ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން އުމަރު ޖުމްހޫރީ ޕާޓީއާ މަޝްވަރާ ކުރައްވައިފި

ކުރީގެ ހޯމްް މިނިސްޓަރު އުމަރު ނަސީރު -- ސަން ފޮޮޓޯ/ ފަޔާޒު މޫސާ

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީއާ މަޝްވަރާ ކުރައްވައިފި އެވެ.

އުމަރު މިރޭ "ސަން" އަށް ވިދާޅުވީ އެ ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު 12:30ގައި ޖުމްހޫރީ ޕާޓީގެ މައި އިދާރާ މާފަންނު ކުނޫޒުގައި ކަމަށެވެ.

ގަޑިއެއްހާއިރަށް ދިގުދެމިގެން ދިޔަ އެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.

އުމަރު ވިދާޅުވީ އެ ބައްދަލުވުމަކީ އިންތިގާލީ ކެންޑިޑޭޓެއް ނެރުމާ ގުޅޭ މަޝްވަރާއެއް ނޫން ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އޭނާ ވާދަކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާތީ، އެކަމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީއާ ގުޅިގެން ކުރިއަށް ދެވިދާނެ ގޮތްތަކާ މެދު މަޝްވަރާ ކުރީ. ޖުމްހޫރީ ޕާޓީގެ ބައިވެރިވުމާ ނުލައި ރިޔާސީ އިންތިޚާބު ކާމިޔާބެއް ނުކުރެވޭނެ،" އުމަރު ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކުން ނެރޭ ކެންޑިޑޭޓެއް އަދި ކަނޑައަޅާފައެއްނުވެ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަނީ އިންތިޚާބަށް ނެރެންޖެހޭނީ އިންތިގާތީ ކެންޑިޑޭޓެއް ކަމަށެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެފައި ވަނީ، އިންތިގާލީ ކެންޑިޑޭޓެއްގެ ވާހަކައަކީ ގާނޫނު އަސާސީ ދަންނަ ކަމެއް ނޫން ކަމަށެވެ. އަދި ރައީސް ނަޝީދު އެ ވިދާޅުވާ އިންތިގާތީ ކެންޑިޑޭޓަކީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. ނިހާންގެ އެ ވާހަކައާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ވަކިއެއްޗެއް ބުނެފައެއްނުވެ އެވެ.

comment ކޮމެންޓް