ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހެޅި 493 މިލިއަން ރުފިޔާ ދައުލަތުން ހުށަހެޅި ގޮތަށް މަޖިލީހުން ފާސްކޮށްފި އެވެ.
މިއަދު މަޖިލީހަށް ހާޒިރުވި 40 މެމްބަރުންގެ ތެރެއިން 39 މެމްބަރުން ވަނީ ބަޖެޓު ފާސްކުރުމަށް ވޯޓު ދެއްވާފައެވެ. އިދިކޮޅު މެމްބަރުން ވަނީ ބަޖެޓްގެ ބަހުސް މަރުހަލާ އާއި ވޯޓަށް އެހި ޖަލްސާވެސް ބޮއިކޮޓް ކުރައްވާފައެވެ.
ކޮމިޓީ މަރުހަލާގައި ބަޖެޓް ފާސްކުރީ އިދިކޮޅު ދެ މެންބަރުންގެ ވޯޓާ އެކު ޖުމްލަ 13 ވޯޓު ލިބިގެންނެވެ.
ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަން ޖެހުނު މައިގަނޑު ސަބަބެއް ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ، އާސަންދަ އަދި އެންސްޕާއިން ދެމުންދާ ހިދުމަތް ހުއްޓުމަކަށް އަތުވެދާނެތީ ކަމަށެވެ. އަދި މިއަހަރު މަޖިލީހުގެ ބައި އިލެކްޝަނެއް ބާއްވަން ޖެހުމުން އެކަމަށް ބޭނުންވާ ބަޖެޓްވެސް ބޭނުންވާތީ ކަމަށް މުނައްވަރު ވަނީ ވިދާޅުވެފައެވެ.
އޭގެ ތެރެއިން 26 މިލިއަން ބައި އިލެކްޝަންތަކަށް ކަނޑައަޅާފައިވާ އިރު ސިއްހީ ދާއިރާއަށް ދެމުންދާ ހިދުމަތްތައް މެދު ނުކެނޑި ކުރިއަށް ގެންދިއުމަށް 330 މިލިއަން ރުފިޔާ ހިމަނާފައިވާއިރު ކާޑެއްދޫ އެއާޕޯޓް ހިންގުމާ ސަރުކާރުން ހަވާލުވުމާ ގުޅިގެން ހިމަނާފައިވާ 40 މިލިއަން ރުފިޔާ އާއި ސްކޫލް ޑިޖިޓަލައިޒޭޝަން މަޝްރޫއުތަކަށް ބޭނުންވާ 70 މިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ހަރަދުތަކަށް 27 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވެއެވެ.
ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު ބަޖެޓެއް މިދިޔަ އަހަރު ވަނީ މަޖިލީހުން ފާސްކޮށްފައެވެ. އެ ބަޖެޓަކީ މިއަހަރަށް ލަފާކޮށް، ހުށަހެޅި 26.7 ބިލިއަން ރުފިޔާގެ ބަޖެޓެވެ. ސަޕްލިމެންޓްރީ ބަޖެޓު މަޖިލީހުން ފާސްކުރުމާ ގުޅިގެން މިއަހަރަށް ދައުލަތުން ހަރަދު ކުރި ފައިސާގެ ޖުމްލަ އަދަދު 27.1 ބިލިއަނަށް އަރާނެ އެވެ.