ހެޕީ މާކެޓަށް 25 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން 'ޔެސް' ގެ ނަމުގައި ބޮޑެތި ޑިސްކައުންޓް ތަކާއެކު ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެ ޕްރޮމޯޝަން ހާއްސަ ކޮށްފައި ވަނީ ހެޕީ މާކެޓުން ގަނޑުކޮށް މުދާ ނަގާ ފަރާތްތަކަށެވެ. ހެޕީ މާކެޓުން ބުނީ އެތަނުން ގަނޑުކޮށް މުދާ ނަގާ ފަރާތްތަކަށް ފަސް ޕަސެންޓުން ފެށިގެން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
ޕްރޮމޯޝަން ހާއްސަ ކޮށްފައި ވަނީ ހެޕީމާކެޓުން ވިއްކާ ދެ ބްރޭންޑަކަށެވެ. އެއީ ޓޮބެސްކޯ ހޮޓްސޯސް އާއި ހާޝީސް ޗޮކްލެޓަށެވެ. ނަމަވެސް ގަނޑުކުރި ކުކުޅު މަހާއި ބީފް އަދި އޮލްޑަންބާގާގެ ބާވަތްތަށް ހާއްސަ އަގުތަކެއްގައި ލިބޭނެ ކަމަށް ހެޕީ މާކެޓުން ބުންޏެވެ.
އެ ޕްރޮމޯޝަނުގެ ދަށުން މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ ރެސްޓޯރެންޓްތަކަށްވެސް ހާއްސަ އަގުތަކެއްގައި ތަކެތި ވިއްކާނެ ކަމަށް ހެޕީ މާކެޓުން ބުންޏެވެ.
ޔެސް ޕްރޮމޯޝަން ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެޕީ މާކެޓްގެ މާކެޓިންގް މެނޭޖަރު އަބްދުﷲ ނައީމް ވިދާޅުވީ އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ އެފްއެންބީގެ ބާވަތްތައް ރާއްޖެގެ ބާޒާރަށް ނެރުމަށް ކަމަށެވެ.
ޔެސް ޕްރޮމޯޝަން ކުރިއަށް ދާއިރު ހެޕީމާކެޓުން މެދު ޒިޔާރަތް މަގުގައި އަލަށް ހުޅުވި ފިހާރާގައި ހެޕީ މާކެޓްގެ ބްރޭންޑްތަށް ހިލޭ ރަހަބަލާ ލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ހެޕީ މާކެޓުން ބުންޏެވެ.
ރަހަބަލާލަން ބޭނުން ނަމަ ހެނދުނު 10 އަކުން 11 އަށް އަދި ހަވީރު ފަހަކުން ހަޔަކަށް އަދި ރޭގަނޑު ނުވައަކުން 10 އަކަށ ހެޕީ މާކެޓް މެދުޒިޔާރަތްމަގު ފިހާރައަށް ދިއުމަށް ހެޕީމާކެޓުން ވަނީ އެދިފަ އެވެ.