ޞަޙާބީންގެ މަތިވެރިކަން -18

1 ސެޕްޓެމްބަރު 2017: ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ކުރެވުނު 1438ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

.

ތާރީޚުގެ މާވަޑީން

މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ގެ ޚަލީފާކަމުގެ ދުވަސްވަރުގެ ޙާދީޘާއެއް އިސްލާމީ ތާރީޚުގެ ތަފާތު ފޮތްފޮތުގައި ބަޔާންކުރެވިފައެވެ. އިމާމު ޖަލާލުއްދީން އަބުލް ފަރަޖު އިބުނުލް ޖައުޒީ (އަވަހާރަވީ 597 ހ. ގައި)މ އެކަލޭގެފާނުގެ ފޮތެއް ކަމުގައިވާ ތާރީޚު ޢުމަރުބުނުލް ޚައްޠާބުގައި އެ ޙާދިޘާގެ ވާހަކަ ތަންކޮޅެއް ތަފްޞީލުކޮށް ލިޔުއްވައިފައިވެއެވެ. ތިރީގައި މިވަނީ އޭގެ ތަރުޖާމާއެވެ.

އަނަސު ބިން މާލިކު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. އަހަރެމެން ޢުމަރު ބުނުލް ޚައްޠާބުގެ އަރިހުގައި ތިބީމުއެވެ. އެކަލޭގެފާނުގެ އަރިހަށް މިޞުރު މީހަކު އަތުވެއްޖެއެވެ. އޭނާ ދެންނެވިއެވެ. އޭ އަމީރުލްމުއުމިނީނެވެ. އަޅުގަނޑު ކަލޭގެފާނުގެ އަރިހުން ޙިމާޔަތް އެދެމެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. ކަލޭގެ މައްސަލައަކީ ކޮބައިހެއްޔެވެ؟ މިޞުރުމީހާ ދެންނެވިއެވެ. މިޞުރުގެ ޙާކިމް ޢަމްރުބުނުލް ޢާޞު މިޞުރުގައި އަސްރޭހެއް ބޭއްވެވިއެވެ. އެރޭހުގައި އެއް އަސް އެހެން އަސްތަކަށްވުރެ ކުރިއަރައިގެން ދިޔައެވެ. އެއީ އަޅުގަނޑުގެ އަހެކެވެ. އެހިނދު މީސްތަކުން ބައިބަޔަށް އައިސް އަޅުގަނޑު އަސް ބަލާންފެށުމުން ޢަމްރުބުނުލް ޢާޞުގެ ދަރިކަލުން މުޙައްމަދު ތެދުވެވަޑައިގެންފިއެވެ. އޭނާ ވިދާޅުވިއެވެ. ކަޢުބާގެ ވެރި ރަސްކަލާނގެ ގަންދެމެވެ. ކުރިއެރީ އަހަރެންގެ އަހެވެ. އޭނާ އަޅުގަނޑުގެ ގާތަށް ވަޑައިގެން އަޅުގަނޑަށް އޭނާ ފާހަގަކުރެވުމުން އަޅުގަނޑު ބުނީމެވެ. ކަޢުބާގެ ވެރި ރަސްކާލާނގެ ގަންދެމެވެ. ކުރިއެރީ އަހަރެންގެ އަހެވެ. އެކަމާހުރެ މުޙައްމަދު ބިން ޢަމްރު ކޯފާވެގެން " މިއެތިފަހަރު ލިބިގަންނާށެވެ. މިއެތިފަހަރު ލިބިގަންނާށެވެ. އަހަންނަކީ ދެމާތްމީހުންގެ ދަރިކަލުންނެވެ." މިހެން ވިދާޅުވަމުން އަޅުގަނޑުގެ ގައިގައި ހަންމުށީން ތަޅުއްވައިފިއެވެ.

ރާވީ ވިދާޅުވިއެވެ. މާތްﷲ ގަންދެމެވެ. ޢުމަރުގެފާނު މިޞުރުމީހާ އެކަލޭގެފާނުގެ އަރިހުގައި ބައިންދަވައިފައި ވަގުތުން ޢަމްރުބުނުލް ޢާޞަށް ސިޓީއެއްލިޔުއްވިއެވެ. އެސިޓީގައިވެއެވެ. " އަހަރެންގެ މިސިޓީ ލިބިވަޑައިގަންނަވާއިރަށް ވަގުތުން މަދީނާއަށް ވަޑައިގަންނަވާށެވެ. ކަލޭގެފާނާއެކު ކަލޭގެފާނުގެ ދަރިކަލުން މުޙައްމަދުވެސް ގެންނަވާށެވެ."

