ތަރައްގީއަށް އިދިކޮޅުން އަޅާ ހުރަސް، ބޭރުގެ ފަރާތްތަކަށް އަންގަން ޖެހޭ: އާމިރު

އޮކްޓޯބަރ 19، 2017: ޕީޕީއެމުން "ތައްޔާރު"ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާ ކޮށްދެއްވާ ހިދުމަތްތަކަށް އިދިކޮޅު ފަރާތްތަކުން އަޅަމުންދާ ހުރަސްތަކުގެ ވާހަކަ ބޭރުގެ ފަރާތްތަކަށް އަންގަންޖެހޭ ކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވެއްޖެ އެވެ.

ދ. މާއެނބޫދޫ ނަރުދަމާގެ ނިޒާމު ރަސްމީކޮށް އިފްތިތާހު ކުރުމަށް އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާމިރު ވިދާޅުވީ ސިޔާސަތު ކަނޑައެޅުމުގެ އެންމެހާ ބާރުތައް ލިބިގެންވަނީ ވަލިއްޔުލް އަމްރުގެ މަގާމުގައި ހުންނެވި މީހާއަށް ކަމަށެވެ. ބައިނަލް އަގްވާމީ މުއާހަދާ ތަކުގައި ސޮއިކުރުމާއި ބައިނަލް އަގްވާމީ ގޮތުން ރާއްޖެއިން ބޭރުން ހޯދަންޖެހޭ ފައިސާ ހޯދައިގެން ރައްޔިތުންނަށް ކޮށްދެންޖެހޭ ކަންތަކުގެ އެންމެ އިސް ޒިންމާ އަދާ ކުރައްވަނީ ވެސް ރައީސް ކަމަށް އާމިރު ވިދާޅުވިއެވެ.

"ނަމަވެސް ހިތާމައަކީ މި ދެންނެވި ބީދައިން އެމަނިކުފާނު ކުރައްވާ މަސައްކަތަށް ތަކުރާރުކޮށް މެދު ނުކެނޑި އިދިކޮޅު ފަރާތްތަކުން ހުރަސްއަޅާ ކަން. މި ވާހަކަ އަކީ ހުރިހާ ދޫތަކުން އެއް އަޑަކުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެވާހަކަ ތައް ދައްކާ، ގާބިލްކަން ހުރި މިންވަރަކުން ޓްވީޓުތަކާ އެހެނިހެން ގޮތް ގޮތުން ބައިނަލް އަގްވާމީ ފަރާތްތަކަށް އަންގަންޖެހޭ ކަންކަން،" އާމިރު ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްގީއަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތަކީ އަންނަން އޮތް ޖީލުތަކަށް ވެސް ފޯރުކޮށްދެވޭނެ ކަންތައް ކަމަށް ވެސް އާމިރު ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންނަށް މިވަގުތު އެންމެ ދަތިވެފައިވާ އެއްކަމަކީ ބިމުގެ ދަތިކަން ކަމަށާއި އެކަން ހައްލުކޮށްދެއްވުމަށްޓަކާ ދައުލަތުގެ ބަޖެޓުން ހަދަދުކޮށްގެން "މަހާޖައްރާފު"ގެ ނަމުގައި ޑްރެޖަރެއް ބަނދެފައިވާކަން ފާހަގަ ކުރައްވާ އާމިރު ވަނީ މާއެނބޫދޫ އަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކޮށްދެއްވުމަށް ރައީސް މަސައްކަތް ކޮށްދެއްވާނެކަން ޔަގީން ކުރައްވާ ކަމަށެވެ.

ރައީސް ޔާމީނަކީ އިގްތިސާދީ އެޖެންޑާއަކާއެކު އިޖްތިމާއީ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރައްވާ ވެރިއެއް ކަމަށް އާމިރު ވިދާޅުވި އެވެ.

comment ކޮމެންޓް