ލުކާކޫ އަށް ބެއިލީގެ ތައުރީފް!

މެންޗެސްޓާ ޔުނައިޓެޑްގެ ބްލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫ: ސީޒަންގެ ކުރީކޮޅު ލުކާކޫގެ ފަރާތުން ގިނަ ގޯލު ތަކެއް ފެނިގެންދިޔަ ނަމަވެސް، އެންމެ ފަހުން ޔުނައިޓެޑް ކުޅުނު ފަސް މެޗުގައި އޭނާ އަށް ގޯލެއް ޖެހިފައެއް ނުވޭ --- ފޮޓޯ/ އޭޕީ

މެންޗެސްޓާ ޔުނައިޓެޑްގެ ރޮމެލޫ ލުކާކޫ އަކީ ވަރަށް މޮޅު ސްޓްރައިކަރެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އޭނާގެ މޮޅު ކުޅުން ފެންނަމުންދާނެ ކަމަށް އެ ކްލަބުގެ ޑިފެންޑަރު އެރިކް ބެއިލީ ބުނެފި އެވެ.

މިސީޒަނުގައި އެވަޓަން އިން 75 މިލިއަން ޕައުންޑަށް ގުޅުނު ބެލްޖިއަމް ފޯވަޑް ލުކާކޫ ވަނީ އެ ޓީމަށް ކުޅުނު ފުރަތަމަ ދިހަ މެޗުން 11 ގޯލު ކާމިޔާބު ކޮށްދީފަ އެވެ.

ސީޒަނުގެ ކުރީކޮޅު ލުކާކޫގެ ފަރާތުން ގިނަ ގޯލުތަކެއް ފެނިގެންދިޔަ ނަމަވެސް، އެންމެ ފަހުން ޔުނައިޓެޑް ކުޅުނު ފަސް މެޗުގައި ލުކާކޫ އަށް ގޯލެއް ކާމިޔާބު ކުރެވިފައި ނުވުމުގެ ސަބަބުން އޭނާ އަށް ވަނީ އަމިއްލަ ކްލަބުގެ ސަޕޯޓަރުންގެ ފާޑު ކިޔުންތަކާ ވެސް ކުރިމަތިލާން ޖެހިފަ އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ބެންފީކާއާ ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބެއިލީ ވަނީ ލުކާކޫ އަށް ތައުރީކޮށް ވާހަކަ ދައްކައިފަ އެވެ.

"ލުކާކޫ އަކީ ވަރަށް މޮޅު ސްޓްރައިކަރެއް. އަހަރެން އޭނާއާ ދެކޮޅަށް ވެސް ކުޅުނިން. އަދި މިހާރު އޭނާއާ އެކު އެއް ޓީމަކަށް ކުޅެވޭތީ ވަރަށް އުފާކުރަން. ލުކާކޫ އަކީ އަހަރެމެންނަށް ވަރަށް މުހިންމު ކުޅުންތެރިއެއް. އަދި އޭނާގެ ފަރާތުން ކުރިއަށް އޮތް ތަނުގައި ވެސް ގޯލުތަކެއް ފެނިގެންދާނެ ކަމަށް އަހަރެން އުންމީދުކުރަން،" ބެއިލީ ބުންޏެވެ.

ބެއިލީ ބުނީ، އިނގިރޭސި ޕްރިމިއާ ލީގަކީ ދުނިޔޭގެ އެންމެ ވަރުގަދަ ލީގުތަކުގެ ތެރޭގައި ހިމެނޭ ލީގެއް ކަމަށާއި ޗެމްޕިއަންސް ލީގުގައި ވެސް ޕްރިމިއާ ލީގު ކްލަބްތަކުން ރަނގަޅު ނަތީޖާ ތަކެއް ނެރެމުންދާ ކަމަށެވެ. އަދި ޔުނައިޓެޑުން ވެސް ޗެމްޕިއަންސް ލީގުގައި ރަނގަޅު ނަތީޖާތައް ނެރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

comment ކޮމެންޓް