ދަގަނޑޭއާއި ގައުމީ ކޯޗުގެ ވޯޓު ވެސް ރޮނާލްޑޯއަށް

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޕްލޭއޯފް ފުރަތަމަ ލެގުގައި ލާއޯސް ކޮޅަށް ލަނޑު ޖެހުމަށް ފަހު، ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އުފާފާޅު ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޮވުމަށް ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޑެރަން ސްޓެވާޓްގެ ވޯޓު ވެސް ދިނީ ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ.

ލަންޑަންގައި ރޭ ކުރިއަށްދިޔަ ފީފާ އެވޯޑުގައި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދީ ރޮނާލްޑޯ އެވެ. އޭނާ އެ އެވޯޑު ހޯދީ ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި މިދިޔަ ސީޒަނަށް ފަހު ބާސާ ދޫކޮށް، އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އާ ގުޅުނު ބްރެޒިލް ތަރި ނޭމާއާ ވާދަކޮށްގެންނެވެ. މިއީ ރޮނާލްޑޯ އެ އެވޯޑު ހޯދި ފަސް ވަނަ ފަހަރެވެ. މިދިޔަ އަހަރު ވެސް އެ އެވޯޑު ހޯދީ ރޮނާލްޑޯ އެވެ.

ދަގަނޑޭގެ ދެ ވަނަ ވޯޓު މެސީއަށް ދިން އިރު، ތިން ވަަނަ ދިނީ ޔުވެންޓަސްގެ ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން އަށެވެ. ގައުމީ ކޯޗު ވެސް ދެ ވަނަ ވޯޓު ދިނީ މެސީ އަށެވެ. އަދި ތިން ވަނަ ދިނީ ރެއާލްގެ ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކާ މޮޑްރިޗް އަށެވެ.

އެންމެ މޮޅު ކޯޗުގެ އެވޯޑަށް ދަގަނޑޭ އަދި ގައުމީ ކޯޗު ވެސް ވޯޓު ދިނީ ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން އަށެވެ. ރޭގެ އެވޯޑު ހަފްލާގައި އެ އެވޯޑު ހޯދީ ރެއާލަށް މިދިޔަ ސީޒަނުގެ ސްޕެނިޝް ލަލީގާ އާއި ޔޫއެފާ ޗެމްޕިއަންސް ލީގު ހޯދައިދިން ކޯޗު ޒިދާން އެވެ.

ޕޯޗުގަލް ކެޕްޓަންގެ ގޮތުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވޯޓު ދިން ރޮނާލްޑޯގެ ވޯޓުތައް ދިނީ ރެއާލްގެ ކުޅުންތެރިންނަށެވެ. އަދި އާޖެންޓީނާ ކެޕްޓަންގެ ގޮތުގައި ވޯޓު ދިން މެސީގެ ވޯޓުތައް ދިނީ ބާސާގެ ކުޅުންތެރިންނެވެ. ރޮނާލްޑޯ ވޯޓު ދިނީ ލޫކާ މޮޑްރިޗް އާއި، ސާޖިއޯ ރާމޯސް އަދި މާސެލޯ އަށެވެ. މެސީ ވޯޓު ދިނީ ލުއިސް ސުއަރޭޒް އާއި، އަންދްރޭސް އިނިއެސްޓާ އަދި ނޭމާ އަށެވެ.

އެންމެ މޮޅު ކޯޗުގެ އެވޯޑަށް ރޮނާލްޑޯ ވޯޓު ދިނީ ރެއާލްގެ ކޯޗު ޒިދާން އާއި، މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އަދި މޮނާކޯގެ ކޯޗު ޖާޑިމް ލިއަނާޑޯ އަށެވެ. މެސީ ވޯޓު ދިނީ މިދިޔަ ސީޒަނުގައި ބާސާ އަށް ކޯޗު ކޮށްދިން ލުއިސް އެންރީކޭ އާއި، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަދި އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ އަށެވެ.

އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީގެ ފުރަތަމަ ވޯޓު ދިޔައީ ސާޖިއޯ ރާމޯސް އަށެވެ. ދެ ވަނަ ވޯޓު ރޮނާލްޑޯއަށް ދިން އިރު، ތިން ވަނަ ދިނީ މެސީ އަށެވެ. އެންމެ މޮޅު ކޯޗުގެ އެވޯޑަށް ދިން ވޯޓުގައި ޗެތުރީގެ ފުރަތަމަ ވޯޓު ދިޔައީ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަށެވެ.

comment ކޮމެންޓް