އެންމެ ފަހުގެ ޗެމްޕިއަން މާލީ އަދި އިނގިރޭސިވިލާތް 17 އަހަރުން ދަށުގެ ވޯލްޑްކަޕްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
މާލީ ސެމީ އިން ޖާގަ ހޯދީ ގުވަހަޓީގައި ގާނާ އާ ދެކޮޅަށް ކުޅުނު މެޗު 1-2 އިން ކާމިޔާބު ކޮށްގެންނެވެ. ސެމީ ފައިނަލުގައި މާލީ ކުޅެން ޖެހޭނީ މިރޭ ކުއާޓާ ފައިނަލުގައި ސްޕެއިން އާއި އީރާން ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.
ބޯ ވާރޭގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މާލީންނެވެ. މި ލަނޑު މެޗުގެ 15 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަޑްޖީ ޑްރަމޭ އެވެ. އޭގެ 45 މިނެޓު ފަހުން މާލީ ވަނީ ދެވަނަ ލަނޑެއް ޖަހައި ލިޑު ފުޅާކޮށްފަ އެވެ. މި ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި ޖަހައި ދިނީ ޑެމޮސާ ޓްރައޯރޭ އެވެ. ގާނާ ގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީ އަކުން ކުޑުސް މުހައްމަދެވެ.
އިންގްލޭންޑުން ސެމީގެ ޖާހައެއް ހޯދީ އެމެރިކާ 1-4 އިން ބަލި ކުރުމަށް ފަހު އެވެ. ގޯއާގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑުު 11 ވަނަ މިނެޓު ޖެހީ އިންގްލޭންޑްގެ ޒުވާން ފޯވާޑް ރިއާން ބްރޫވްސްޓާ އެވެ. އޭގެ ތިން މިނެޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި އިންގްލޭންޑުގެ ލީޑު ފުޅާ ކޮށްދީފަ އެވެ.
ދެވަނަ ހާފު ފެށިގެން 64 ވަނަ މިނެޓުގައި މޯގަން ގިބްސް-ވައިޓް ވަނީ އިންގްލޭންޑުގެ ތިން ވަނަ ލަނޑު ޖަހައިދީ ސެމީގެ ޖާގަ ކަށަވަރު ކޮށްދީފަ އެވެ. އެމެރިކާ އިން ޖެހި ހަމަ އެކަނި ލަނޑު 72 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޖޯޝިއާ ސާޖެންޓް އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ފަހު ސިކުންތު ކޮޅުގައި ލިބުނު ޕެނަލްޓީއެއް ގޯލަށް ވައްދާލައި ބްރޫވްސްޓާ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.
އިންގްލޭންޑް ސެމީގައި ކުޅެން ޖެހޭނީ މިރޭ ބްރެޒިލް އާއި ޖަރުމަނު ކުޅޭ ކުއާޓާ ފައިނަލު މެޗުން މޮޅުވާ ޓީމަކާ އެވެ.