ފްރާންސް ގައުމީ އެއާލައިންގެ ޝެޑިއުލް ދަތުރުތައް ރާއްޖެ އަށް ފައްޓައިފި

ފްރާންސްގެ ގައުމީ އެއާލައިން "އެއާ ފްރާންސް" ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފްރާންސްގެ ގައުމީ އެއާލައިން "އެއާ ފްރާންސް"ގެ ޝެޑިއުލް ދަތުރުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް (ވީއައިއޭ) މިއަދު ފަށައިފި އެވެ.

ފްރާންސްގެ ޕެރިހުން ރާއްޖޭގެ ވައިގެ ބަނދަރަށް އެއާފްރާންސްގެ ރަސްމީ ދަތުރުތައް ފެށުމުގެ ގޮތުން ބޭއްވި ވެލާނާ އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތު ފައްޓަވައި ދެއްވައި ރިބަން ކުނޑުއްވައި ދެއްވީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި އެއާފްރާންސުގެ ސީނިއަ ވައިސް ޕްރެސިޑެންޓް، ވެލްމާ ބްލޮމްގެ އިތުރުން ރާއްޖެ އާއި ސްރީލަންކާ އަށް ފްރާންސުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީން މާރިން ސުހޫހް އެވެ.

އެއާ ފްރާންސްގެ ސީނިއާ ވައިސް ޕްރެސިޑެންޓް އަދި ހެޑް ހޮފް ކެބިން ކުރޫ ފްލައިޓުން ފައިބަނި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މާމަހި އެގްޒެކްޓިވް ލައުންޖުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މިއަދު ފެއްޓި އެއާ ފްރާންސްގެ ޝެޑިއުލް ދަތުރުތަކުގެ ސަބަބުން ފްރާސްއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށެވެ.

ރާއްޖޭގެ ހޮސްޕިޓާލިޓީ އަދި ޓޫރިޒަމް ދާއިރާއަށް ބަދަލުތަކެއް އަންނާނެ ކަމަށާއި އަންނަ އަހަރުގެ ނިޔަލަށް 1500 އެނދު ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އިތުރު ކުރެވޭނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. އަދި މިއަދު ފެށި ފްރާންސްގެ ޑައިރެކްޓް ފްލައިޓްގެ ސަބަބުން ޓޫރިޒަމް ދާއިރާ އަށް ބޮޑެތި ކުރިއެރުންތައް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެއާ ފްރާންސްގެ ޝެޑިއުލް ދަތުރުތައް ފެށުމުން ރާއްޖެއާއި ޔުރަޕްގެ މައިގަނޑު މާކެޓްތަކާ ގުޅާލެވިގެންދާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފްރާންސުން ރާއްޖެއާއި ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ޖީން މާރިން ވިދާޅުވީ، ރާއްޖޭގެ އެންމެ ފުރަތަމަ ރިސޯޓް ހުޅުވުނީއްސުރެ ވެސް ރާއްޖެއަކީ ފްރާންސް އަށް ވަރަށް މުހިއްމު މަންޒިލެއް ކަމަށެވެ. އަދި ފްރާންސްގެ ފަސްޓް ކްލާސް ސީ ސައިޑް ޓޫރިޒަމް ޑެސްޓިނޭޝަން އަކީ ވެސް ރާއްޖެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ފްރާންސްއިން ރާއްޖެއާއި ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ޖީން މާރިން ވާހަކަފުޅު ދައްކަވަނި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޖީން މާރިން ވިދާޅުވީ، ދުނިޔޭގެ ތާޒާ މަސް އިމްޕޯޓް ކުރާ އެންމެ ބޮޑު މާކެޓެއް ވެސް އޮތީ ފްރާންސްގައި ކަމަށާއި ރާއްޖެއަކީ މަސް އެކްސްޕޯޓްގެ މައްޗަށް ބަރޯސާވެފައި އޮންނަ ގައުމެއް ކަމުން މިއަދު ފެށުނު އެއާ ފްރާންސްގެ ދަތުރުތަކުގެ ސަބަބުން ތާޒާ މަސް އެކްސްޕޯޓް ކުރާ ފަރާތްތަކަށް ވެސް ބޮޑު މާކެޓެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތްތާގައި ފްރާންސްއާއި ރާއްޖެގެ އިތުރު ޕާޓްނާޝިޕްތަކެއް އުފެދި ތަރައްގީގެ އިތުރު ކަންކަން ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި އެއާ ފްރާންްސްގެ އިސްބޭފުޅުންނާއި އެމްއޭސީއެލްގެ އިސްބެފުޅުން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެއާ ފްރާންސުން ރާއްޖެއަށް ދަތުރު ކުރަން ބޭނުންކުރާނީ ބޮއިން 200-777 މަރުކާގެ ފްލައިޓެވެ. ރާއްޖެއަށް ދަތުރުކުރާ އެއާފްރާންސްގެ ފްލައިޓްގައި 260 އިކޮނޮމީ ކްލާހުގެ ސީޓާއި 24 ޕްރިމިއަމް އިކޮނޮމީ ކްލާސް ސީޓުގެ އިތުރުން، 28 ބިޒްނަސް ކްލާސް ސީޓު ހިމެނެ އެވެ.

އެއާ ފްރާންސްގެ ދަތުރުތައް ރާއްޖެ އިން ކުރާނީ ކޮންމެ ބުރާސްފަތި އަދި އާދިއްތަ ދުވަހެއްގެ މެންދުރު 1:05 އެވެ.

comment ކޮމެންޓް