ކޯޗާ މައްސަލަ ޖެހި، ފަރޭ މި ސީޒަނަށް ފުޓުބޯޅަ އާ ދުރަށް!

ކްލަބު ގްރީން ސްޓްރީޓްސްގެ ކެޕްޓަން ފަރުހާދު އިސްމާއިލް (ފަރޭ) ---

ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) އާ މައްސަލަ ޖެހި އެ ޓީމުގެ ކެޕްޓަން ފަރުހާދު އިސްމާއިލް (ފަރޭ) މި ސީޒަނަށް ފުޓުބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ހުކުރު ދުވަހުގެރޭ ނިއު ރޭޑިއަންޓް އަތުން 3-0 އިން ގްރީންސްޓްރީޓްސް ބަލިވި މެޗުގެ ފުރަތަމަ ހާފުގައި ފަރޭ ވަނީ ބަދަލުކޮށްފައެވެ. އެ މެޗަށް ފަހު އޭނާ ވަނީ ކޯޗު ސޮބާއަށް ނިސްބަތްވާ ފަދަ ގޮތަކަށް ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

"ސަން" އާ ވާހަކަ ދައްކަމުން ފަރޭ ބުނީ މި ސީޒަނަށް ފުޓުބޯޅަ ކުޅުން ހުއްޓާލީ ގްރީންގެ ކޯޗު ސޮބާއާ ޖެހުނު މައްސަލައަކާ ގުޅިގެން ކަމަށާއި އަންނަ ސީޒަނުގައި ގްރީން އިން ނުފެނުން އެކަށީގެންވާ ކަމަށެވެ.

"ޓީމުގެ ކޯޗު (ސޮބާ) އާ ޖެހުނު މައްސަލައެއްގެ ސަބަބުން މި ސީޒަނުގައި ނުކުޅެން މި ނިންމީ. ޓީމުގެ މެނޭޖުމެންޓާ މައްސަލައެއް ނުޖެހޭ. އަންނަ ސީޒަނުގައި ގްރީން އިން ފެންނާނެ ހެނެއް ހިޔެއް ނުވޭ،" ފަރޭ ބުންޏެވެ.

ކުރިން ގައުމީ ފެންވަރުގައި ވޮލީބޯޅަ ވެސް ކުޅެފައިވާ ފަރޭ މި އަހަރު ދެން ފެނުން އެންމެ ގާތީ ވޮލީ ކޯޓުން ކަމަށް އޭނާ ބުންޏެވެ.

"ދެން މި އަހަރު ފެނުން އެންމެ ގާތީ ފުރަތަމަ ޑިވިޝަންގެ ވޮލީ ޓީމަކުން. ޓީމަކުން ހުށަހެޅުން ވެސް އައިސްފައި ވަނީ. އެކަމަކު ފެންނާނީ ކޮން ޓީމަކުން ކަމެއް އަދި ބުނަން އަވަސް. އިރާދަކުރެއްވިއްޔާ ވޮލީން ފެނިގެންދާނެ،" ފަރޭ ބުންޏެވެ.

މި އަހަރު ގްރީންސްޓްރީޓްސްއާ ގުޅުނު ފަރޭ، ލީގުގެ ފުރަތަމަ ބުރުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަަ ހާފުގައި ބަދަލު ކުރުމުން ސަޕޯޓަރުންގެ ތެރޭގައި އިނދެ ރޫހާ ހިލާފުވާފަދަ ބަހުރުވަޔަކުން ރެފްރީއަށް ނިސްބަތްކޮށް ހަޅޭއްލި ކަމަށް ބުނެ އެފްއޭއެމުން ވަނީ އޭނާ ތިން މެޗަށް ސަސްޕެންޑްކޮށް 3000ރ. އިން ޖޫރިމަނާ ވެސް ކޮށްފައެވެ.

comment ކޮމެންޓް