އިންޓަ އޮފީސް ބެޑްމިންޓަން މުބާރާތުގެ ތަށި އެމްއެންޑީއެފް އާއި ބީއެމްއެލް އިން ދިފާއު ކޮށްފި

އިންޓަ އޮފީސް ބެޑްމިންޓަން މުބާރާތުގެ ފިރިހެން ޑިވިޝަން ފައިނަލް މެޗުގެ ތެރެއިން: ފިރިހެން ޑިވިޝަންގެ ތަށި އެމްއެންޑީއެފް އިން ދިފާއު ކުރި އިރު، ބީއެލްއެލް އިން ވަނީ އަންހެން ޑިވިޝަންގެ ތަށި ދިފާއު ކޮށްފައި --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އިންޓަ އޮފީސް ބެޑްމިންޓަން މުބާރާތުގެ ފިރިހެން ޑިވިޝަންގެ ތަށި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ދިފާއު ކުރި އިރު، އަންހެން ޑިވިޝަންގެ ތަށި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދިފާއު ކޮށްފި އެވެ.

އެމްއެންޑީއެފް އާއި ބީއެމްއެލް އިން ޗެމްޕިއަންކަން ހޯދާފައި ވަނީ ރޭ ކުޅުނު އެ މުބާރާތުގެ ފައިނަލް މެޗުތައް ކާމިޔާބު ކޮށްގެންނެވެ. މިދިޔަ އަހަރުގެ މުބާރާތް ވެސް ކާމިޔާބުކުރީ އެ ދެ ޓީމުންނެވެ.

އިންޓަ އޮފީސް ބެޑްމިންޓަން މުބާރާތުގެ ފިރިހެން ޑިވިޝަން ފައިނަލް މެޗުގެ ތެރެއިން: ފިރިހެން ޑިވިޝަންގެ ތަށި އެމްއެންޑީއެފް އިން ދިފާއު ކުރި އިރު، ބީއެލްއެލް އިން ވަނީ އަންހެން ޑިވިޝަންގެ ތަށި ދިފާއު ކޮށްފައި --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ މުބާރާތުގެ ފިރިހެން ޑިވިޝަން އަދި އަންހެން ޑިވިޝަންގެ ފައިނަލް މެޗަށް ފަހު ވަނަވަނަ އަށް ހޮވުނު ޓީމުތަކަށް ވަނީ އިނާމު ހަވާލު ކޮށްފަ އެވެ. އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އެވެ. އޭނާގެ އިތުރުން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުއްރައްޒާގު އިބްރާހިމް ވެސް އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ރަނަރަޕްކަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހޯދި އިރު، އަންހެން ޑިވިޝަންގެ ރަނަރަޕްކަން ހޯދީ މޯލްޑިވްސް ކަސްޓަމްސް ސާވިސް އެވެ. ފިރިހެން ޑިވިޝަންގެ ތިން ވަނަ އަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ޕޮލިސް ސާވިސް ހޮވުނު އިރު، އަންހެން ޑިވިޝަންގެ ތިން ވަނަ އަށް ހޮވުނީ ސްޓްލެކޯ އާއި ދިރާގެވެ.

މިއަހަރު އިންޓަ އޮފީސް ބެޑްމިންޓަން މުބާރާތުގައި ފިރިހެން 15 ޓީމާއި އަންހެން ނުވަ ޓީމެއް ވާދަކުރި އެވެ.

comment ކޮމެންޓް