ދެކުނު އޭޝިއާ ސަރަހައްދުގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ބޮޑު އެވޯޑު، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގައި ރާއްޖޭގެ އެންމެ ދުވަސްވީ އެއް ރިސޯޓު، ސަމާ އައިލެންޑް ރިސޯޓުން، ރާއްޖެއާއި ދެކުނު އެޝިއާ ސަރަހައްދުގެ ލީޑިންގް ބީޗު ރިސޯޓުގެ އެވޯޑު ކާމިޔާބުކޮށްފިއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީގެ އީކުއޭޓަރ ވިލެޖް ރިސޯޓުގައި ކުރިޔަށް ދިޔަ ސަޓާ ގާލާ ރިޓްރީޓުގައި، ސަމާ އައިލެންޑް ރިސޯޓަށް ސަރަހައްދުގެ ލީޑިންގް ބީޗު ރިސޯޓުގެ އެވޯޑު ލިބުނީ 21 އެހެން ޕްރޮޕަޓީއާ ވާދަކޮށްގެންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ އަށް ރިސޯޓަކާއި، ސްރީލަންކާގެ 11 ރިސޯޓެއް އަދި އިންޑިއާގެ ދެ ޕްރޮޕަޓީއަކާ ވާދަކޮށްގެންނެވެ.
ސަޓާ ގާލާ ރިޓްރީޓުގައި، ސަމާ އައިލެންޑް ރިސޯޓަށް ލިބުނު އެވޯޑާ ހަވާލުވެވަޑައިގަތީ އެ ރިސޯޓުގެ މެނޭޖަރ މާރިޔާ ޝަރީފެވެ.
އެވޯޑު ލިބުމާ ގުޅިގެން މާރިޔާ ވިދާޅުވީ، އެ ރިސޯޓަށް ލިބުނު ފަޚުރާއި، އެ ރިސޯޓުގެ ޚިދުމަތްތަކުން އުފާވެރިކަން ގެނެސްދިނުމުގެ ފަހަތުގައި ވަނީ އެ ރިސޯޓުގެ މުވައްޒަފުން ކަމަށެވެ.
ކ. ޒިޔާރަތްފުށީގައި ހަދާފައިވާ ހަތަރު ތަރީގެ ސަމާ އައިލެންޑް ރިސޯޓު އޮޕަރޭޓުކުރަނީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް ރިސޯޓު އޮޕަރޭޓަރ، ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސްއިންނެވެ. އެ ކުންފުނިން ހިންގާ އިތުރު ރިސޯޓުތަކުގެ ތެރޭގައި އެނބޫދޫ ވިލެޖު އަދި އައްޑޫ ސިޓީގެ އީކުއޭޓަރ ވިލެޖު ހިމެނެއެވެ. އޭގެ އިތުރުން، މާލޭގެ މަޝްހޫރު ތިން ހޮޓެލް ކަމުގައިވާ މޫކައި ހޮޓެލް، މޫކައި ސުއީޓްސް އަދި ކާމް ހޮޓެލަކީ ވެސް ކައިމޫގެ ޕްރޮޕަޓީތަކެކެވެ.
ސަޓާ އެވޯޑްސް ލިބުނު ފަރާތްތައް ކަނޑައަޅާފައިވަނީ، އެވޯޑަށް ކުރިމަތިލި ފަރާތްތަކުން ހުށަހެޅި ޕްރެޒެންޓޭޝަނާއި، އެ ފަރާތަކަށް ލިބުނު ވޯޓުގެ ނިސްބަތުގެ އިތުރުން، އެތަންތަނުގެ ޚިދުމަތް ހޯދާފައިވާ ފަރާތްތަކުނެ ރިވިއުތަކަށް ބެލުމަށްފަހުއެވެ. އެވޯޑު ލިބުނު ފަރާތްތައް ކަނޑައެޅީ ބައިނަލްއަގުވާމީ ގޮތުން އެކުލަވާލި ޖަޖުންގެ ޕެނަލަކުންނެވެ. އަދި އެވޯޑުގެ ހުރިހާ ކަމެއް އޮޑިޓުކުރީ ކްރޯ ހޮވާތު މޯލްޑިވްސްއިންނެވެ.
ސަޓާ އެވޯޑުގައި މިއަހަރުވެސް އެންމެ ގިނަ އެވޯޑު ހޯޑީ ދިވެހިރާއްޖެއިންނެވެ. އެއީ 24 އެވޯޑެވެ. އިންޑިއާއަށް ހަ އެވޯޑު ލިބުނު އިރު، ސްރީލަންކާއަށް ފަސް އެވޯޑެއް ލިބުނެވެ. އަދި ސަޓާގައި މިއަހަރު އަލަށް ބައިވެރިވި ނޭޕާލަށް ދެ އެވޯޑެއް ލިބުނެވެ.
ސަޓާ އެވޯޑު އެންމެ ފުރަތަމަ ދީފައިވަނީ 2016 ވަނަ އަހަރު، ސްރީލަންކާގައެވެ. މިއަހަރު މި އެވޯޑު ހަފްލާ ރާޢްޖޭގައި ބާއްވާފައިވާ އިރު، ކުރިޔަށް އޮތް 2018 ވަނަ އަހަރު ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް އޮންނާނީ އިންޑިއާގައި ކަމަށް ސަޓާއިން ބުނެފައިވެއެވެ.