އަލްޖަޒީރާއަކީ މިނިވަން ފިކުރެއް، އެ ޗެނެލް ބަންދުކުރާނެ އެއްވެސްގޮތެއް ނޯންނާނެ: ގަތަރުގެ އަމީރު

ސީބީއެސް އަށް ގަތަރުގެ އަމީރު ބަސްދީ ގަތުން ދެއްވަނީ

ދަވްޙާ (އޮކްޓޯބަރ 30): ގަތަރާ ގުޅުންތައް ކަނޑާލައި ޙިސާރުގެ ފިޔަވަޅުތައް އެޅި ގައުމުތަކުން އެދޭގޮތަށް އަލްޖަޒީރާ ޓީވީ ބަންދުނުކުރާނެ ކަމަށް ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު ވިދާޅުވެއްޖެއެވެ.

ސީބީއެސް ޓީވީ ނެޓްވާކަށް ދެއްވި ބަސްދީގަތުމެއްގައި ޝައިޚް ތަމީމް ވިދާޅުވީ، އަލްޖަޒީރާ ޓީވީގެ ސަބަބުން މިނިވަން ފިކުރާއި ޑިމޮކްރަސީގެ ރޫހު އަރަބި ދުނިޔޭގައި އަށަގަނެ ގުޑް ގަވާނެންސަށް އަރަބި ޒުވާނުން ހޭލުންތެރި ވަމުންދާ ކަމަށާއި ކޮންމެ ފަރާތަކުން އެދުނު ކަމަށްވިޔަސް އަލްޖަޒީރާ ބަންދު ނުކުރާނެ ކަމުގައެވެ. އަދި އަލްޖަޒީރާގެ ޚަބަރުތައް ގެނައުމުގައި ގެންގުޅޭ އުސޫލުތަށް ބަދަލު ނުކުރާނެ ކަމުގައެވެ.

އަރަބި ރަބީއުގެ ނަމުގައި އަރަބި ގައުމުތަކަށް އައި ރައްޔިތުންގެ އިންތިފާޟާ ތަކަށް މަގުފަހިވީ އަލްޖަޒީރާގެ ސަބަބުން ކަމަށް އަރަބި ސަރުކާރު ތަކުން ދެކެއެވެ. އަރަބި ރަބީއުގެ ސަބަބުން ރަނގަޅު ވެރިކަމުގެ ނިޒާމަކަށް މަގުފަހިވީ ހަމައެކަނި ތޫނިސްގައެވެ. އަރަބި ރަބީއުގެ އިންތިފާޟާތަށް އައި ގައުމުތަކުގެ ތެރޭގައި ހިމެނޭ ލީބިޔާ، ސޫރިޔާ އަދި މިސްރަށް އެކަމުގެ ސަބަބުން ވަނީ އާދަޔަ ޚިލާފު ގެއްލުންތަކެއް ލިބިފައެވެ. މީގެތެރެއިން ލީބިޔާ އެއްކޮށް ރޫޅި ބައިބައިވެ ހަނގުރާމަވެރި ޖަމާއަތްތަކުގެ އަތްދަށަށް ގޮސް ނާކާމިޔާބު ދައުލަތަކަށް ލީބިޔާ ވެގެން ގޮސްފައިވާއިރު ސޫރިޔާ ވަނީ ހަނގުރާމައިގެ ސަބަބުން މުޅިން ހަލާކުވެ ވީރާނާވެފައެވެ.

ޔަމަނަށްވެސް ވަނީ ސޫރިޔާއަށް ދިމާވިގޮތް ދިމާވެފައެވެ. އަރަބި ރަބީއުގެ އޮއިވަރުތަކާއެކު ލީބިޔާ، ސޫރިޔާ އަދި ޔަމަން ހަލާކުގެ ތެރެއަށް ވެއްޓިގެން ދިޔައީ ސަރަހައްދީ ގައުމުތަކާއި އެނޫން ގައުމުތައް އެގައުމުތަކުގެ އަމިއްލަ މަސްލަހަތަށްޓަކައި އެ ތިންގައުމުގެ ކަންތައްތަކުގެ ތެރެއަށް ވަދެ ސިޔާސީ އެހެން މަގްސަދުތަކެއް ޙާސިލް ކުރަން އުޅުމުގެ ސަބަބުން ކަމަށް ވަނީ ބެލެވިފައެވެ.

