ސަރުކާރުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓް ދިރަސާކުރާ ކޮމެޓީގެ މުގައްރިރަކަށް ވިލި މާފަންނު ދާއިރަގެ މެންބަރު އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެން މަނިކް ހޮވައިފިއެވެ.
ޖުމްލަ 24 މެންބަރުން ހިމެނިވަޑައިގެންނަވާ އެ ކޮމެޓީ ބައްދަލު ވުމުގައި މިއަދު ބައިވެރިވެ ވަޑައިގަތީ 19 މެންބަރުންނެވެ. ތޭރަ މެންބަރުންގެ ވޯޓާ އެކު ކޮމެޓީގެ މުގައްރިރަކަށް ނިހާން ހޮވި އިރު ހަމަ އެ އަދަދަށް ވޯޓް ލިބިގެން ނައިބު މުގައްރިރަކަށް ހޮވާފައިވަނީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދުއެވެ.
ނިހާން އާއި ރިޔާޒުގެ ނަން ފިޔަވައި އިތުރު ނަމެއް ހުށަހަޅާފައި ނުވާއިރު މިއަދުގެ ކޮމެޓީގައި އިދިކޮޅު އެއްވެސް މެންބަރެއް އެ ދެ މެންބަރުންނަށް ވޯޓު ދީފައެއް ނުވެއެވެ.
ކޮމެޓީގެ މަސަތްކަތްތައް ފައްޓަވަމުން ނިހާން ވިދާޅުވީ، މާދަމާގެ ޖަލްސާއަށް ސަޕްލިމެންޓްރީ ބަޖެޓްގެ މައްސަލަ އެޖެންޑާކޮށްފައިވާއިރު ފުރަތަމަ ފުރުސަތުގައި ކޮންމެ މެންބަރަކަށް ވެސް ބަހުސް ކުރުމަށް ހަތް މިނެޓް އަދި ބަޖެޓް މަރުހަލާއަށްފަހު ތިން މިނެޓް ދިނުމަށް މިއަދު ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ އާންމު ކޮމެޓީގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
ހަތް ދުވަސް ތެރޭގައި ބަޖެޓް މަސަތްކަތް ނިންމާލައި މަޖިލީހަށް ހުށަހެޅުމަށް ވެސް ވަނީ މިއަދުގެ ކޮމެޓީން ފާސްކޮށްފައެވެ.
މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި އިދިކޮޅު ހިތަދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އަސްލަމް ވަނީ ސަޕްލިމެންޓްރީ ބައްދަލުވުމަށް ހިޔާލު ހޯދުމަށް މޯލްޑިވްސް މަނިޓަރޯ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރާއި އޮޑިޓާ ޖެނަރަލް ހާޒިރުކޮށްދިނުމަށް އެދިފައެވެ. ނަމަވެސް ސަރުކާރަށް ތާއިދުކުރައްވާ މެންބަރުން ހުށަހެޅުއްވީ ސަޕްލިމެންޓްރީ ބަޖެޓަކީ ކުރިއަށް އޮތް ދެމަހަށް ފާސްކުރާ ބަޖެޓެއްކަމަށްވުމުން އެފަރާތްތައް ހާޒިރު ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެހެން ކަމުން އެ ދެ ފަރާތް ހާޒިރު ކުރުމުގެ ބަދަލުގައި ކޮމެޓީން ބޭނުންވެއްޖެ ހިނދެއްގައި ލިޔުމުން އެ ދެ ފަރާތުގެ ބަސް ހޯދުމަށް ޕީޕީއެމް މެންބަރުން ވަނީ ހުށަހަޅައި ފާސްކޮށްފައެވެ.