ބާސާއަށް އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އާއި މަލާގާ ބައްދަލު ކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭޕީ

ސްޕެނިޝް ލީގުގައި ރޭ މަލާގާ މައްޗަށް ކުރި ހޯދައި ބާސެލޯނާއިން ލީގުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކުރީ 0-2ގެ ނަތީޖާ އަކުންނެވެ. މި މޮޅާއެކު ލީގުގެ އެއްވަނައިގައި ބާސާ މިހާރު އޮތީ 25 ޕޮއިންޓާއެކުއެވެ. ދެވަނައިގައި 21 ޕޮއިންޓާއެކު ވެލެންސިޔާ އޮތްއިރު މި ދެ ޓީމަށް ވުރެ އެއް މެޗު މަދުންކުޅެ ލީގުގެ ތިންވަނައިގައި 17 ޕޮއިންޓާއެކު އޮތީ ރެއާލް މެޑްރިޑެވެ.

މެޗުގެ ފުރަތަމަ ހާފު ފެށިގެން ދެވަނަ މިނެޓު ތެރޭގައި ބާސާ ވަނީ ލީޑުނަގައިފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖެރާޑް ޑެއިލެފޫއެވެ. މި ގޯލަށްފަހު ބާސާއިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ފުރަތަމަ ހާފްގައި ތަނަވަސްކުރެވިފައެއް ނުވެއެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ބާސާއިން ނިންމާލިއިރު އެޓީމުގެ ދެވަނަ ގޯލު، މެޗުގެ 56 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަންދްރޭ އިނިއެސްޓާއެވެ. މިއީ 2015 ވަނަ އަހަރަށްފަހު ލީގުގައި އިނިއެސްޓާ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

މީގެއިތުރުން ވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ބާސާ އިން ވަނީ މި ހާފުގައި ތަނަވަސްކޮށްފައެވެ. އެގޮތުން ސުއަރޭޒަށް ލިބުނު ދެ ފުރުސަތު ފާހަގަކޮށްލެވެއެވެ.

ލީގުގައި މިރޭ ރެއާލް މެޑްރިޑާ ބައްދަލުކުރާނީ އެއިބާއާއެވެ. ރެއާލްގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ ރާއްޖޭ ގަޑިން 23:45 ގައެވެ.

comment ކޮމެންޓް