"ދިވެހި އާހިތަ" ވީޑިއޯ މުބާރާތަށް ވޯޓުލުމަށް ހުޅުވާލައިފި

ރާއްޖޭގެ ރީތިކަން އިޝްތިހާރު ކުރުމަށްޓަކައި ވީޑިއޯ ހެދުމުގެ މުބާރާތް ފެށުމަށް ހޮޓެލް ޖެން ގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ދުނިޔޭގެ މާކެޓަށް ރާއްޖޭގެ ރީތިކަން އިޝްތިހާރު ކުރުމަށްޓަކައި "ދިވެހި އާހިތަ"ގެ ނަމުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިދިޔަ މަހު ފެއްޓި ވީޑިއޯ ހެދުމުގެ މުބާރާތުގައި ބައިވެރިން ހަދާފައިވާ ވީޑިއޯތަކަށް ވޯޓުލުމަށް ހުޅުވާލައިފި އެވެ.

އެމްއެމްޕީއާރުސީން، އޮންލައިން އަދި ޑިޖިޓަލް މީޑިއާ ބޭނުންކޮށްގެން ރާއްޖެ އިސްތިހާރު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އެ މުބާރާތް ފަށާފައި ވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުގަ އެވެ.

އެއް މިނެޓުގެ ދިގުމިނަށް ހަދާފައިވާ ވީޑިއޯ ވީޑިއޯތައް ވިޒިޓް މޯލްޑިވްސްގެ ފޭސްބުކް ޕޭޖަށް (https://www.facebook.com/pg/visitmaldives/videos) އަޕްލޯޑުކޮށް ވޯޓު ދިނުމަށް ހުޅުވާލާފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

މުބާރާތުގައި ބައިވެރިކޮށްފައިވާ ވީޑިއޯތަކަށް ވޯޓުލުމަށް ޓަކައި، ވީޑިއޯ ބެލުމަށް ފަހު ވީޑިއޯއަށް ލައިކް ދިނުމުން ވޯޓު ދެވުނީކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

ވޯޓުލުން ކުރިއަށްދާނީ އިއްޔެ އިންފެށިގެން އަންނަ މަހުގެ ފަސްވަނަ ދުވަހާ ހަމައަށް ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އެންމެ ގިނައިން ލައިކް ލިބިފައިވާ އަދި ބަލާފައިވާ ވީޑިއޯތައް ޖަޖިން ޕެނަލް އަކުން ބެލުމަށް ފަހު އެއް ވަނަ ލިބޭ ވީޑިއޯ އަދި މުބާރާތުގެ އެންމެ ގިނަ ވޯޓުލިބިފައިވާ 10 ވީޑިއޯއެއް ހޮވާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. އަދި ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އެ ފަރާތްތަކުގެ ނަންތައް އިއުލާނުކޮށް އެއްވަނައަށް ދާ ފަރާތަކަށް ކަނޑައަޅާފައިވާ 6500 ޑޮލަރުގެ އިނާމް ހަވާލުކުރުން އޮންނާނީ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގައި ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ރާއްޖޭގެ އެ ފަންނުގައި ތަޖުރިބާކާރު ފަނޑިޔާރުންގެ ޕެނަލަކުން ވީޑިއޯތައް އިންސާފު ކުރާ އިރު ޖުމްލަ ގޮތެއްގައި އުފެއްދުންތެރިކަމާއި އަމިއްލަ ވަންތަ ކަމާއި މާކެޓު ކުރުމުގެ ފެންވަރަށް ބަލާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އެ މުބާރާތުގެ މެއިން ސްޕޮންސާއަކީ ސިކްސް ސެންސަސް އެވެ.

comment ކޮމެންޓް