ސީރިއާގެ 1100 ކުޑަކުދިން ދަނީ ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުން: ޔުނިސެފް

ސީރިއާގެ ގޫތާގައި ބަނޑަށް ޖެހިފައިވާ ތުއްތު ކުއްޖަކަށް އެގައުމުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެނީ

ސީރިއާގެ އިރުމަތީ ހިސާބެއް ކަމަށްވާ ގޫތާގައި 1100 ކުޑަކުދިން ދަނީ ވަރަށް ބޮޑަށް ބަނޑުހައި ހޫނުކަން ތަހައްމަލު ކުރަމުން ކަމަށް ޔުނިސެފުން ބުނެފިއެވެ.

ޔުނިސެފުގެ ސްޕޯކްސްޕާސަން މޮނީކާ އަވާދު ވިދާޅުވީ، ހަނގުރާމަވެރި ގްރޫޕުތައް ހަރަކާތްތެރިވާ ސަރަހައްދުން 1114 ކުޑަކުދިންނަށް ކާތަކެތި ނުލިބުމުގެ ސަބަބުން ވަރަށް ބޮޑަށް އެ ކުދިންނަށް އަނަރޫފަވެ، ތަފާތު ސިއްހީ މައްސަލަަތައް ދިމާވެފައިވާ ކަމަށެވެ. އޭގެ ތެރެއިން 232 ކުދިން ތިބީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށާއި އަދި އެ ކުދިން ސަލާމަތް ކުރަން ބޭނުންނަމަ އަވަސް ފަރުވާ ވަރަށް ބޮޑަށް ބޭނުންވާ ކަމަށްވެސް މޮނީކާ އަވާދު ވިދާޅުވިއެވެ.

މޮނީކާ ވިދާޅުވީ، ސީރިއާގެ އިތުރު 1500 ކުޑަކުދިން ހަމަ އެމޭރުމުން އެ ހާލަތަށް ވެއްޓުމުގެ ފުރުސަތު އޮތް ކަމަށެވެ.

" މިދިޔަ މަހު ވެސް ވަނީ ރަނގަޅަށް ގާތުން ނުދެވިގެން ތުއްތު ދެ ކުދިން މަރުވެފައި. އެއް ކުއްޖަކީ ވިހޭތާ އެންމެ 34 ހަތަރު ދުވަސް ވީ ކުއްޖެއް. އަނެއް ކުއްޖާ ވިހޭތާ ނުވާނެ 45 ދުވަސްވެސް،" މޮނީކާ ވިދާޅުވިއެވެ.

ސީރިއާގައި އެކި ހަނގުރާމަވެރި ޖަމާއަތްތަކުން ކޮންޓްރޯލް ކުރަމުންދާ ސަރަހައްދުގައި ދިރިއުޅޭ މަންމައިންނަށް ގިނަ ފަހަރު ކާނެ އެއްޗެެއް ނުލިބޭ ކަމަށާއި އޭގެ ސަބަބުން ގާތުން ތުއްތު ކުދިންނަށް ދިނުމަށް ވަރަށް ބޮޑަށް ދަތިވާ ކަމަށްވެސް މޮނީކާ ވިދާޅުވިއެވެ.

ދެހާސް އެގާރައިން ފެށިގެން ސީރިއާގެ އެކިއެކި ހަނގުރާމަވެރި ގްރޫޕްތަކާ ސީރިއާ ސަރުކާރުގެ ސިފައިންނާ ދަނީ ވަރަށް ވަރުގަދައަށް ހަނގުރާމަ ކުރަމުންނެވެ.

comment ކޮމެންޓް