ޕީޕީއެމުން ވެރިކަމަށް އައުމަށް ރައްޔިތުންނަށް ހުށަހެޅި މެނިފެސްޓޯގެ 80 ޕަސެންޓް ވައުދުތައް ފުރިހަމަކޮށްފައި ކަމަށް މަޖިލީހިގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ މެނިފެސްޓޯ މައިގަނޑު ގޮތެއްގައި ބެހިގެންވަނީ ތިން ދާއިރާއަކަށެވެ. އެއީ ހުރިހާ ދާއިރާތަކެއް ހިމެނޭ "ޔަގީން މެނިފެސްޓޯ" އާއި ކުޅިވަރުގެ ދާއިރާ އަށް ހާއްސަކޮށްފައިވާ މެނިފެސްޓޯގެ އިތުރުން "ޒުވާނުންގެ މެނިފެސްޓޯ" އެވެ.
ޕީއެސްއެމް ނިއުސްގައި ވާހަކަފުޅު ދައްކަވަމުން ރިފާއު މިރޭ ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް 'ހަޖަމް' ނުވެގެން އުޅެނީ ރައީސް އަބްދުﷲ ޔާމީން ގައުމަށް ގެންނަމުންދާ ތަރައްގީ ކަމަށާއި އެ ތަރައްގީ ހުއްޓުވާލުމަށް ކެނޑިނޭޅި މަސަތްކަތް ކުރަމުންދާ ކަމަށެވެ.
"މެނިފެސްޓޯގެ ވައުދަށް ކަނޑައަޅައިފިނަމަ 80 ޕަސެންޓް ވައުދުތައް ވާނީ ފުރިހަމަ ކޮށްދީފަ. އަދި އެއާއެކު މެނިފެސްޓޯގައި ނެތް އެތައް ބޮޑެތި އިތުރު ކަންތައްތަކެއް ވެސް ވަނީ ކުރެވިފައި،" އޭނާ ވިދާޅުވިއެވެ.
ރިފާއު ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުން ކޮށްދެމުންދާ ކަންތައްތަކަށް ނަޒަރު ހިންގައި، އަޅާ ކިޔާނަމަ މެނިފެސްޓޯގެ ހުރިހާ ވައުދުތަކެއް ފުރިހަމަ ވެއްޖެއޭ ވެސް ބުނެވިދާނެ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ރައީސް އަބްދުﷲ ޔާމީންގެ ބޮލުގައި އަޅުއްވަމުން ގެންދަވާ ކޮރަޕްޝަންގެ ތުހުމަތުތަކަށް ރައްދު ދެއްވައި ވާހަކަފުޅު ދައްކަވަނުން ރިފާއު ވިދާޅުވީ އެ ވާހަކަތަކަކީ އަލަށް ދައްކާ ވާހަކައެއް ނޫން ކަމަށާއި އެއީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް އައުމުގެ ކުރިން ވެސް އެ ފަރާތްތަކުން ދައްކަވަމުން ގެންދިޔަ "ހޮޅި" ވާހަކަތަކެއް ކަމަށެވެ.
ރިފާއު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ބޮޑު އަދަދެއްގެ ފައިސާތަކެއް ރައީސް ޔާމީން ނަންގަވައިގެން ހުރި ނަމަ މިއަދު އެމަނިކުފާނު ރާއްޖޭގައި ހުރުމުގެ މާނަ އެއް ނެތް ކަމަށާއި އެހެން ނަމަ މިއަދު ރައީސް ޔާމީން ހުންނަވާނީ ރާއްޖެއިން ބޭރުގައި އުފަލާ އިއްޒަތުގައި ކަމަށެވެ.
"އެގޮތަށް އަދި ދައްކަވާ ވާހަކައަކަށް މިއަދު އަދި ރައްޔިތުންނެއް ނުހެއްލޭނެ. އެއާއެކު މިއަދު ރައްޔިތުންނަށް ފެނިގެން މި ދަނީ އެ ބުނާ ކޮރަޕްޝަނާއި އެކީގައި އެއަށްވުރެ ބޮޑު ތަރައްގީގެ މަޝްރޫއުތަކެއް ކުރަމުންދާތަން،" އޭނާ ވިދާޅުވިއެވެ.