ސާފް އަންހެން ފުޓްސަލް މުބާރާތެއް އަންނަ އަހަރު؛ ފިރިހެން މުބާރާތް 2028 ގައި

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ދިވެހި ގައުމީ ފުޓްސަލް ޓީމަށް މަރުހަބާ ކިޔުން -- ސަން ފޮޓޯ/ މޫސާ ނަދީމް

މިއަހަރު ޖަނަވަރީ މަހު މުޅިން އަލަށް ބާއްވަން ފެށި ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގެ އަންހެން ޑިވިޝަންގެ ދެވަނަ މުބާރާތް އަންނަ އަހަރަށް ތާވަލުކުރިއިރު، ފިރިހެން ޑިވިޝަންގެ ދެވަނަ މުބާރާތް 2028 އަށް ތާވަލުކޮށްފިއެވެ.

ސާފުން ހުކުރު ދުވަހު ވަނީ 2027 އިން 2030 ގެ ނިޔަލަށށް ކޮމާޝަލް ޕާޓްނަރެއް ހޯދަން ހުޅުވާލާފައެވެ. އެކަމަށް އެދި އެ އިދާރާއިން ނެރުނު ބަޔާނާއެކު މި މުއްދަތުގެ ތެރޭގައި ބާއްވާ މުބާރާތްތައް ހާމަކޮށްފައިވެއެވެ. އެގޮތުން އަންނަ އަހަރު ސާފުން ވަނީ އަންހެން ފުޓްސަލް މުބާރާތެއް ބޭއްވުމަށް ނިންމައިފައެވެ.

ސާފު ސަރަހައްދުގެ ގައުމުތަކުގައި އެކަށީގެންވާ ފުޓްސަލް ޕިޗެއް ނެތުމުން މި ފަހަރުގެ މުބާރާތް ބާއްވާފައިވަނީ ތައިލެންޑްގެ ބެންކޮކްގައެވެ. ނަމަވެސް، މި ސަރަހައްދުގެ ފުރަތަމަ ފުޓްސަލް ކޮމްޕްލެކްސް ރާއްޖޭގައި އެޅުމުގެ މަސައްކަތް ވަނީ މިމަހުގެ 15 ވަނަ ދުވަހު ފަށާފައެވެ. އަދި އެ މަސައްކަތް، 18 މަސްދުވަހުގެ ތެރޭ ނިމޭނެކަމުގެ ޔަޤީންކަން، ޕްރޮޖެކްޓުގެ ކޮންޓްރެކްޓަރު، ލިއޯ ގުރޫޕުން ދީފައިވެއެވެ.

ސާފުން ހާމަކޮށްފައިވާ ގޮތުގައި 2030 ވަނަ އަހަރާ ހަމައަށް ފުޓްސަލްގެ ފިރިހެން ޑިވިޝަން ދެ މުބާރާތާއި އަންހެން ޑިވިޝަން ދެ މުބާރާތް ހިމެނޭހެން ޖުމްލަ ހަތަރު މުބާރާތެއް ބޭއްވުމަށް ރާވާފައިވެއެވެ.

އަންހެން ފުރަތަމަ މުބާރާތް އަންނަ އަހަރަށް ތާވަލުކޮށްފައިވާއިރު، ފިރިހެން މުބާރާތް ތާވަލުކޮށްފައިވަނީ 2028 ވަނަ އަހަރަށެވެ. އަދި އަންހެން ދެވަނަ މުބާރާތް ވެސް ކުރިއަށް ދާނީ 2028 ވަނަ އަހަރުގެތެރޭއެވެ. ފިރިހެން ދެވަނަ މުބާރާތް ތާވަލުކޮށްފައިވަނީ 2030 ވަނަ އަހަރަށެވެ.

މި އަހަރުގެ ޖަނަވަރީ މަހު މުޅިން އަލަށް ބޭއްވި ސާފްގެ ފުރަތަމަ މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން މެޗަކުން ބަލިނުވެ ހޯދީ ރާއްޖެއިންނެވެ. މި މުބާރާތުގެ އަންހެން ޗެމްޕިއަންކަން ހޯދީ ބަންގްލަދޭޝްއިންނެވެ.

comment ކޮމެންޓް