ޒޯން ތިނެއްގެ ޗެމްޕިއަންކަން ފެރިދުއަށް، ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ކުނބުރުދުއަށް

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތެރެއިން: މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ މުބާރާތުގައި ވެސް 50 ޓީމެއް ވާދަކުރޭ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ތިނެއްގެ ޗެމްޕިއަންކަން އއ. ފެރިދޫ އިން ހޯދި އިރު، ޒޯން ހަތަރެއްގެ ޗެމްޕިއަންކަން އދ. ކުނބުރުދޫ އިން ހޯދައިފި އެވެ.

މާފަންނު ވެލިދަނޑުގައި ރޭ ވަނީ އެ މުބާރާތުގެ ޒޯން ތިނެއް އަދި ޒޯން ހަތަރެއްގެ ފަހު މެޗު ކުޅެފަ އެވެ. ޒޯން ތިނެއް އަދި ޒޯން ހަތަރެއްގައި ވެސް ވާދަކޮށްފައި ވަނީ ދެ ޓީމެވެ.

ޒޯން ތިނެއްގައި ރޭ އއ. ފެރިދޫ އާއި އދ. ކުނބުރުދޫ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 2-2 ލަނޑުގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. އެ މެޗުގައި ގާފަރުގެ ދެ ލަނޑު ވެސް ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު މާއިޝް އެވެ. ފެރިދޫގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ އަބްދުﷲ ނިޝާން އާއި އަލީ ނިޝާން އެވެ.

އެ ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗު ވެސް އެއްވަރު ވެފައިވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ފެރިދޫ ޗެމްޕިއަންކަން ހޯދީ ޕެނަލްޓީގައި ގާފަރުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ޒޯން ތިނެއްގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނީ ފެރިދޫގެ އަފްޒަލް ނަޝީދު އެވެ.

ޒޯން ހަތަރެއްގައި ރޭ މ. މަޑުއްވަރީ އާއި އދ. ކުނބުރުދޫ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 3-3 ލަނޑުގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ. އެ މެޗުގައި ކުނބުރުދޫގެ ތިން ލަނޑުގެ ތެރެއިން އެއް ލަނޑަކީ މަޑުއްވަރީގެ ނާފިޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ކުނބުރުދޫގެ އަނެއް ދެ ލަނޑު ޖަހައިދިނީ ޝަމްސުއްދީން އާއި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ރަޒްނީ އެވެ.

އެ މެޗުގައި މަޑުއްވަރީގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ޒަހުވާން އާއި އާޒިމް އަދި ހަސަން އަލީ އެވެ. ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ކުނބުރުދުއަށް ލިބުނީ ފުރަތަމަ މެޗުގައި މަޑުއްވަރީގެ މައްޗަށް ކުރި ހޯދާފައި ވުމުންނެވެ. އެ ޒޯނުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނީ ކުނބުރުދޫގެ ޝަމްސުއްދީން އެވެ.

އެ މުބާރާތުގެ ޒޯން ބުރުގައި ވާދަކުރަނީ އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދި ޓީމުތަކެވެ. ފައިނަލް ބުރުގައި ވާދަކުރާނީ ޒޯން ބުރުގެ ޗެމްޕިއަންް އަދި ރަނަރަޕް މަގާމު ހޯދާ ޓީމުތަކަށެވެ. ޒޯން ތިނެއްގެ ޗެމްޕިއަން ފެރިދޫ އާއި ޒޯން ހަތަރެއްގެ ޗެމްޕިއަން ކުނބުރުދުއާ އެކު ރަނަރަޕުންގެ ގޮތުގައި ގާފަރާއި މަޑުއްވަރީ، ފައިނަލް ބުރުގައި ވާދަކުރާނެ އެވެ.

މިއަހަރު އެ މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ދޭ ފައިސާގެ އިނާމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. މިދިޔަ އަހަރު ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މިއަހަރު ޗެމްޕިއަން ޓީމަށް ހުށަހަޅާފައި ވަނީ 65،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މިދިޔަ އަހަރު ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މިއަހަރު ރަނަރަޕް ޓީމަށް ހުށަހަޅާފައި ވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް އެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް އެ މުބާރާތުގައި 50 ޓީމެއް ވާދަކުރެ އެވެ.

comment ކޮމެންޓް