އިދިކޮޅު ދެ މެންބަރުންގެ ވޯޓާއެކު ސަޕްލިމެންޓްރީ ބަޖެޓް ކޮމެޓީން ފާސްކޮށްފި

ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރުމަށް ނާޝިދު (ކ) އާއި ޝަރީފް ވޯޓު ދެއްވި ---

އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ދެ މެންބަރުންގެ ވޯޓާ އެކު ސަރުކާރުން ހުށަހެޅި ގޮތަށް ސަޕްލިމެންޓްރީ ބަޖެޓް ކޮމެޓީން ފާސްކޮށްފި އެވެ.

ކޮމެޓީގެ ނައިބު މުގައްރިރު ރިޔާޒު ރަޝީދު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރުމަށް އިދިކޮޅު އެމްޑީން ވޯޓް ދެއްވާފައި ވަނީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އާއި ކޮމަންޑޫ ދާއިރާގެ މެންބަރު އަހުމަދު ނާޝީދު (އޭޑީކޭ ނާޝިދު) އެވެ.

ރިޔާޒު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓް ކޮމެޓީން ފާސްކޮށްފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އޮޑީޓާ ޖެނަރަލް ދެކިވަޑައިގަންނަވާ ގޮތް ލިއުމުން ހޯއްދެވުމަށްފަހުގައި ކަމަށެވެ.

"ބަޖެޓް ހުށަހެޅި ގޮތަށް ފާސްކޮށްފައި ވަނީ ޖުމްލަ 13 މެންބަރުންގެ ވޯޓާއެކު. ބަޖެޓް ފާސްކުރުމަށް ޝަރީފާއި ނާޝިދު ވެސް ވަނީ ވޯޓް ދެއްވާފައި،" ރިޔާޒު ވިދާޅުވިއެވެ.

މިދިޔަ އަހުރު ކޮމެޓީން ފާސްކުރި ދައުލަތުގެ ބަޖެޓަށް ވެސް ނާޝިދު އާއި ޝަރީފު ފިޔަވައި އިދިކޮޅު އެއްވެސް މެންބަރެއް ވޯޓް ދީފައެއް ނުވެ އެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އިއްޔެ މަޖިލީހަށް ހުށަހެޅި ބަޖެޓްގެ ޖުމްލަ އަދަދަކީ 493 މިލިއަން ރުފިޔާ އެވެ.

އޭގެ ތެރެއިން 26 މިލިއަން ބައި އިލެކްޝަންތަކަށް ކަނޑައަޅާފައިވާ އިރު ސިއްހީ ދާއިރާއަށް ދެމުންދާ ހިދުމަތްތައް މެދު ނުކެނޑި ކުރިއަށް ގެންދިއުމަށް 330 މިލިއަން ރުފިޔާ ހިމަނާފައިވާ އިރު ކާޑެއްދޫ އެއާޕޯޓް ހިންގުމާ ސަރުކާރުން ހަވާލުވުމާ ގުޅިގެން ހިމަނާފައިވާ 40 މިލިއަން ރުފިޔާ އާއި ސްކޫލް ޑިޖިޓަލައިޒޭޝަން މަޝްރޫއުތަކަށް ބޭނުންވާ 70 މިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ހަރަދުތަކަށް 27 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް