ދ. މާއެނބޫދޫގެ ނަރުދަމާ ނިޒާމު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފައްޓަވައިދެއްވައިފި އެވެ.
ޖުމްލަ 28.4 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ހަދާފައިވާ މާއެނބޫދޫގެ ނަރުދަމާ ނިޒާމަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން މާއެނބޫދޫގައި ގާއިމު ކުރި މަޝްރޫއު އެކެވެ.
އެ މަސައްކަތް ކޮށްފައި ވަނީ، މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ނެވެ.
އެމްޑަބްލިއުއެސްސީ އާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ، 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 19 ވަނަ ދުވަހު އެވެ.
މާއެނބޫދޫގެ ނަރުދަމާގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޓަކައި މި އަހަރުގެ މެއި މަހުގެ ތެރޭގައި އެ ނިޒާމު ބެލެހެއްޓުން ފެނަކަ ކޯޕަރޭޝަނާ ވަނީ ހަވާލުކޮށްފަ އެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ފަށާފައިވާ އިރު، މަސައްކަތް ނިންމާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.
އެ ނިޒާމުގެ ދަށުން މާއެނބޫދޫގެ 174 ގެއަަށް ނަރުދަމާ ފޯރުކޮށްދެވޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެ އެވެ. ދެ ޕަމްޕް ސްޓޭޝަން ބަހައްޓަައިގެން ހަ ކިލޯ މީޓަރުގެ ނަރުދަމާގެ ނިޒާމުގައި، ނަޖިސް ބޭރު ކުރުމަށް ޓަކައި މާއެނބޫދޫގެ އެއްގަމު ތޮށިން ފެށިގެން 598 މީޓަރުގެ ދުރަށް ވަނީ ސީ އައުޓްފޯލް ހޮޅި އަޅައިފަ އެވެ.
މާއެބޫދޫ ނަރުދަމާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ބައިވެރިވެވަޑައިގަތެވެ. އަދި އެ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ބައިވެރިވެވަޑައިގަތެވެ.