އަޅުގަނޑަށް ކާމިޔާބު ލިބުނީ ދުވަސްވީ މީހެއްގެ ބަސް އަހައިގެން: ރައީސް ވަހީދު

ރައީސް ވަހީދު، އެމަނިކުފާނު އަނބިކަނބަލުން އިލްހާމާއެކު: އުމުރުން ދުވަސްވެފައިވާ ދޮށީ އުމުރުގެ މީހުންގެ ވިސްނުން މާ ފުރިހަމަ ކަމަށް ވިދާޅުވި-- ސަން ފައިލް ފޮޓޯ

ދިރިއުޅުމުގައި ކާމިޔާބު ލިބުނީ ދުވަސްވީ މީހެއްގެ ބަސް އަހައިގެން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެެވެ.

އެވިޑް ކޮލެޖްގެ މި އަހަރުގެ ދަސްވެނިމުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ރޭ ވިދާޅުވީ އެމަނިކުފާނު ސްކޫލް ނިންމުމަށްފަހު ވަޒީފާ އަދާކުރެއްވީ މަދްރަސަތުލް އާލިޔާގައި ޕާޓްޓައިމް ޓީޗަރަކަށް ކަމަށާއި އެދުވަސްވަރު ސަރުކާރުން މަތީ ތައުލީމަށް ސްކޯލާޝިޕްތައް އިއުލާން ކުރިނަމަވެސް އެމަނިކުފާނު ޝައުގުވެރިކަން އޭރު މަތީތައުލީމަށް ނެތް ކަމަށެވެ.

ވަހީދު ވިދާޅުވީ އެ ދުވަސްވަރު މަތީ ތައުލީމަށް ދިވެހިން މާ ބޮޑު ޝައުގުވެރިކަމެއް ނުހުންނަ ކަމަށާއި އަދި އެ ދުވަސްވަރު މުހިންމީ ކާމިޔާބުކަމާއި ސެކެޓްރީކަމުގެ ސަނަދު ނެގުން ކަމަށެވެ. އަދި އެމަނިކުފާނު ހުންނެވީ އެ ހުރިހާ ސަނަދެއް ވެސް ނަގައިގެން ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ. އަދި އެމަނިކުފާނު މަތީ ތައުލީމުގެ ސްކޯލާޝިޕަށް ކުރިމަތިލީ އާލިއާ ސްކޫލުގެ އޭރުގެ ޕްރިންސިޕަލްގެ ބާރުއެޅުމުގެ މަތިން ކަމަށާއި އެ ދުވަހު މުސްކުޅިއެއްގެ ބަސް ނޭހިނަމަ، ކާމިޔާބުގެ ހަރުފަތަށް ނޭރޭނެ ކަމަށް ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ ދުވަސްވީ މީހުންގެ ވިސްނުން ފުރިހަމަވެގެންދާ ކަމަށާއި ބުއްދިއަކީ އެތައް އަހަރެއްގެ ތަޖުރިބާގެ ސަބަބުން މީހުންގެ ވިސްނުން ފުރިހަމަވުން ކަމަށެވެ. އަދި ވިދާޅުވީ ދުވަސްވީ މީހުންގެ ނަސޭހަތް އަޅުގަނޑުމެން އަހަންޖެހޭ ކަމަށެވެ.

"ދުވަސްވީ މީހުންގެ ވިސްނުން ފުރިހަމަ ވެގެންދޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބުއްދިއަކީ މިއީ ތަޖުރިބާގެ ސަބަބުން މީހާގެ ވިސްނުމަށް ލިބޭ ކުރިއެރުމެއް. އެހެންކަމުން ދުވަސްވީ މީހުންގެ ނަސޭހަތް އަޑުއަހާ ދުވަސްވީ މީހުން ބުނާ އެއްޗެއް ވެސް ގަބޫލު ކުރުމަކީ މުހިންމު ކަމެއް. ދުވަސްވީ މީހެއްގެ ބަސް ނޭހިނަމަ އަޅުގަނޑު މިތާ މިއަދު ނުހުރީސް،" ރާއްޖޭގެ ފަސް ވަނަ ރައީސްކަން ކުރެއްވި ރައީސް ވަހީދު ވިދާޅުވިއެވެ.

comment ކޮމެންޓް