އަލްޓާލިއާ އެއާލައިންގެ ޝެޑިއުލް ދަތުރުތައް ރާއްޖެ އަށް ފަށައިފި

މިއަދު ރާއްޖެ އަށް ޝެޑިއުލް ދަތުރުތައް ފެށި އިޓަލީގެ އަލިޓާލިއާ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލްގައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިޓަލީގެ އެއާލައިންއެއް ކަމަށްވާ އަލްޓާލިއާ އެއާލައިންގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށައިފި އެވެ.

މިއަދު ހެނދުނު 11:21ގައި އަލްޓާލިއާގެ ފްލައިޓް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސައިފަ އެވެ.

އަލިޓާލިއާ އިން ރާއްޖެއަށް ދަތުރުކުރާނީ 250 މީހުންގެ ޖާގައިގެ، އެއާބަސް 330 މަރުކާގެ ބޯޓެއްގަ އެވެ. މިއަދު ރާއްޖެ އައި އަލިޓާލިއާގެ ފްލައިޓުން 158 ފަސިންޖަރުން އައިސްފައިވެ އެވެ.

އެމްއޭސީއެލްގެ މުވައްޒަފުންނާއި އަލިޓާލިއާގެ މުވައްޒަފުން ---

އޭވިއޭޝަން ސާވިސް ވޮޔޭޖަސް މޯލްޑިވްސްގެ މެނޭޖަރު މައުޖޫބު އަބްދުﷲ ވިދާޅުވީ، އަލިޓާލިއާ އިން ފެށި ޝެޑިއުލް ދަތުރުތަކާ އެކު ރާއްޖެއިން ސީދާ ޔޫރަޕަށް ދާނެ މަގު ފަހިވެގެންދިޔައީ ކަމަށެވެ.

"އޮޕަޗުނިޓީސް އަނެއްކާ ހުޅުވިގެން މި ދިޔައީ ދިވެހިންނަށް ޔޫރަޕަށް ޓްރެވަލް ކުރުމަށް ޑައިރެކްޓް ރޫޓެއް ގޮތުގައި،" މައުޖޫބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ހަފްތާއަކު ތިން ދުވަހު ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރަން ހަމަޖެހިފައިވާ އަލިޓާލިއާގެ ޓިކެޓް ވޮޔޭޖަސް މޯލްޑިވްސް އިން ލިބެން ހުންނާނެ ކަމަށެވެ.

ވޮޔޭޖަސް މޯލްޑިވެސްގެ މެނޭޖިން ޑިރެކްޓަރު، ސަލާހް ޝިހާބު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ -- ސަަން ފޮޓޯ/ މުހައްމަދު އަފްރާހު

ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވޮޔޭޖަސް މޯލްޑިވެސްގެ މެނޭޖިން ޑިރެކްޓަރު، ސަލާހް ޝިހާބު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިޓަލީއަކީ ވަރަށް މުހިއްމު މާކެޓެއް ކަމަށެވެ. އަދި ވޭތުވެ ދިޔަ އަހަރުން ފެށިގެން ޔޫރަޕްގެ މާކެޓް އަންނަނީ ރަނގަޅުވަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިފަހަރު މި ފެށި ޝެޑިއުލް ފްލައިޓްތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އެދެވިގެންވާ ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުންމީދުކުރާ ކަމަށް ސަލާހް ވިދާޅުވި އެވެ.

އިޓަލީގެ އަލިޓާލިއާ އަކީ 1985 ވަނަ އަހަރު ރާއްޖެއަށް ޗާޓާ ދަތުރުތަކެއް ފަސް އަހަރު ވަންދެން ކުރި އެއާލައިން އެކެވެ. އަދި އެއަށް ފަހު 2014 ވަނަ އަހަރު ވެސް ޓޫރިޒަމް ސީޒަނާއި ދިމާކޮށް ޗާޓާ ދަތުރުތަކެއް އަލިޓާލިއާ އިން ރާއްޖެއަށް ވަނީ ކޮށްފަ އެވެ.

comment ކޮމެންޓް