މިއަދު ނަސްރުގެ ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުމެން އެންމެން ވެސް ވާންޖެހޭނީ ގައުމުގެ ދުޝްމަނުންނާއި ޚާއިނުންގެ ނުބައި ރޭވުންތަކުން މި ގައުމު ސަލާމަތްކުރުމުގައި އެއްބައިވަންތަކަމާ އެކު މަސައްކަތްކުރާ، ދީނާއި ގައުމުދެކެ ލޯބިވާ ބަޔަކަށް ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމް މެދުވެރިކުރައްވައި ދެއްވި ޚާއްޞަ މެސެޖެއްގައި ވަޒީރު ވިދާޅުވީ، 3 ނޮވެމްބަރު 1988 އަކީ ބޭރުގެ ނިރުބަވެރި ޖަމާޢަތަކާއި ދިވެހިންގެ މަދު ބަޔަކު ގުޅިގެން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލުމަށް ވަރަށް ނުރައްކާތެރި ހަމަލާއެއް ދިން ދުވަހެއް ކަމަށެވެ.
އެއީ ބިރުވެރިކަމާއި ނާމާންކަމުން މުޅި ޖައްވު ބަނަކޮށްލި އަދި ދިވެހިންގެ ލޯތަކުން ކަރުނަ އޮހޮރުވި ބިރުވެރި ދުވަހެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
"މިއަދު ނަސްރުގެ ދުވަސް ފާހަގަކުރަމުން ގެންދާއިރު، މިއަދު އަޅުގަނޑުމެން ވެސް ވާންޖެހޭނީ ގައުމުގެ ދުސްމަނުންނާއި ޚާއިނުންގެ ނުބައި ރޭވުންތަކުން ގައުމު ސަލާމަތް ކުރަން އެއްބައިވަންތަކަމާއި އެކު މަސައްކަތްކުރާ ބަޔަކަށް." ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވިއެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި އެ ދުވަހަކީ ދުސްމަނުންގެ ރަޙުމެއް ނެތް ހަމަލާތަކުގައި ކުށެއް ނެތް 19 ދިވެހިން ޝަހީދުކޮށް، އެތައް ބަޔަކު ޒަޚަމްކޮށްލި ހިތާމަވެރި ދުވަހެކެވެ.
ނަސްރުގެ ދުވަހުން މިއަދު އަޅުގަނޑުމެން އެންމެން ވެސް ލިބިގަންނަންވީ މުހިންމު ފިލާވަޅަކީ ދިވެހި ގައުމު އިސްކުރުމުގެ ފިލާވަޅު ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެ ދުވަހު ދީނާއި ގައުމަށްޓަކައި ޝަހީދުވެދިޔަ ހިތްވަރުގަދަ ސިފައިން ފުރާނައިން ގުރުބާންވެގެން ދައްކުވައިދިނީ އެ މިސާލު ކަމަށާއި، އެ ބޭފުޅުން ހިމާޔަތްކޮށްދެއްވީ ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެ ބޭފުޅުންނަށްޓަކައި ދިވެހި ގައުމު އަބަދުވެސް ފަޚުރުވެރިވާނެ ކަމަށް ވިދާޅުވިއެވެ.
"އެދުވަހަކީ ދުސްމަނުންގެ ރަޙޫމެއް ނެތް ހަމަލާތަކުން ކުށެއް ނެތް 19 ދިވެހިން ޝަހީދުކޮށް، އަތައް ބަޔަކު ޒަޚަމްކޮށްލި ދުވަހެއް. ނަސްރުގެ ދުވަހު އަޅުގަނޑުމެން އެންމެންވެސް ލިބިގަންނަންވީ ފިލާވަޅަކީ ދިވެހި ގައުމު އިސްކުރުމުހެ ފިލާވަޅު." ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ މެސެޖު ނިންމަވާލައްވަމުން ވަނީ ނޮވެމްބަރު 3 ގެ އުދުވާނުގައި ޝަހީދުވި ހުރިހާ ބޭފުޅުންގެ ޒިކުރާ އާކުރައްވައި، އެ ބޭފުޅުންގެ ފުރާނަފުޅުތަކަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވާފައެވެ.
ފާހަގަކުރެވޭ ގޮތުގައި 1988 ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވި، ގައުމުގެ ތާރީޚުގައި ހިނގައިދިޔަ އެންމެ ހިތާމަވެރި އަދި ނުރައްކާތެރި އެއް ޙާދިސާއެވެ.
މިއީ ވެރިކަން ބަދަލުކުރުމުގެ ބޭނުމުގައި ދިވެހިންގެ މަދު ބައެއްގެ ބައިވެރިވުމާއެކު، ސްރީލަންކާގެ ޕްލޯޓް ޖަމާޢަތުގެ ހަތިޔާރުއެޅި ޓެރަރިސްޓުން މާލެއަށް އަރައި ދިން ޙަމަލާއެކެވެ.
މި ހަމަލާތަކުގައި ގައުމީ ވާޖިބު އަދާކުރުމުގައި ދިވެހި ސިފައިންނާއި ޢާންމު ރައްޔިތުން ހިމެނޭހެން 19 ބަޠަލުން ޝަހީދުވިއެވެ.