ރާވީ ވިދާޅުވިއެވެ. އެސިޓީ ލިބިވަޑައިގަތުމުން ޢަމްރުބުނުލް ޢާޞް އެކަލޭގެފާނުގެ ދަރިކަލުން ގެންނަވައި ސުވާލުކުރެއްވިއެވެ. ދަރިފުޅުގެ ފަރާތުން ކަމެއް ހިނގީހެއްޔެވެ؟ ދަރިފުޅަށް ކުށެއް ކުރެވުނީހެއްޔެވެ؟ މުޙައްމަދު ނޫނެކޭ ވިދާޅުވިއެވެ. ޢަމްރުބުނުލް ޢާޞް ވިދާޅުވިއެވެ. އެހެންވީއިރު ޢުމަރުގެފާނު ކަލެޔާމެދު މިފަދަ ސިޓީއެއް ލިޔުއްވަން ޖެހިވަޑައިގަތީ ކީއްވެގެން ހެއްޔެވެ؟ ރާވީ ވިދާޅުވިއެވެ. އެއަށްފަހު އެދެބައްޕައިކަލުން ދަތުރުކުރައްވައި ޢުމަރުގެފާނުގެ އަރިހަށް ވަޑައިގެންނެވިއެވެ.

އަނަސު ބިން މާލިކު ވިދާޅުވިއެވެ. މާތް ﷲ ގަންދެމެވެ. ޢަމްރުބުނުލް ޢާޞު ވަޑައިގެންނެވިއިރު އަހަރެމެން ތިބީ ޢުމަރުގެފާނުގެ އަރިހުގައި މިނާގައެވެ. އަހަރެމެން އެތާގައި ތިއްބައި ޢަމްރުބުނުލް ޢާޞް ވަޑައިގެންފިއެވެ. އެކަލޭފާނުގެ ހަށިކޮޅުގައި އޮތީ އިޒާރުކޮޅާކާއި ފޮށާކޮޅެކެވެ. ޢުމަރުގެފާނު އެކަލޭގެފާނާ ދިމާޔަށް އެނބުރިވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ދަރިކަލުން ދެކެވަޑައިގެންނެވުމަށްޓަކައެވެ. އެދަރިކަލުން އޭނާގެ ބައްޕާފުޅުގެ ފަހަތްޕުޅުގައި ހުންނެވިއެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. މިޞުރުމީހާ ކޮބައިހެއްޔެވެ؟ އެނާ ދެންނެވިއެވެ. " އަޅުގަނޑު އެބަހުރީމެވެ." ޢުމަރުގެފާނު ވިދާޅުވިއެވެ. "މިހަންމުށީގައި ހިފާށެވެ. ދެ މާތް މީހުންގެ ދަރިކަލުންގެ ގައިކޮޅުގައި ތަޅާށެވެ." ރާވީ ވިދާޅުވިއެވެ. މިޞުރުމީހާ މުޙައްމަދުގެ ގައިކޮޅުގައި ތެޅިއެވެ. މުޙައްމަދުގެ ގައިކޮޅުން ލޭއޮހޮރިއްޖެއުމަށް ދާންދެނެވެ.

ދެން ޢުމަރުގެފާނު ވިދާޅުވިއެވެ. ޢަމްރުބުނުލް ޢާޞުގެ އިސްތަށިފުޅުގައިވެސް ޖަހާށެވެ. މާތް ﷲ ގަންދެމެވެ. އޭނާގެ ދަރިކަލުން ކަލޭގެ ގައިގައި ތެޅުއްވީ ބައްޕަގެ ވެރިކަމުގެ ބާރުގެ ސަބަބުން ލިބުނު ގަދަކަމުގައެވެ. ނަމަވެސް ޤިބުޠީކަލޭގެ ދެންނެވިއެވެ. އަމީރުލްމުއުމިނީނެވެ. އަޅުގަނޑުގެ ގައިގައި ތެޅިމީހާގެ ގައިގައި އަޅުގަނޑު ތަޅައިފީމެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. މާތްﷲ ގަންދެމެވެ. ކަލޭގެ ޢަމްރުގެ ގައިގައި ތެޅިޔަސް އަހަރެން ކަލެއާއި އޭނާއާ ދެމެދަކަށް ހުރަހެއް ނާޅާނަމެވެ. ކަލޭގެ އަމިއްލައަށް އޭނާ ދޫކޮށްލަންދެނެވެ." އެއަށްފަހު ޢުމަރުގެފާނު ޢަމްރުބުނުލް ޢާޞާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. " އޭ ޢަމްރެވެ! ކަލޭގެފާނު މީސްތަކުން އަޅުވެތި ކުރައްވާން ފެއްޓެވީ ކޮންއިރަކުއްސުރެތޯއެވެ. ބަލަގަ އެބައިމީހުންގެ މައިން އެބައިމީހުން ވިހެއީ މިނިވަނުންގެ ގޮތުގައެވެ!"

ދެން ޢުމަރުގެފާނު ޤިބުޠީއާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. " ހިތްހަމަ ޖައްސައިލައިގެން ހުރެ އެނބުރި ރަށަށް ދާށެވެ. ކަލެއާ ދެކޮޅަށް އިތުރުކަމެއް ހިނގައިފިނަމަ އަހަންނަށް ލިޔާށެވެ."

