އޭއެފްސީ 19 އަހަރުން ދަށުގެ ޗެންޕިއަންޝިޕް ކޮލިފިކޭޝަންގައި ރާއްޖޭގެ ޓީމު ތަފާތު ވާނެ ކަމަށާއި އެކަން މާދަމާގެ މެޗުގައި ދައްކާނެ ކަމަށް ގައުމީ 19 އަހަރުން ދަށު ޓީމުގެ ކޯޗު އިހުސާން އަބްދުލް ޣަނީ ބުނެފި އެވެ.
ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި މާދަމާ ސްރީލަންކާއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސާންތި ބުނީ ރާއްޖެ ސްރީލަންކާ އާއި ބަންގުލަދޭޝްއަކީ ރާއްޖެއަށް ބަލިކުރެވޭ ވަރުގެ ޓީމްތަކެއް ކަމަށާއި އަދި ތަޖަކިސްތާނާއި އުޒްބަކިސްތާނަކީ ރާއްޖެއަށް ވާދަކުރެވޭ ވަރަށް ވުރެ ލެވެލްގެ ގޮތުން މާމޮޅު ޓީމްތަކެއް ކަމަށެވެ.
"ނިމިގެންދިޔަ ސާފް ޗެންޕިއަންޝިޕްގައި ލަންކާ އަތުން ރާއްޖެ ވަނީ ބަލިވެފައި. ނަމަވެސް މިފަހަރު ރާއްޖޭގެ ޓީމް ތަފާތުވާނެ. ހާއްސަކޮށް ކުޅުންތެރިންގެ ތަޖުރިބާއާއި މެދު ކެނޑުމެއްނެތި ކުރަމުންދިޔަ ފަރިތަކުރުންތަކުގެ ފައިދާ ލިބޭނެ،" ސާންތި ބުންޏެވެ.
މީގެ ކުރިން ނިއު ރޭޑިއަންޓްގެ ކޯޗު ކަން ވެސް ކޮށްދީފައިވާ ސްރީލަންކާގެ ކޯޗު ސްމިތް ވަލަޕޮލާ ބުނީ ދިގު ދަތުރެއްކޮށްފައި އަންނަން ޖެހުމުން، ކުޅުންތެރިން ތިބީ ވަރަށް ވަރުބަލިވެފަ ކަމަށާއި، ތަޖަކިސްތާނުގައި ކަންތައްތައް ހަމަޖެހިފައިވާ ގޮތާމެދު ވެސް އެހާ ހިތްހަމަނުޖެހޭ ކަމަށެވެ.
"ރާއްޖެއަކީ އަބަދުވެސް ލަންކާގެ ވާދަވެރިއެއް. އެ ވާދަވެރިކަން ޖޫނިއާ ޓީމުތަކުގެ މެދުގައި ވެސް އޮންނާނެ. އަދި ރާއްޖެ އާއި ދެކޮޅަށް ނުކުންނައިރު، ރާއްޖޭގެ ފުޓްބޯޅަ އެނގުމަކީ ސްރީލަންކާއަށް ފައިދާ ނެގިދާނެކަމެއް،" ވަލަޕޮލާ ބުންޏެވެ.
ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމާއި ސްރީލަންކާގެ 19 އަހަރުން ދަށުގެ ޓީމު ބައްދަލު ކުރާ މެޗު ފަށާނީ މާދަމާ މެންދުރުފަހު ދޭއް ޖަހާއިރު އެވެ.