ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކުރި އާމްދަނީ މިއަހަރު ނުލިބުނީ ސިޔާސީ ގޮތުން ގައުމު ހަލަބޮލި ވުމުގެ ސަބަބުން ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މުނައްވަރު މިއަދު ވިދާޅުވީ ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ ބޮޑުބައި ނުލިބިވާ ކަމަށެވެ. އެގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯނަށް ލިބޭނެ ކަމަށް ލަފާކުރި 500 މިލިއަން ރުފިޔާ ވެސް ނުލިބޭ ކަމަށް މުނައްވަރު ވިދާޅުވި އެވެ.
"ސްޕެޝަލް އިކޮނޮމިކް ޒޯންއިން ނުވަތަ މިފަދަ ބޮޑެތި އިންވެސްޓްމެންޓުތަކުން އަންނަ ކަންތައްތަކަކީ ހަމަ އެކަނި އިގްތިސާދީ ގޮތުން ބަލާފަ އަންނަ ކަންތައްތަކެއް ނޫން. އަޅުގަނޑުމެންގެ ސިޔާސީ ކަންތައްތަކުން މި ކުރާ ނެގޯޝިއޭޝަންސް ތަކަށް ބުރުއަރާ،" މިނިސްޓަރު މުނައްވަރު ވިދާޅުވި އެވެ.
މީގެ 10 ވަރަކަށް އަހަރު ކުރިން 500 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް އަންނަން އޮތް ކަމަށާއި އެފަހަރު ވެސް އެކަން މަޑުޖެހުނީ ސިޔާސީ ގޮތުން ގައުމު ހަލަބޮލިވުމުގެ ސަބަބުން ކަމަށް މުނައްވަރު ވިދާޅުވި އެވެ.
"އަޅުގަނޑަށް ވަރަށް ފަހުން ވޯލްޑް ބޭންކުގެ އެކްޒެކެޓިވްސް ޑިރެކްޓަރަކާ ބައްދަލުވި އެބޭފުޅާ ވިދާޅުވީ ރާއްޖެއަށް 500 މިލިއަން ޑޮލަރު އޭރު ލިބޭ ގޮތަށޭ އޮތީ ނަމަވެސް ސިޔާސީ އޮއިވަރުގެ ސަބަބުން އެ ފުރުސަތު ގެއްލިގެން ދިޔައީ އޭ،" މުނައްވަރު ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ މިހާރު ވެސް ކުރިމަތިވަނީ ހަމަ އެ ގޮންޖެހުން ކަމަށެވެ. އަދި ވިދާޅުވީ އިންވެސްޓަރުން ތައްޔާރަށް ތިބި ކަމަށާއި ސިޔާސީ އޮއިވަރު ހުރި ގޮތުން އިންވެސްޓްމެންޓްތައް މަޑުޖެހިފައިވާ ކަމަށެވެ.
މިހާރު ވެސް އެކި ދިމާދިމާލުން ރާއްޖެ ބޮއިކޮޓް ކުރުމާއި ހައިލެވެލްގެ ބޭފުޅުން ވަޑައިގަންނަވާ ނަމަ މުޒާހަރާ ކޮށް ނުތަނަވަސްކަން އުފެދޭ ގޮތަށް އިންވެސްޓަރުންގެ އިތުބާރު ގެއްލޭ ގޮތަށް ކަންކަން ހިނގާ ކަމަށް މުނައްވަރު ވިދާޅުވި އެވެ.
"ބަޖެޓަކީ ޕްލޭނެއް. އެ ޕްލޭންގައި އިންނަ ގޮތަށް ކަންތައްތައް ތަންފީޒު ކުރުމަށްޓަކައި ހުރިހާ ރައްޔިތުންގެ އެހީތެރިކަން ބޭނުންވާނެ. ހަމަ އެކަނި ޕާލިމެންޓެއް ނޫން. ހުރިހާ ރައްޔިތުން އަޅުގަނޑު މި މާނަ ކުރަނީ ހުރިހަ ޕަޓީތަކެއްވެސް ހިމެނޭ ގޮތަށް" މުނައްވަރު ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެހެން ގައުމުތަކުގައި ވެސް ސިޔާސީ ވާހަކަ ދައްކާ ހަރަކާތްތައް ހިންގާ ކަމަށެވެ. ނަމަވެސް އިގްތިސާދީ ކަންތައްތަކަށް ބުރުއަރާ ގޮތަށް ކަންކަން ނުކުރާ ކަމަށް މުނައްވަރު ވިދާޅުވި އެވެ.