އަރަބި ރަބީއު އައި ގައުމުތަކުގެ ތެރެއިން ހަނގުރާމައިން ސަލާމަތްވީ ތޫނިސްގެ އިތުރުން މިސްރެވެ. ނަމަވެސް މިސްރުވެސް ވަނީ ބޮޑެތި ހަމަނުޖެހުންތަކެއްގެ ތެރެއަށް ވެއްޓިފައެވެ. ގަލްފުގެ ގައުމުތަކަކީވެސް އަރަބި ރަބީއުގެ ސަބަބުން ކަންބޮޑުވި ގައުމުތަކެވެ. އަރަބި ރަބީއުގެ އޮއިވަރުން ގަލްފުގެ ގައުމުތަކަށް ސަލާމަތްކަން ލިބުނީ އެގައުމުތަކުގެ މުއްސަނދިކަން ރައްޔިތުންނަށް ބަހައިގެން (މުސާރަތަކާއި އިނާޔަތްތައް ކުއްލި ގޮތަކަށް ބޮޑުކޮށް) ރައްޔިތުން ރުއްސައިގެން ކަމަށް މުހައްލިލުން ދެކެއެވެ. ނަމަވެސް ވެރިކަމުގެ ނިޒާމު އިސްލާޙް ނުކޮށް މުއްސަނދިކަން ރައްޔިތުންނަށް ބަހައިގެން ތާއަބަދު ރައްޔިތުން ނުހިފެހެއްޓޭނެ ކަމަށާ އަރަބި ގައުމުތަކަށް އޮތީ މަޑުމަޑުން ލަސްލަހުން އިސްލާޙާ ދިމާއަށް ދިޔުންކަމަށާ އެހެން ނޫންނަމަ ނަގާ ރާޅު ފަހުން ބޮޑުވާނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ.

ގަލްފުގެ ގައުމުތަކުން އަލްޖަޒީރާގެ ފިކުރާމެދު ދެކެނީ އެއީ އެގައުމުތަކުގައި ހަމަނުޖެހުން އުފައްދައި އެގައުމުތަކުގެ ރަސްކަމުގެ ނިޒާމުތަކަށް ހުރި ނުރައްކަލެއް ކަމުގައެވެ. އަލްޖަޒީރާ ބަންދުކުރުމަށް އެދެނީ މިކަމާ ގުޅިގެންނެވެ. ސީބީއެސް ޓީވީ ނެޓްވާކަށް ދެއްވި ބަސްދީގަތުމުގައި ގަތަރުގެ އަމީރު ވަނީ އެގައުމާ ދެކޮޅަށް ހިސާރުގެ ފިޔަވަޅުތައް އެޅި ގައުމުތަކަށް އެއްވެސް ދުލެއް ދެއްވަން ދެކޮޅު ހައްދަވާފައެވެ. އަލްޖަޒީރާއިން މިނިވަންކަމާއި ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ފިކުރު ފެތުރި ނަމަވެސް ޚުދު އެއާއެއްގޮތަށް ގަތަރުގެ ޚުދުމުޚްތާރު ރަސްކަމުގެ ނިޒާމު ޑިމޮކްރެޓިކް ނިޒާމަކަށް ބަދަލު ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާކަމުގެ ތުހުމަތު ގަތަރުގެ މައްޗަށްވެސް ވަނީ ކުރެވިފައެވެ.

ގަތަރާ ގުޅުންތައް ކަނޑާލައި އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ސައޫދީ އާއި ޔޫއޭއީ އަދި ބަހްރައިންގެ އިތުރުން މިސްރެވެ. މިގައުމުތަކުން ގަތަރަށް ތުހުމަތު ކުރާ ކަންކަމުގެ ތެރޭގައި އެގައުމުތަކުގެ އިދިކޮޅު ފަރާތްތަކަށް ގަތަރުން ހިޔާވަހިކަން ދިނުމާއި އީރާނާ ގާތް ގުޅުންތަކެއް ބޭއްވުމާއި އިޚްވާނުލްމުސްލިމޫން ޖަމާއަތަށް ވާގިވެރިވުމާއި އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ފަދަ ޖަމާއަތްތަކަށް އެހީތެރިވެ ދިނުންފަދަ ކަންކަން ހިމެނެއެވެ.

މީގެތެރެއިން އައިއެސް ފަދަ ހަރުކަށި ޖަމާއަތްތަކަށް އެހީތެރިވާ ކަމުގެ ތުހުމަތު ގަތަރުގެ އިތުރުން ގަލްފުގެ އެހެން ގައުމުތަކާއި އެމެރިކާއާއި ތުރުކީގެ މައްޗަށްވެސް ކުރެވިފައިވެއެވެ. ގަތަރާ ދެކޮޅަށް ފިޔަވަޅުއެޅި ގައުމުތަކުގެ އެދުންތަކަށް އިޖާބަ ދިނުމަށް ގަތަރުން އަދިވެސް ގެންދަނީ ދެކޮޅު ހަދަމުންނެވެ.

ސީބީއެސްއަށް ދެއްވި ބަސްދީ ގަތުމުގައި ގަތަރުގެ އަމީރު ވިދާޅުވީ ގަތަރާއި ގަލްފުގެ ގައުމުތަކާ ދެމެދު އުފެދިފައިވާ މައްސަލަ ހައްލު ކުރުމަށްޓަކައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ބެއްލެވުމުގެ ދަށުން އެމެރިކާގައި އެގައުމުތަކުގެ އިސްވެރިންނާއި ގަތަރުގެ އަމީރު ހިމެނޭ ގޮތަށް ސަމިޓް ބައްދަލުވުމެއް ބާއްވަން އެމެރިކާ ނިންމާފައިވާ ކަމުގައެވެ.

މިސަމިޓްގެ ތާރީޚެއް ކަނޑަނޭޅިގެން އުޅެނީ ސައޫދީންގެ ތާއީދު މިކަމަށް ނެތުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް