ކޮންވެންޝަން ސެންޓަރުގައި އަޅާ ހޮސްޕިޓަލަށް ބޭނުންވާ ސާމާނު ހޯދުމަށް ބީލަމަށް

ހައުސިން މިނިސްޓަރު މުއިއްޒު އައްޑޫގައި ތަރައްގީ ކުރާ ހޮސްޕިޓަލް ބައްލަވާލައްވަނީ --- ފޮޓޯ/ ހައުސިން މިނިސްޓްރީ

އައްޑޫ ސިޓީ އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ހަދާ 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލަށް ބޭނުންވާ ބައެއް ތަކެތި ސަޕްލައިކޮށް، އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ހިތަދޫގައި އަޅާ 100 އެނދުގެ ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީ އާއި މެޑިކަލް އިކުއިޕްމެންޓްސް އަދި މެޑިކަލް ފަރުނީޗަރާއި ޓޫލްސްގެ އިތުރުން އޮފީސް ފަރުނީޗަރާ ސަޕްލައި ޑެލިވަރީކޮށް އިސްންސްޓޯލްކޮށް އަދި ކޮމިޝަން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

މިތަކެތި ސަޕްލައިކޮށް، ޑެލިވާ ކޮށް، އިންސްޓޯލްކޮށް، އަދި ކޮމިޝަން ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރިކޮލިފިކޭޝަން ޑޮކިޔުމަންޓް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

މި ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ނަން ރިފަންޑަބްލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށާއި ޕްރީ-ކޮލިފިކޭޝަން ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 14،ވާ އަންގާރަ ދުވަހުގެ 11:00 ގައި ފިނޭންސް މިނިސްޓްރީގައި ކަމަށް އެ އިއުލާނުގައިވެއެވެ.

އައްޑޫ ސިޓީގައި ހަދާ 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަނާއެވެ. މި ހޮސްޕިޓަލް ހޫޅުވުމުން މާލެ އިން ނުލިބޭ ފެންވަރުގެ ސިއްހީ ހިދުމަތްތައް ލިބޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ވަނީ މިދިޔަ ހަފްތާ ވިދާޅުވެފައެވެ.

ޗަސްބިމެއް ހިއްކައިގެން ހަދާފައިވާ އީސީސީއަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ސާކް ސަމިޓް ބޭއްވުމަށް ތަރައްގީ ކުރި ތަނެކެވެ. ނަމަވެސް ސަރުކާރުން އައްޑޫ ސިޓީގައި ތަރައްގީ ކުރަން ނިންމި 100 އެނދުގެ އާ ހޮސްޕިޓަލްގެ މަޝްރޫއު އީސީސީއަށް ބަދަލު ކުރަން ނިންމި އެވެ. އެެ ބަދަލު ގެނައީ އާ އިމާރާތެއް ކުރާނަމަ އެވަރުގެ ހޮސްޕިޓަލެއް އެޅުމަށް ދާ ހަރަދު ދެ ގުނަ އަށް ބޮޑުވެގެން ދާނެތީ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ޓާޝަރީ ހޮސްޕިޓަލް ނިމޭއިރު އެތަނުގައި އެމްއާރުއައި އަދި ސީޓީ ސްކޭންގެ ހިދުމަތާއި އޮޕަރޭޝަން ފަސް ތިއޭޓަރުގެ އިތުރުން މޯޗަރީއަކާއި ޕްރައިވެޓް ރޫމްތައް ވެސް ހުންނާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ކުރިން ވިދާޅުވެފަ އެވެ.

comment ކޮމެންޓް