބަރު 3، 1988 އަހަރު ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ޖަމާއަތުގެ ކުލީ ސިފައިންނާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިއާ ކަމުގައިވާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ވަނީ ފިލާފަ އެވެ. ދެހާސްނުވަ ވަނަ އަހަރު ސްރީލަންކާއަށް ބޭސްފަރުވާއަށް ފޮނުވި ގޮތަށް ފިލައިގެން އުޅޭ ލުތުފީ އަދިވެސް ހައްޔަރުކޮށް ރާއްޖެ ގެނެވިފައެއްނުވެ އެވެ.

ލުތުފީ ފިލައިގެން އުޅޭތާ ހަ އަހަރުވެފައިވާއިރު، 2013 ވަނަ އަހަރުގެ ތެރޭގައި ސްރީލަންކާއިން އޭނައާ ބައްދަލުވެފައިވާ ކަމަށް މަޝްހޫރު ކޮމޭޑިއަން ޔޫސުފް ރަފީއު (ޔޫސޭ) ވަނީ "ސަން"އަށް ބުނެފަ އެވެ.

ޔޫސޭ ކިޔައިދިން ގޮތުގައި ސްރީލަންކާގެ ނަވެއްލި ސަރަހައްދުން ދެ ފަހަރެއްގެ މަތިން ލުތުފީއާ ދިމާވި ކަމަށެވެ. އޭނާއާ ދިމާވީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށް ޔޫސޭ ބުންޏެވެ. ފުރަތަމަ އޭނައާ ދިމާވީ ކުރޮޅިއަކުން ކަމަށާއި ފެނުމުން ބިރުގަތް ކަމަށް ޔޫސޭ ބުންޏެވެ.

"ވަރަށް ފަހުން އަޅުގަނޑު ލަންކާއަށް ގޮސް އުޅެނިކޮށް ކުރޮޅީގައި މީހަކު އެބައިން. ދެން ޓަސްލާފަ މަޑުކޮށްލާފަ ގޮވާލައިފި ޔޫސޭއޭ. ދެން އަޅުގަނޑު ބަލާލައިފިން. ބަލާލިއިރު ކުޑަކޮށް ވައްތަރުވާން ފައްޓައިފި ލުތުފީއާ. ދެން އަޅުގަނޑު ބިރުގަންނަން ފައްޓައިފި. އޭނަ ބުނެފި ޔޫސޭ ކޮންތާކަށް ހެއްޔޭ؟ އަޅުގަނޑު ބިރުން ގޮސް ނޭނގުނު ބުނާނެ އެއްޗެއް،" ޔޫސޭ ކިޔައިދިނެވެ.

ސްރީލަންކާގައި އުޅުނީ ލުތުފީ އެ ގައުމުގައި އުޅޭގެ ކައިރީގައި ކަމަށާއި އެ ސަރަހައްދުގައި އޭނާ އުޅޭކަން އެނގުމުން އެހެން ސަރަހައްދަަކަށް ބަދަލުވީ ކަމަށް ޔޫސޭ ކިޔައިދިނެވެ.

"ފޯނު ނަންބަރު ދީފަ ބުނި ގުޅާށޭ ވެސް. އެކަމަކު އަޅުގަނޑެއް ނުގުޅަން،" ޔޫސޭ ބުންޏެވެ.

އޭނާ ބުނީ ލުތުފީ ފެނުމާއެކު އެ މައުލޫމާތު ހޯމް މިނިސްޓްރީއަށް ގުޅައި ހިއްސާކޮށްފައިވާނެ ކަމަށެވެ.

ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ----

ޔޫސޭގެ އެ ވާހަކަތަކާ ގުޅޭގޮތުން "ސަން" އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ލުތުފީ ސްރީލަންކާގައި އުޅޭ ކަމުގެ މަައުލޫމާތު ލިބިގެން އޭނާ ހޯދުމަށް ޚާއްސަ މަސައްކަތްތަކެއް ދިވެހި ފުލުހުން ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތް ވަނީ ނުވެފައި ކަމަށް އުމަރު ވިދާޅުވި އެވެ.

"ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ހޯދުމަށް ދިވެހި ފުލުހުން ވަނީ ވަރަށް މުހިންމު، ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައި. އެ މައްސަލައިގެ ބާވަތުން އެކަމުގެ ތަފްސީލު އަޅުގަނޑަށް ހާމަކުރެވޭކަށް ނެތް،" އުމަރު ވިދާޅުވި އެވެ.

ލުތުފީ ހައްޔަރުކުރެވޭ ވަރުގެ މައުލޫމާތު ފުލުހުންނަށް ދިން މީހަކަށް 10،000 ޑޮލަރުގެ އިނާމެއް ސަރުކާރުން ދޭނެ ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ އަހަރުގެ ނަސްރުގެ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިހާރުގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ ލުތުފީ ހައްޔަރުކޮށްގެން ވަރަށް އަވަހަށް ގެންނާނެ ކަމަށެވެ. ލުތުފީ ހައްޔަރުކޮށްގެން ރާއްޖެ ގެނައުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ވެސް ނެރެފަ އެވެ. ނަމަވެސް އޭނާ ހޯދަން ކުރާ މަސައްކަތް އަދި ކާމިޔާބެއް ނުވެ އެވެ.

ނަވާރަ ދިވެހީން ޝަހީދުވި އެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީގެ މައްޗަށް ކުރީގެ ޖިނާއީ ކޯޓުން އިއްވީ މަރުގެ ހުކުމެކެވެ. ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ އެ ހުކުމް ލުއި ކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފަ އެވެ.

ދިވެހީން ސިއްސުވާލި އެ އުދުވާނީ ހަމަލާގައި މަރުވި 19 މީހުންގެ ތެރޭގައި ހިމެނެނީ ދީނާއި ގައުމުގެ ދިފާއުގައި ހަނގުރާމަ ކުރަނިކޮށް ޝަހީދުވި އަށް ސިފައިންނާއި ބާޣީންގެ ބަޑީގެ ހަމަލާތަކުގައި ޝަހީދުވި އާންމުންގެ 11 މީހުންނެވެ.

comment ކޮމެންޓް