ކަރަންޓުގެ އަގުގެ ފަރަގު ކުޑަކުރުމަށް މިދަނީ މަސައްކަތް ކުރަމުން: މިނިސްޓަރު ތާރިގު 

ފަހިއަލި ޕްރޮގްރާމުގެ ތިންވަނަ ފިޔަވަހީގެ ޕްރޮގްރާމުގެ ދަށުން ލެޑް ބޮކިތައް ރަމްޒީކޮށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ތޯރިގް އިބްރާހިމް ވާހަކަ ދައްކަވަނީ--ސަން ފޮޓޯ : އަފުރާހު މުހައްމަދު

މާލެ އާއި އަތޮޅުތަކުގައި ކަރަންޓް ފޯރުކޮށް ދޭ އަގުގެ ފަރަގު ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެންވާރަމަންޓު މިނިސްޓަރު ތާރިގު އިބުރާހިމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ކުރިއަށް ގެންދާ ހަކަތަ އިގްތިސާދު ކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ "ފަހި އަލި ޕްރޮގްރާމް"ގެ ދަށުން ލެޑްބޮކިތައް ގޭބިސީތަަކަށް ދޫކުރުމަށްޓަކާ ފެނަކަ ކޯޕަރޭޝަނާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތާރިގު ވިދާޅުވީ ރައީސް ޔާމީން ސަރުކާރާ ހަވާލުވެ ވަޑައިގެންނެވިއިރު މާލެ އާއީ ރާއްޖެތެރެ ހިމެނޭ ގޮތަށް ކަރަންޓުގެ ރޭޓްތަކުގެ ހަ ޓެރިފެއް އޮތް ކަމަށާއި ނަމަވެސް މިހާރު މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްތައް އެއް ޓެރިފަކަށް ގެންދެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މާލެ އާއި ރާއްޖެތެރޭގެ ކަރަންޓުގެ އަގުގެ ފަރަގު ކުޑަ ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށް ވެސް ތާރިގް ވިދާޅުވިއެވެ.

"ރައީސް ޔާމީން ސަރުކާރާ ހަވާލުވެ ވަޑައިގެންނެވިއިރު ރާއްޖޭގައި މާލެއާ ލައިގެން ހަ ޓެރިފެއް ރާއްޖޭގެ އެކިތަންތަނުގައި އޮތް. ނަމަވެސް އަޅުގަނޑުމެން ވަރަށް މަސައްކަތް ކޮށްގެން މިހާރު ވަނީ މާލެ އޭރިއާގެ އެއް ޓެރިފެއް. ރާއްޖޭގެ އެހެން ސަރަހައްދު ތަކަކީ އެއްޓެރިފަކަށް އާދެވިފައި. އަޅުގަނޑުމެން މި ދަނީ އަދިވެސް އިތުރަށް މަސައްކަތް ކުރަމުން އަތޮޅުތަކާއި މާލެއާ ދެމެދުގެ ފަރަގު ކުޑަކުރުމަށް،" ތާރިގު ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވާރަމަންޓް މިނިސްޓަރު ތާރިގު އިބްރާހިމް ވިދާޅުވީ މިދިޔަ އަހަރު ތައާރަފުކުރި އެނާޖީ ޕޮލިސީގެ ދަށުން އިއާދަކުރެނިވި ހަކަތައިގެ މަސައްކަތް ރާއްޖޭގައި ވަރަށް ބާރަށް ކުރަމުންދާ ކަމަށާއި މިހާރު އަމާޒު ހުރީ ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭނުން ކުރާ ހަކަތައިގެ 30 ޕަސެންޓަކީ އިއާދަ ކުރެނެވި ހަކަތައައް ހެދުން ކަމަށެވެ.

ތާރިގު ވިދާޅުވީ އިއާދަ ކުރެނެވި ހަކަތައިގެ މަސައްތަކް ހއ. އަދި ހދ. ގައި ފެށުމަށް ބަޔަކަށް ހަވާލުކުރެވިފައިވާ ކަމަށާއި އަދި ކައިރު މުސްތަގުބަލެއްގައި ށ. އަތޮޅުގައި ވެސް އެ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.

comment ކޮމެންޓް