މިޙާދިޘާއަކީ އޭގެ ބާވަތަށް ބަލާއިރު މުޅި އިންސާނީ ތާރީޚުގައިވެސް އާދަޔާ ޚިލާފު ޙާދިޘާއެކެވެ. މި ޙާދިޘާ ހާމަކޮށްދެނީ މާތް ޞަހާބީންނަކީ ކޮންކަހަލަ ބައެއްކަމެވެ. އެބޭކަލުންނަކީ މާތްﷲގެ ދީނުގެ ތާރީޚު އުފެއްދެވި ބޭކަލުންނެވެ. ޞަޙާބީންގެ ދައުރުގެ ކުރީން، މާތްﷲގެ ދީނުގެ ޙައިޘިއްޔަތަކީ ފިކުރީ ތަޙްރީކެއްގެ ޙައިޘިއްޔަތެވެ. ޞަޙާބީންނަށްފަހު މާތްﷲގެ ދީނަކީ ޙަޤީޤީ އަދި ޢަމަލީ ތާރީޚެއް އޮތް ދީނެއްކަމުގައި ވެއްޖެއެވެ.

މާތްﷲ އެދިވޮޑިގެންވަނީ އެކަލާނގެ ދީނުގެ ފަހަތުގައި ތާރީޚީ ނަމޫނާއެއް ޤާއިމުވުމަށެވެ. ނަމަވެސް އެއީ އާދައިގެ ކަމެއްނޫނެވެ. އެކަމަށްޓަކައި ބޭނުންވަނީ ދީނީ ފިކުރުގެ ބިންގަލުގެ މަތީގައި ބައިނަލްއަޤްވާމީ އިންޤިލާބެއް އައުމެވެ. އޭގެ ނަތީޖާގެ އަސަރު ދުރަށް ފޯރާކަހަލަ އިންޤިލާބަކާ ނުލައެއް އިސްދެންނެވި ބާވަތުގެ ޙާދިޘާއެއް ތާރީޚުގައި ލިޔެވޭކަށެއް ނޯންނާނެއެވެ.

ޝައްކެއްނެތެވެ. އިސްވެދިޔަ ޙާދިޘާއަކީ އިލާހީ ޢަދްލުވެރިކަމާއި އިންސާނީ މުސާވާތުގެ މަތިވެރި މިސާލެކެވެ. ނަމަވެސް މިފަދަ މިސާލެއް ޙަޤީޤަތުގެ ޢާލަމަށް ގެނައުމަށްޓަކައި ހިސާބެއްނެތްހައި ގިނަ ޤުރްބާނީ ތަކަކަށް ބޭނުންވެއެވެ. އެކަމަށްޓަކައި އެންމެ ފުރަތަމަ ބޭނުންވަނީ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ވެރިކަމުގެ ދަށުގައި ޞަހާބީން ގެންނެވިފަދަ ތަނަވަސް ދާއިރާއެއްގެ އިންޤިލާބެއް ގެނައުމެވެ. އެކަމަށްޓަކައި ދެވަނަޔަށް ބޭނުންވަނީ ޞަޙާބީންފަދަ ނަމޫނާ އިންސާނުންތަކަކަށް މުޖްތަމަޢުގައި ބާރުލިބުމެވެ. އެކަމަށްޓަކައި ތިންވަނަޔަށް ބޭނުންވަނީ އެޚަލީފާއެއްގެ ގަވަރުނަރެއްގެ ދަރިކަލެއްގެ ކުށަކާމެދު ހަންމުށީން ތެޅުމަށް އަމުރުކުރައްވާ ޚަލީފާއަކީ ޚުދު އެ ޚަލީފާއެއްގެ ދަރިކަލެއްގެ ކުށަކާހުރެ އެދަރިކަލުންގެ ގައިކޮޅުގައި ހަންމުށީން ތަޅުއްވައިފައި ހުންނެވި ޚަލީފާއެއް ކަމުގައިވުމެވެ.

ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީން މިދެންނެވި ބޮޑެތި ހުރިހާ އަގުތަކެއް އަދާކުރެއްވިއެވެ. އެބޭކަލުންގެ އަމިއްލަފުޅު ޒާތަށްޓަކައި ދިރިއުޅުއްވުމުގެ ބަދަލުގައި އެބޭކަލުން ދިރިއުޅުއްވީ މާތްﷲ ގެ ދީނަށްޓަކައެވެ. މާތްﷲ ގެ ދީނުގެ ބޭނުންވެފައިވާފަދަ، ތާރީޚެއް އުފެދުމަކީ އެކަށޭނަކަމެއް ކަމުގައިވީ އެބޭކަލުން އެކަމުގެ އަގު އަދާކުރެއްވުމުންނެވެ. އެބޭކަލުން ވަވަޑައިގަތް ޤުރްބާނީގެ ނަތިޖާއެއްގެ ގޮތުންނެވެ.

comment ކޮމެންޓް