ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ އެވޯޑެއް ރާއްޖެއަށް އަނެއްކާވެސް ކަށަވަރުވެއްޖެ!

އަނަންތަރާ ކިހަވައް ރިސޯޓުގައި ހުންނަ މޫދު އަޑީގެ ރެސްޓޯރެންޓު --

އަންނަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ވިއެޓްނާމްގައި ބާއްވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ފައިނަލް ގާލާގައި، ދިވެހިރާއްޖެއަށް ދެ އެވޯޑެއް ކަށަވަރުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު، ވޯލްޑް ޓްރެވަލް އެވޯޑްސް ކޮންމެ އަހަރަކުވެސް ބާއްވަނީ ދުނިޔޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެންނެވެ. އެއަށްފަހު، އަހަރު ނިމުމާ ހަމައިން މުޅި ދުނިޔޭގެ ފެންވަރުގައި އެކި ގައުމުތަކުން ވާދަކުރާ "ފައިނަލް ގާލާ"އެއް އޮވެއެވެ.

މިއަހަރުގެ އެވޯޑްސްގެ ފައިނަލް ގާލާގައި 30 އަށް ވުރެ އެވޯޑަކަށް، ރާއްޖެ ތަމްސީލުކުރާ 73 ފަރާތަކުން ވާދަ ކުރެއެވެ.

އޭގެ ތެރޭގައި ދެ އެވޯޑަކަށް، ވާދަކުރަނީ ހަމައެކަނި ރާއްޖޭގެ ޕްރޮޕަޓީތަކެވެ. އެހެންކަމުން އެ ދެ އެވޯޑު ލިބޭނީ ރާއްޖެއަށްކަން ވަނީ ކަށަވަރުވެފައެވެ. މި ދެ އެވޯޑު ދޭންފެށީއްސުރެ، އެ ލިބެމުން ދަނީ ރާއްޖެއަށެވެ.

އެ ދެ އެވޯޑާއި، ވާދަކުރާ ފަރާތްތަކަކީ:

ވޯލްޑްސް ލީޑިންގް ވޯޓަރ ވިލާ ރިސޯޓް 2017

  • އަދާރަން ޕްރިސްޓީޖް ވޯޓަރ ވިލާސް
  • އަޔާދާ މޯލްޑިވްސް
  • ބަރޮސް މޯލްޑިވްސް
  • ކޮންރަޑް މޯލްޑިވްސް ރަންގަލި
  • ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް ކުޑަހުރާ
  • ޖޭއޭ މަނަފަރު
  • އޮޅުވެލި ބީޗު އެންޑް ސްޕާ
  • ސަން އަކުއާ ވިލުރީފް
  • ޓާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާ
  • ދަ ސަން ސިޔާމް އިރުފުށި

ލީޑިންގް ވޯޓަރ ވިލާ ރިސޯޓުގެ އެވޯޑު ދޭންފެށީ 2010 ވަނަ އަހަރުއެވެ. އެއަހަރު އެވޯޑު ލިބުނީ އަދާރަން ޕްރިސްޓީޖް ވޯޓަރ ވިލާސްއަށެވެ. ދެހާސް އެގާރަވަނަ އަހަރު ބަރޮސް މޯލްޑިވްސްއަށް އެވޯޑު ލިބުނު އިރު، 2012 އަދި 2013 ގައި އެވޯޑު ލިބުނީ ކޮންރެޑް މޯލްޑިވްސް ރަންގަލިއަށެވެ. ޖެހިގެން އައި ދެ އަހަރު އަޔާދާ މޯލްޑިވްސްއިން އެވޯޑު ހޯދި އިރު، 2016 ވަނަ އަހަރު އެވޯޑު ކާމިޔާބުކުރީ ސަން އަކުއާ ވިލުރީފް ރިސޯޓުންނެވެ.

ވޯލްޑްސް ލީޑިންގް އަންޑަވޯޓަރ ހޮޓެލް ރެސްޓޯރަންޓް 2017

  • އިތާ އަންޑަރސީ ރެސްޓޯރަންޓް، ކޮންރަޑް މޯލްޑިވްސް ރަންގަލި
  • ސީ، އަނަންތާރާ ކިހަވައް މޯލްޑިވްސް ވިލާސް
  • ސަބްސިކްސް، ނިޔާމަ ޕްރައިވެޓް އައިލެންޑްސް މޯލްޑިވްސް

ދެހާސް ފަނަރަ ވަނަ އަހަރު ދޭންފެށި ލީޑިންގް އަންޑަވޯޓަރ ހޮޓެލް ރެސްޓޯރަންޓްގެ އެވޯޑަށް އެ އަހަރާއި، 2016 ވަނަ އަހަރުވެސް ވާދަކޮށްފައިވަނީ މިއަހަރު ވާދަކުރާ ތިން ރެސްޓޯރަންޓެވެ. އެ ދެ އަހަރުވެސް އެވޯޑު ހާސިލުކޮށްފައިވަނީ އަނަންތާރާ ކިހަވައް ވިލާސްގައި ހުންނަ ކަނޑުއަޑީގެ ރެސްޓޯރަންޓެވެ.

comment ކޮމެންޓް