ބްރޯޑްކޮމްގެ މެމްބަރު ޒައިނާ ވަކިކުރަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ފާތުމަތު ޒައިނާ --- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ފާތުމަތު ޒައިނާ މަގާމުން ވަކިކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި އެ މައްސަލަ ބޭރުކޮށްލާފައި ވަނީ ހަވާލާދެއްވާފައިވާ ގާނޫނަކީ ވުޖޫދުގައި ނެތް ގާނޫނަކަށްވާތީއެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ.

އެ ދެ ބޭފުޅުން ހުށަހެޅުއްވި މައްސަލާގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސް ރަށްވެހިންނާ ބައްދަލުކުރެއްވުމަށް މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ރަސްފަންނުގައި ބޭއްވި ހަފްލާ އިންތިޒާމް ކުރުމުގެ ކަންތައްތަކުގައި ފާޅުގައި ޒައިނާ ވަނީ ބައިވެރިވެވަފައި ކަމަށެވެ.

އެ ހަފްލާ އަކީ ބްރޯޑްކާސްޓިން ކޮމިޝަނުން އިންތިޒާމްކުރި ހަފްލާއަކަށް ނުވާއިރު، އެ ހަފްލާގެ ކަންކަން އިންތިޒާމް ކުރުމަކީ މިނިވަން މުއައްސަސާއެއްގެ މެމްބަރަކު ކުރަންޖެހޭ ކަމެއް ނޫން ކަމަށް ވެސް އެ މައްސަލާގައިވެ އެވެ.

"ފާތިމަތު ޒޭނާ އަކީ ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަން ކުރުމަށް އޭނާގެ ނަން މަޖިލީހަށް ހުށަހެޅުނުއިރު ވެސް ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް އިންތިޒާމް ކުރުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން ދިޔަ ފަރާތަކަށް ވެފައި، އަދި އެ ކޮމިޝަނަށް އައްޔަން ކުރުމަށްފަހުގައި ވެސް އެ ކޮމިޝަންގެ މެންޑޭޓުގެ ތެރޭގައި ނުހިމެނޭ މިފަދަ ސިޔާސީ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވާކަމީ ކޮމިޝަންގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލިދާ ކަމެކެވެ،" އިންތި އާއި ރޮޒައިނާ ހުށަހެޅުއްވި މައްސަލާގައިވެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމަމުންދާ ނިންމުންތަކަކީ އިންސާފުން ބޭރުން، ސިޔާސީ ނުފޫޒު އޮވެގެން ނިންމަމުންދާ ނިންމުންތަކެއް ކަމަށް ތަކުރާރުކޮށް ރައްޔިތުން ތުހުމަތު ކުރަމުން އަންނަ ކަމަށާއި އެފަދަ ދަނޑިވަޅެއްގައި ޒައިނާ އަމަލުކުރި ގޮތުން އެ ތުހުމަތަކީ ސައްހަ ތުހުމަތެއްކަން ޔަގީންވެގެންދާ ކަމަށް ވެސް އެ މައްސަލާގައިވެ އެވެ.

ޒައިނާ އަކީ ގާނޫނުގައިވާ ގޮތަށް މިނިވަންކަމާ އެކު ވަކި ފަރާތަކަށް ލެނބުމެއް ނެތި އާންމުންގެ ވިންދާއެއްގޮތަށް މެމްބަރު ކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރަމުންދާ މެމްބަރެއް ނޫން ކަމަށް ވެސް އެ މައްސަލާގައިވެ އެވެ.

comment ކޮމެންޓް