ފަހަތުން އަރައި ޖަރުމަނު ބަލިކުރުމަށްފަހު 17 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ބްރެޒިލް ދަތުރު ކޮށްފިއެވެ.
އިންޑިއާގައި މިހާރު ކުރިއަށްދާ މި މުބާރާތުގެ ފައިނަލަށް ބްރެޒިލް ދަތުރު ކުރީ ރޭ ކުޅުނު ކުއާޓާ ފައިނަލުގެ މެޗު 1-2 އިން ކާމިޔާބު ކޮށްގެންނެވެ. ސެމީގައި ބްރެޒިލް ވާދަ ކުރާނީ އިނގިރޭސި ވިލާތާއެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޖަރުމަނުންނެވެ. މި ލަނޑު މެޗުގެ 20 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖޭން ފިއެޓް އެވެ. ބްރެޒިލުން ގިނަ ހަމަލާތަކެއް އުފައްދައި ނަތީޖާ އެއްވަރު ކުރަން މަސައްކަތް ކުރި ނަމަވެސް އެ ޓީމުގެ ފޯވާޑް ލިންކޮން އަށް ލިބުނު ގިނަ ފުރުސަތުތަކެއް ވަނީ ބޭކާރުކޮށްލާފައެވެ.
ބްރެޒިލްގެ ފުރަތަމަ ލަނޑު ފެނިގެން ގޮސްފައި ވަނީ މެޗުގެ 70 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ވީވަސަން އެވެ. އޭގެ ހަ މިނެޓު ފަހުން ޕައުލީނިއޯ ވަނީ އޭނާގެ ހިތްގައިމު ލަނޑާއެކު ބްރެޒިލް ސެމީ އަށް ގެންގޮސްދީފައެވެ.
މިއީ ބްރެޒިލް މި މުބާރާތުގެ ސެމީއަށް ދަތުރު ކުރި އަށް ވަނަ ފަހަރެވެ.
ސްޕެއިންގެ 17 އަހަރުން ދަށުގެ ޓީމު ވެސް ވަނީ އީރާނު 1-3 އިން ބަލިކޮށް މުބާރަތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. މި މެޗުގައި ސްޕެއިންގެ ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ޖަހައިދިނީ ކެޕްޓަން އަބެލް ރުއިޒް އެވެ. ދެވަނަ ލަނޑު 60 ވަނަ މިނެޓުގައި ސާޖިއޯ ގޯމޭޒް ޖަހައިދިން އިރު އޭގެ ހަތް މިނެޓު ފަހުން ތިން ވަނަ ލަނޑު ޖަހައިދިނީ ފެރްރާން ޓޮރެސް އެވެ. އީރާނުގެ ހަމައެކަނި ލަނޑު ޖަހައިދިނީ 70 ވަނަ މިނެޓުގައި ސައީދް ކަރީމީ އެވެ.
ސެމީގައި ސްޕެއިން ނިކުންނަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން މާލީ އާ ދެކޮޅަށެވެ. ސެމީ ފައިނަލުގެ ދެ މެޗު ވެސް ކުޅޭނީ އަންނަ ބުދަ ދުވަހުއެވެ.