ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު މިއަހަރު ހާސިލްކުރި ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އޭނާގެ ޖީލުގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.
ލަންޑަންގައި ރޭ އޮތް ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްގައި ރޮނާލްޑޯ އެ އެވޯޑު ހޯދާފައި ވަނީ ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީއާއި މިދިޔަ ސީޒަނަށް ފަހު ބާސާ ދޫކޮށް، އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އާ ގުޅުނު ބްރެޒިލް ތަރި ނޭމާއާ ވާދަކޮށްގެންނެވެ.
މި އެވޯޑްސްގައި އެންމެ މޮޅު ކޯޗުގެ މަގާމު ހޯދި ޒިދާން ބުނީ ރޮނާލްޑޯ އަކީ މި ޖީލުގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި އޭނާ ވަނީ އެކަން އެތައް ފަހަރެއްގެ މަތިން ސާބިތު ކޮށްދީފައި ކަމަށެވެ.
"ރޮނާލްޑް ވަނީ ބޮޑެތި މެޗުތަކުގައި ތަފާތު ދައްކުވައިދީފަ. އޭނާއަށް ލިބޭ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު އޭނާއަށް ހައްގު. އޭނާ އަބަދުވެސް ދައްކައިދޭ އޭނާ، 'ދަ ބެސްޓް'އަށް ވާން ބޭނުންކަން،" އެވޯޑު ހަފްލާގެ ކުރިން ވާހަކަ ދައްކަމުން ޒިދާން ބުންޏެވެ.
މިދިޔަ އަހަރު ވެސް އެ އެވޯޑު ހޯދި ރޮނާލްޑޯއަށް، މިދިޔަ ސީޒަން ވެގެންދިޔައީ ވަރަށް ކާމިޔާބު ސީޒަނަކަށެވެ. ރޮނާލްޑޯ ވަނީ ރެއާލްއާ އެކު ސްޕެނިޝް ލަލީގާ ކާމިޔާބުކޮށް، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ދިފާއު ކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
މިދިޔަ ސީޒަނުގެ ލަލީގާގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓުގެ ތިން ވަނަ، އޭނާއަށް ލިބުނު ނަމަވެސް، ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ވިދިވިދިގެން ފަސް ވަނަ ފަހަރު އޭނާ ވަނީ ހޯދައިފައެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ރެއާލަށް ކުޅުނު 46 މެޗުން 42 ލަނޑު ކާމިޔާބު ކޮށްދީފައެވެ.