މާއެނބޫދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލް އިމާރާތް ކުރުމަށް ބަޔަކާ ހަވާލުކޮށްފި

އެއް އަހަރު ދުވަހުގެތެރޭގައި ނިންމުމަށް ހަވާލު ކޮށްފައިވާ އެ މަޝްރޫއަކީ 10.9 މިލިޔަން ރުފިޔާގެ މަޝްރޫއެއް--- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

ދ. މާއެނބޫދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލް އިމާރާތުގެ ނުނިމިހުރި މަސައްކަތް ކުރުމަށް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ ނައީމެވެ. އަދި ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އަޙުމަދު ރަމީޒެވެ.

އެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފައިވާއިރު އެކަމާ ގުޅިގެން އެރަށު ކައުންސިލުގެ ނައިބު ރައީސް އަޙްމަދު ޣައްސާން މިއަދު 'ސަން'އަށް ވިދާޅުވީ ސްކޫލުގައި މަލްޓީޕާޕަސް ހޯލެއް ނެތުމުން ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވާ ކަމަށެވެ.

އެގޮތުން އެ ސްކޫލަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް ވާއިރު، އެސެމްބްލީ ބޭއްވުމަށް ދަތިތަކާ ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޣައްސާން ވިދާޅުވީ އޭގެ އިތުރުން އިތުރު ހަރަކާތްތައް ބޭއްވުމަށް ވެސް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އަދި އެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު މަސައްކަތް ބަޔަކާ ހަވާލުކުރުމަކީ ރައްޔިތުން ވަރަށް އުފާކުރާ ކަމެއް ކަމަށް ވެސް ޣައްސާން ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކޮށްފައިވާ އެ މަޝްރޫއަކީ 10.9 މިލިޔަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.

comment ކޮމެންޓް