ސަރުކާރާ ދެކޮޅު ފަރާތްތަކުން އުފައްދާފައިވާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ބައިބައިވުމުގެ ކޮޅުމަތި ފެންނަމުން ދާ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝިފާގު މުފީދު (ހިސްޓޯ) ވިދާޅުވެއްޖެއެވެ.
ސަން ޓީވީގެ ފަންސާސް މިނެޓް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހިސްޓޯ ވިދާޅުވީ، އިންތިގާލީ ކެނޑިޑޭޓެއް ނެރެމުގެ ވާހަކަ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ހިސާބުން ފެށިގެން އެމްޔޫއޯ ތެރޭގައި ހިޔާލިތަފާތުވުންތައް އުފެދިފައިވާ ކަމަށެވެ.
"އެމްޔޫއޯ ރޫޅި ބައިބައިވުމުގެ ކޮޅުމަތި ފެނިފައި މިއޮތީ. އަދި އަޅުގަނޑުމެނަކަށް ނޭނގޭ އެބޭފުޅުންގެ ތެރެއިން ކޮން ބޭފުޅެއް ކަމެއް ނިކުމެވަޑައިގެންނަވާނީ އެ އެންމެން އިއްތިފާގުވާ ކެނޑިޑޭޓެކަށް. އަޅުގަނޑަކަށް ހިއެއްނުވޭ ލިބިގެން ދާނެ ހެނެއް ވެސް،" އޭނާ ވިދާޅުވިއެވެ.
ހިސްޓޯ ވިދާޅުވީ އިދިކޮޅު ލީޑަރުންގެ ބަހާއި އަމަލާ އެއްވެސް ވަރަކަށް ދިމާނުވާ ކަމަށާއި ފެންނަމުން ދަނީ އެފަރާތްތަކުގެ ސަޕޯޓަރުން 'ގުނބޯ' ހައްދައިގެން ގެންގުޅުމަށްޓަކައި އެއްވެސް ތާކުން ތާކު ނުޖެހޭ ވާހަކަތަކެއް ދައްކަވަނުންދާ މަންޒަރު ކަމަށެވެ.
އެގޮތުން ހިސްޓޯ ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، ސިޔާސީ ކަންކަމުގައި ނޫޅޭ އިންތިގާލީ ކެނޑިޑޭޓަކު ނެރުމަށް އިދިކޮޅު ބައެއް ފަރާތްތަކުން ގެންގުޅޭ ވިސްނުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ހިސްޓޯ ވިދާޅުވީ، އިންތިގާލީ މަރުހަލާ މިހާރު ވަނީ ނިމިފައި ކަމަށާއި ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް އަރައިވަޑައިގެންފަހުން ފެންނަމުން ދަނީ ތަރައްގީގެ މަރުހަލާއެއް ފެށިފައިވާ މަންޒަރު ކަމަށެވެ.
"ސިޔާސީ ނޫން ބޭފަޅަކު ކިހިނެއްތޯ ގައުމުގެ ވެރިކަމާ ހަވާލުވާނީ. ޕާޓީއަކުން ދެއްތޯ މިއަދު ދިވެހި ރާއްޖޭގެ ވެރިކަން ކުރެވޭނީ. ޕާޓީ ތަކުން ކުރިމަތިލައްވާ ބޭފުޅުން ދެއްތޮ މިއަދު މި ރާއްޖޭގެ ސިޔާސީ މަގާމުތަކަށް އިންތިހާބް ވެގެން ދަނީ،" އޭނާ ވިދާޅުވިއެވެ.